ދުނިޔޭގެ އެންމެ ބޮޑު އެޑިއުކޭޝަން ކުންފުންޏާއެކު ޓީޗަރުންގެ އިނގިރޭސި ފެންވަރު މަތިކުރަން ފަށަނީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް (ވ) އެޑިއުކޭޝަން ފަސްޓުގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން .-- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ދިވެހި މުދައްރިސުންގެ އިނގިރޭސި ފެންވަރު ރަނގަޅު ކުރުމަށް ދުނިޔޭގެ އެންމެ ބޮޑު ޕްރައިވެޓް އެޑިއުކޭޝަން ކުންފުންޏާ ގުޅިގެން ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް މަޝްވަރާ ކޮށްފިއެވެ.

އެ މަޝްވަރާތައް ކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ލަންޑަނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިނގިރޭސި ވިލާތުގެ ޗެލްސީގައި ހުންނަ އެޑިއުކޭޝަން ފަސްޓް (އީއެފް)ގެ އިސް ބޭފުޅުންނާއެކުގައެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް (ވ) އެޑިއުކޭޝަން ފަސްޓުގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން .-- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

އެ މަޝްވަރާތަކުގައި އެޑިއުކޭޝަން މިނިސްޓަރު ވަނީ، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދިވެއްސާއި އިސްލާމާއި ގުރުއާން އަދި އަރަބި ބަސް ނޫން އެހެން ހުރިހާ މާއްދާތަކަކީ އިނގިރޭސި ބަހުން ކިޔަވައިދޭ މާއްދާތަކަށްވާތީ، ހުރިހާ މާއްދާއެއްގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި ޓީޗަރުންނާއި ދަރިވަރުންގެ އިނގިރޭސި ބަހުގެ ފެންވަރު ރަނގަޅުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ފާހަގަ ކުރައްވާފައެވެ.

އީއެފްގެ މައި އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ދިވެއްސާއި އިސްލާމާއި ގުރުއާން އަދި އަރަބި ބަސް ނޫން އެހެން ހުރިހާ މާއްދާއެއް ކިޔަވައިދެއްވާ ޓީޗަރުން ތަމްރީނު ކުރުމަށް މިނިސްޓްރީ އާއި އީއެފްއާ ގުޅިގެން ހިންގުމަށް ރޭވިފައިވާ ތަމްރީނު ޕްރޮގްރާމްތަކާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް (ވ) އެޑިއުކޭޝަން ފަސްޓުގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން .-- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

އެ ތަމްރީން ޕްރޮގްރާމް ހިންގުމަށް ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ނިންމުމަށް އީއެފްގެ އިސްވެރިންގެ ވަފުދެއް އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އާއި އީއެފުން ސޮއިކޮށް، ވީ އެންމެ އަވަހަކަށް އެ ތަމްރީންތައް ފެށިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ޓެކްނޮލޮޖީގެ އެހީގައި ބަހެއް އުނގެނުމަށް ބޭނުން ކުރެވޭ ގޮތްތައް އިތުރަށް ތަރައްގީ ކުރުމަށް ހާއްސަވެފައިވާ އީއެފް އުފެދިގެން އައިތާ 52 އަހަރުވެފައިވާއިރު، 50 ގައުމެއްގައި އެ ކުންފުނީގެ 500 ސްކޫލް ހިންގަމުންދެ އެވެ.

އީއެފަށް ނިސްބަތްވާ 15 ގުލޯބަލް ޑިވިޝަންތައް ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާއިރު، ކިޔަވާދިނުމަށް 300 އަށްވުރެ ގިނަ ލިންގުއިސްޓުންނާއި ޑިޒައިނަރުން އަދި ޑިވެލޮޕަރުންނާއި ޓީޗަރު ޓެރެއިނަރުން އެ ކުންފުނީގެ ދަށުން ހަރަކާތްތެރިވެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް (ވ) އެޑިއުކޭޝަން ފަސްޓުގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން .-- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

comment ކޮމެންޓް