ކައުންސިލް އިންތިހާބު ބާއްވާ ތާރީހު ބަދަލުކޮށްފި

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ (ވ) އަދި ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް--- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭޕްރީލް މަހުގެ މަހުގެ އަށް ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު އެޕްރީލް 15 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.

އިންތިހާބު ބާއްވާ ތާރީހު ބަދަލު ކުރީ އިންތިހާބުގެ ވޯޓު ފޮށިތައް ބަހައްޓާ ސްކޫލުތައް ނުލިބުމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ އިންތިޚާބު ފަސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް އެދިފައިވާ ކަމަށެވެ.

އަމްޖަދު ވިދާޅުވީ ޕްރިންސިޕަލުންނާއި ޓީޗަރުން ހިމެނޭ ގޮތަށް ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ބަޔަކު އިންތިޚާބުގެ ކަންތައްތަކުގައި އެ ކޮމިޝަންގެ ފަރާތުން ހަރަކާތްތެރިވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ އިންތިޚާބު ބާއްވާ ތާރީޚު ބަދަލުކުރީ އިންތިޚާބާ ގުޅޭ ގޮތުން ގައުމީ ލަފާދޭ ކޮމެޓީގައި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީތަކުން ބައިވެރިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ފާހަގަކޮށްލަން މިއަދު އިންތިޚާބު ބާއްވާ ތާރީޚު ބަދަލުވެގެން ދިޔައީ ގައުމީ ލަފާދޭ ކޮމެޓީގެ ހުރިހާ ބޭފުޅުންގެ އިއްތިފާގާ އެކުގައި،" އަކްރަމް ވިދާޅުވި އެވެ.

އިންތިޚާބު ބާއްވާ ތާރީޚު ބަދަލުވުމުން ވޯޓާސް ލިސްޓަށް ބަދަލުތަކެއް އަންނާނެ އެވެ. ސަބަބަކީ އޭޕްރީލް 15 ވަނަ ދުވަހަށް 18 އަހަރު ފުރޭ މީހުން އެ ލިސްޓަށް އިތުރުކުރަންޖެހޭތީ އެވެ.

comment ކޮމެންޓް