މާލެ-ކޮލޮމްބޯ ފްލައިޓުތައް ފުރިއްޖެ! އައްޑޫގައި ޓްރާންސިޓުކުރަން އިލްތިމާސްކޮށްފި

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ސްރީލަންކަން އެއާލައިންސް އިން މާލެ އާއި ކޮލޮމްބޯއާ ދެމެދު ދަތުރުކުރާ ފްލައިޓުތައް ފެބްރުއަރީ މަސް ނިމެންދެން ފުލްވެފައި ވާތީ، އެ އެއާލައިން މެދުވެރިކޮށް ލަންކާއިން މާލެ އަންނަން ބޭނުންވާ ފަރާތްތައް އައްޑޫ ސިޓީގެ މަގުން ދަތުރުކުރުމަށް އެ އެއާލައިނުން އިލްތިމާސްކޮށްފި އެވެ.

މި އަހަރުގެ ޖެނުއަރީ މަހު، ކޮލޮމްބޯގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ރީސާފޭސް ކުރުމުގެ މަސައްކަތް ކުރުމަށް ޓަކައި، ކޮންމެ ދުވަހަކު ދުވާލުގެ އަށް ގަޑިއިރު އެއާޕޯޓު ބަންދުކުރެއެވެ. އެއާޕޯޓު ބަންދުކުރާ ވަގުތާއި، މާލެއާ ކޮލޮމްބޯއާ ދެމެދު ދަތުރުކުރާ ދެ ފްލައިޓެއް ވެސް ދިމާވާތީ، އެ ދެ ފްލައިޓު ވަނީ ކެންސަލް ކޮށްފަ އެވެ.

އެހެންކަމުން އޭޕްރިލް މަހު، ލަންކާގެ އެއަޕޯޓު މަރާމާތުކޮށް ނިމެންދެން، މާލެ އާއި ކޮލޮމްބޯއާ ދެމެދު ދުވާލަކު ދަތުރުކުރާނީ ސްރީލަންކަން އެއާލައިންސްގެ ދެ ފްލައިޓެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ކަންޓްރީ މެނޭޖަރު ރޯޝަން މަދުރާވަލަ މިއަދު "ސަން" އަށް ވިދާޅުވި ގޮތުގައި، މި ދުވަސްވަރު ދަތުރުކުރަނީ އެންމެ ދެ ފްލައިޓު ކަމަށް ވާ އިރު، ފެބްރުއަރީ މަސް ނިމުމާ ހަމައަށް ހުރިހާ ފްލައިޓެއް އޮތީ ފުލްކޮށް ބުކް ކޮށްފަ އެވެ.

"ފްލައިޓުތައް ފުލްވެފައި އޮތީމާ އަޅުގަނޑުމެންނަށް އިތުރަށް ޓިކެޓު އިޝޫއެއް ނުކުރެވޭނެ އެ ފްލައިޓުތަކަށް،"

ސްރީލަންކާގައި 12،000 އަށް ވުރެ ގިނަ ދިވެހީން ދިރިއުޅޭ އިރު، ދިވެހީންގެ ގިނަ ބަޔަކު އެގައުމަށް އެކި ބޭނުންތަކުގައި އަބަދުވެސް ދަތުރުކުރެ އެވެ.

ރޯޝަން ވިދާޅުވީ ފްލައިޓުތައް ފުލްވެފައި ހުރި ނަމަވެސް، ކޮލޮމްބޯއިން މާލެ އައުމަށް އެދޭ ގިނަ ބަޔަކު އަދިވެސް ތިބުމާ އެކު، ސްރީލަންކަން އިން އިލްތިމާސްކުރަނީ އައްޑޫ ސިޓީ މެދުވެރިކޮށް، ކޮލޮމްބޯ އިން މާލެއަށް ދަތުރުކުރުން ކަމަށެވެ.

"އަޅުގަނޑުމެން ސަޖެސްޓްކުރަނީ ސްރީލަންކަންގައި މާލެއިން ކޮލޮމްބޯއަށް ގޮސް، ކޮލޮމްބޯއިން އެނބުރި މާލެ އައުމަށް ޓަކައި، ސްރީލަންކަންގައި ކޮލޮމްބޯއިން އައްޑޫ ސިޓީއަށް ދަތުރުކުރުމަށް ފަހު ގަމުން ޑޮމެސްޓިކް ފްލައިޓެއްގައި މާލެ ދިއުމަށް،" ރޯޝަން ވިދާޅުވި އެވެ.

މިހާރު ވެސް ގިނަ ބަޔަކު އެކަން އެގޮތަށް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ތާށި އަރައިގެން އުޅެނީ ބަންޑާރަނަޔަކަ އެއާޕޯޓު ބަންދުކުރުމުން ފްލައިޓު މަދުވާތީ، މިދުވަސްވަރު މާލެއާއި ކޮލޮމްބޯއާ ދެމެދު އެންމެ ދެ ފްލައިޓު ދުވާލަކު ދަތުރުކުރަނީ،" ރޯޝަން ވިދާޅުވި އެވެ.

ސްރީލަންކަން އެއާލައިންސްގެ، ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް އޭވިއޭޝަން ސާވިސެސްގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ފިރާގު ވިދާޅުވީ ކޮލޮމްބޯއާ ގަމާ ދެމެދު ދަތުރުކުރާ ފްލައިޓުތަކުގައި ޖާގަ ހުންނާނެ ކަމަށާއި އެހެންކަމުން ސްރީލަންކަންގައި ކޮލޮމްބޯ އިން މާލެ އަންނަން އެދޭ ފަރާތްތަކުން އައްޑޫ ސިޓީ މެދުވެރިކޮށް ދަތުރުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ސްރީލަންކަން އެއާލައިންސްއިން ކޮލޮމްބޯއާއި އައްޑޫ ސިޓީއާ ދެމެދު ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ސްރީލަންކަން އެއާލައިންސް އިން ގަމާ ކޮލޮމްބޯއާ ދެމެދު ދަތުރު ކުރާނީ ހަފްތާގެ ހޯމަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު އެވެ.

comment ކޮމެންޓް