މޫނު ބުރުގާ ނުނެގުމުން ސިވިލްސާވަންޓަކު ވަޒީފާއިން ވަކިކޮށްފި

މޫނު ބުރުގާ އަޅާފައި: ވަޒީފާއިން ވަކިކުރީ ގުރުއާން ކިޔަވައިދޭ ޓީޗަރެއް-- ފައިލް ފޮޓޯ

އއ. ރަސްދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވައިދެމުން އަންނަ މޫނު ބުރުގާ އެޅި ޓީޗަރަކު، މޫނު ބުރުގާ ނުނެގުމުން ވަޒީފާއިން ވަކިކޮށްފި އެވެ.

އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަލީ ނައީމް "ސަން"އަށް މިރޭ ވިދާޅުވީ، އެ ސްކޫލުގައި ޤުރުއާން ކިޔަވައިދެމުން އަންނަ ޓީޗަރެއްގެ ކޮންޓްރެކްޓް މިއަދުން ފެށިގެން ބާތިލްކޮށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

ވަޒީފާއިން އެ ޓީޗަރު ވަކިކުރީ "ސިވިލް ސާވިސް މަސައްކަތުގައި މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތް" ބަޔާން ކުރާ ގަވާއިދުގެ ދަށުން، މަސައްކަތުގެ މާހައުލުގައި އުޅޭއިރު މޫނު ނިވާ ނުކޮށް އުޅުމަށް ނަސޭހަތް ދިނުމަށްފަހު، އެގޮތަށް އަމަލު ނުކުރުމުންނެވެ.

ސިވިލް ސާވިސް މަސައްކަތުގައި މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތް ބަޔާން ކުރާ ޗެޕްޓާ 14 ގެ 145 ވަނަ މާއްދާގެ (ހ)ގައި ބުނަނީ ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީ ވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުއާމަލާތް ކުރާ ފަރާތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭތީ، ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން އެނގޭފަދަ ގޮތެއްގަ އެވެ.

ރަސްދޫގައ ި ޓީޗަރަކު ވަޒީފާއިން ވަކި ކޮށްފައިވާއިރު، އއ. މަތިވެރި ޕްރައިމަރީ ޓީޗަރަކު މޫނު ބުރުގާ އަޅައިގެން، ސްކޫލަށް ނުނިކުތުމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގި މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ. މޫނު ބުރުގާ އަޅައިގެން ތުއްތު ކުދިންނަށް ކިޔަވައި ދެމުން ދަނިކޮށް މިދިޔަ އަންގާރަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން އެ ޓީޗަރަށް އަންގާފައި ވަނީ ކާކުކަން އެނގޭ ގޮތަށް ސުކޫލަށް ނުކުތުމަށެވެ.

comment ކޮމެންޓް