"ޓްރީ މޭން" ސިންޑްރޯމްގެ ޝިކާރައަކަށްވީ ފުރަތަމަ އަންހެން ކުއްޖާ ބަންގުލަދޭޝްގައި

ޑޮކްޓަރުން ލަފާ ކުރާ ގޮތުގައި ސަހާނާއަކީ ޓްރީ މޭން ސިންޑްރޯމް ހުންނަ ފުރަތަމަ އަންހެންކުއްޖާ -- ފޮޓޯ: އޭއެފްޕީ

ދުނިޔެއިން މަދުން ފެންނަ ބައްޔެއް ކަމަށްވާ 'ޓްރީ މޭން ސިންޑްރޯމް'ގެ ނަމުން މަޝްހޫރުވެފައިވާ ބަލި ޖެހުނު ފުރަތަމަ އަންހެން ކުއްޖަކީ އުމުރުން 10 އަހަރުގެ ބަންގުލަދޭޝްގެ ކުއްޖެއް ކަމަށް އެ ގައުމުގެ ޑޮކްޓަރުން ބުނެފި އެވެ.

ހަމައެކަނި ފިރިހެނުންގެ ގައިން މީގެ ކުރިން ފެނިފައިވާ ޖެނެޓިކް ބައްޔެއް ކަމަށްވާ ޓްރީ މޭން ސިންޑްރޯމް ނުވަތަ އެޕިޑެމޮޑިސްޕްލޭޝިއާ ވެރަޝިފޯމިސް ޖެހުމުން، ގަހުގެ ބޭރު ތޮށިގަނޑު ފަދަ އެއްޗެއް ހަށިގަނޑުގައި ފަޅަ އެވެ.

ބަންގުލަދޭޝްގެ ވެރިރަށް ޑާކާގެ ޑޮކްޓަރުން ލަފާ ކުރާ ގޮތުގައި ސަހާނާ ކަތުންގެ މޫނުގައި ފަޅާފައި ވަނީ އެބަލި ޖެހުމުން ގައިގައި ފަޅާ އެއްޗެހިތަކެވެ.

މީގެ ކުރިން ވެސް ޓްރީ މޭން ސިންޑްރޯމް ޖެހުމުގެ ސަބަބުން ބަންގުލަދޭޝްގެ އެހެން މީހަކަށް ވެސް ދުނިޔޭގެ ސަމާލުކަން ލިބުނެވެ. އަބުލް ބަޖަންދަރު ނަމަކަށް ކިޔާ އެ މީހާގެ އަތާއި ފައިގައި ފަސް ކިލޯގެ އެއްޗެހި ފަޅާފައި ވުމުން 10 އަހަރު ވަންދެން އޭނާއަށް އެއްވެސް މަސައްކަަތެއް ނުކުރެވެ އެވެ.

ނަމަވެސް މިއަހަރުގެ ކުރީކޮޅު، 16 އޮޕަރޭޝަނަށް ފަހު ބަޖަންދަރު ވަނީ އޭނާގެ ދަރިފުޅު އުރާލަން ލިބުމުގެ ފުރުސަތު ލިބުމުން އުފާފާޅުކޮށްފަ އެވެ.

ސަހާނާއަށް ޖެހިފައި ވަނީ ބަޖަންދަރުއަށް ޖެހުނު ޓްރީ މޭން ސިންޑްރޯމްތޯ ޔަގީން ކުރަން މަސައްކަތް ކުރަމުން ދަނީ ބަޖަންދަރުއަށް ފަރުވާ ދިން ޑާކާގެ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގެ ޑޮކްޓަރުންނެވެ.

އުމުރުން 10 އަހަރުގެ ސަހާނާ އޭނާގެ ބައްޕައާ އެކު -- ފޮޓޯ: އޭއެފްޕީ

ސަހާނާގެ ބައްޕަ ވަނީ އޭނާގެ ދަރިފުޅުގެ ހާލަތާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"އަޅުގަނޑުމެންނަކީ ވަރަށް ފަގީރު މީހުން. އަޅުގަނޑުގެ ދަރިފުޅުގެ އުމުރުން ހަ އަހަރުގައި އޭނާގެ މަންމަ ވަނީ މަރުވެފައި. އަޅުގަނޑު އުއްމީދު ކުރަން އަޅުގަނޑުގެ ދަރިފުޅުގެ ރީތި މޫނުން ޑޮކްޓަރުން އެއެއްޗެހި ނައްޓަދޭނެ ކަމަށް،" ސަހާނާގެ ބައްޕަ ބުންޏެވެ.

ސަހާނާގެ ޑޮކްޓަރުން އުއްމީދު ކުރާ ގޮތުގައި އޭނާއަށް ޖެހިފައި ވަނީ އެބަލީގެ ގަޔަށް ފެތުރޭ މިންވަރު ކުޑަ ބާވަތެކެވެ. އެހެންކަމުން ސަހާނާއަށް ފަރުވާ ދިނުމުން އޭނާ އަވަހަށް ރަނގަޅު ވާނެ ކަމަށް ޑޮކްޓަރުން އުއްމީދު ކުރެ އެވެ.

ޓްރީ މޭން ސިންޑްރޯލް ޖެހުމުން ހިއުމަން ޕެޕިލޯމާ ވައިރަސް ކިޔާ އިންފެކްޝަނެއް ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ. އެ އިންފެކްޝަނަކީ އެއްވެސް އަލާމާތެއް ނެތި އާއްމުކޮށް ރަނގަޅުވާ އިންފެކްޝަނެއް ނަމަވެސް، ރަނގަޅު ނުވެ ހުންނަ ނަމަ އެސްވަޅު އުފެދެ އެވެ. ޓްރީ މޭން ސިންޑްރޯމް ޖެހުމުން އުފެދޭ "ގަސް ތޮށި" އަކީ އެޗްޕީވީއާ ގުޅުން ހުރި ކަމެއް ކަމަށް ބައެއް ސައިންސުވެރިން ލަފާ ކުރެ އެވެ. (ބީބީސީ)

comment ކޮމެންޓް