ހުޅުމާލޭގައި ވޯޓާ ސްޕޯޓްސް ހިންގަން ބިމެއް ދޫކުރަނީ

މިނިވަން 50 އާ ގުޅިގެން ކުރިއަށް ގެންދިޔަ މޫދު ކުޅިވަރު ހަރަކާތުގެ ތެރެއިން --- ފޮޓޯ ޕީއެސްއެމް

ހުޅުމާލޭ އިރުމަތީ ފަރާތު ބީޗުގައި ވޯޓާ ސްޕޯޓްސް ހިންގަން ބިމެއް ދޫކުރަން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން (އެޗްޑީސީން) އިއުލާންކޮށްފިއެވެ.

ހުޅުމާލޭގައި ވޯޓާސްޕޯޓްސް ހިންގަން ޝައުގުވެރިވެލައްވާ ފަރާތްތަކުން އެ ބިން ގަތުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު މި ކަމަށް އެދި ހުށަހެޅޭނީ 100 ޕަސެންޓު ދިވެހި ކުންފުންޏަކަށެވެ. އަދި މި މަސައްކަތާ ހަވާލުވެ ބިން ގަންނަ ފަރާތުން އެ މަސައްކަތުގެ ހުރިހާ ޚަރަދެއް އުފުލަން ޖެހޭނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

މި ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހަޅާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި 50،000 ރުފިޔާ ބަހައްޓަން ޖެހެއެވެ.

ބިޑު ހުޅުވުން އޮންނާނީ 14 ފެބްރުއަރީވާ ދުވަހުގެ ހެނދުނު 11:00ގައެވެ.

ބިޑު ކާމިޔާބުވާ ފަރާތަށް މަސައްކަތުގެ ޑިޒައިން ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދޭނެ އެވެ. އަދި މި މުއްދަތުގެ ތެރޭގައި ޕާފޮމެންސް ސެކިއުރިޓީގެ ގޮތުގައި 200،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

މި ބިން ކުއްޔަށް ދޫކުރަނީ މަހަކު ކޮންމެ އަކަ ފޫޓަކަށް 15 ރުފިޔާގެ ރޭޓުން 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެޗްޑީސީން ދޫކުރާ މި ބިމުގައި ޖުމްލަ ހަތަރު ޕްލޮޓް އަޅަން ޖެހެއެވެ. ކޮންމެ ޕްލޮޓެއްގެ ބޮޑުމިނުގައި 1001 އަކަ ފޫޓު ހުރެއެވެ.

ހުޅުމާލޭގައި ވޯޓާ ސްޕޯޓްސް ހިންގަން ބިމެއް ދޫކުރަން އިއުލާންކޮށް އެޗްޑީސީން ނެރުނު އިއުލާނާ އެކު "މޫދު ކުޅިވަރު ކުޅުމަށް ހުޅުމާލޭގެ އިރުމަތީ ގޮނޑުދޮށް ސަރަހައްދާއި މޫދު ބޭނުން ކުރުމާ ބެހޭ ގަވާއިދު" ވަނީ އާންމުކޮށްފައެވެ.

އެ ގަވާއިދުގައިވާ ގޮތުގައި އެ ގަވާއިދަށް އަމަލު ކުރަން ފަށާނީ، ގަވާއިދު އެ ކުންފުނީގެ ވެބްސައިޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ. އެހެންކަމުން އިއްޔެއިން ފެށިގެން އެ ގަވާއިދަށް އަމަލުކުރަން ފަށާނެ އެވެ.

comment ކޮމެންޓް