އީޕީއޭ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ލިބިފައިނުވޭ: އޮޑިޓް

އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ މިހާތަނަށް ވެސް ލިބިފައިނުވާ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.

މިއަދު އާންމުކޮށްފައިވާ އެމިނިސްޓްރީގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ފާހަގަކޮށްފައިވާ މައިގަނޑު ތިން ކަމެއްވެ އެވެ. އެގޮތުން މިނިސްޓްރީގެ ޚަރަދުތައް ބަޔާންކުރުމުގައި ކޭޝް އެކައުންޓިންގެ އުސޫލުތަކާ ޚިލާފުވެފައިވުމާއި މާލިއްޔަތު ގާނޫނާ އެއްގޮތަށް ހަރުމުދަލާއި ހަރުމުދަލުގެ ހިސާބުތައް ބަލަހައްޓާފައި ނުވުން އަދި ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބުން ހިމަނާފައިވެ އެވެ.

އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ އީޕީއޭއިން ކޮށްފައިވާ ޖޫރިމަނާތަކުގެ ތެރެއިން 2015 ވަނަ އަހަރުގެ ނިޔަލަށް އީޕީއޭއަށް ލިބެންޖެހޭ ކަމަށް ލިޔެކިއުންތަކުން ދައްކާ 19،075،760 މިލިއަން ރުފިޔާ މިހާތަނަށް ވެސް ލިބިފައިނުވާ ކަމަށެވެ. އަދި އޭގެ ތެރޭގައި 2009 ވަނަ އަހަރާއި 2011 ވަނަ އަހަރުކޮށްފައިވާ ޖޫރިމަނާތައް ހިމެނޭ ކަމަށްވެސް ޒިޔަތު ފާހަގަކޮށްފައިވެ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ޖޫރިމަނާ ކުރެވޭ ވަގުތުން ފެށިގެން ޖޫރިމަނާ ކުރެވޭ ފަރާތަށް ގަވާއިދުން ލިބިދޭ އިސްތިއުނާފުގެ ފުރުސަތަށް އެފަރާތުން އެދުމުން އީޕީއޭއަށް ގާނޫނުން ލިބިދޭ ފައިސާ ހޯދުމުގެ ބާރު ހަނިވެގެން ދާ ކަމަށް އީޕީއޭއިން ބުނެފައިވާ ކަމަށެވެ. އަދި މިފައިސާ ނުލިބިވާ ސަބަބެއް ކަމަށް އީޕީއޭން ދައްކާފައިވާ ހުއްޖަތަކީ މިއީ އެވެ.

ޒިޔަތު ވިދާޅުވެފައިވަނީ، ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި އެ އޮފީހުން އަޅަންޖެހޭ ފިޔަވަޅުތައް އެނގޭ ގޮތަށް ބެލެހެއްޓުމަށް މާލިއްޔަތު ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް އީޕީއޭ އިން އެފަދައިން އަމަލުކޮށްފައިނުވާ ކަމަށެވެ.

މި މައްސަލަ އިސްލާހު ކުރުމަށް ޒިޔަތު ވަނީ އެ މިނިސްޓްރީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ، މާލިއްޔަތު ގާނޫނާ އެއްގޮތަށް ހޯދަން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި އެ ފައިސާ ހޯދުމަށް އަންގާފަ އެވެ. އަދި ފިޔަވަޅު އެޅުމަށްފަހުގައި ވެސް ފައިސާ ނުލިބިއްޖެ ނަމަ ޝަރީއަތަށް ގޮސްގެން ފައިސާ ހޯދުމަށްވެސް ޒިޔަތު ވަނީ އެ މިނިސްޓްރީއަށް އަންގައިފަ އެވެ.

comment ކޮމެންޓް