ސަރުކާރުން ތަމްރީނުކުރާ ފޮޓޯގްރާފަރުންނަށް ވަޒީފާ ފަހިކޮށްދިނުމަށް އެދިއްޖެ

މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ތައުފީގު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އިކޮނޮމިކް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ 1000 ފޮޓޯގްރާފަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން ތަމްރީނު ފުރިހަމަކުރާ ފޮޓޯގްރާފަރުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން އެދިއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ، ފޮޓޯގްރަފީގެ ދާއިރާއަކީ ރަނގަޅު އާމްދަނީއެއް ހޯދިދާނެ ދާއިރާއަކަށްވާ އިރު، ރާއްޖޭގައި ދިވެހި ފޮޓޯގްރާފަރުން ތަމްރީނުކޮށް އެ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.

އެގޮތުން އެއްވެސް ފީއަކާ ނުލައި ސެޓްފިކެޓް ތިނެއް އަދި ސެޓްފިކެޓް ހަތަރެއް ނުވަތަ އެޑްވާންސް ލެވެލްގެ ސެޓްފިކެޓް ކޯސް ސަރުކާރުން އެއްވެސް ފީއަކާ ނުލައި ހިންގައިދޭ އިރު، މިހާރު އަންނަނީ 350 ފޮޓޯގްރާފަރުން ތަމްރީނުކުރަމުންނެވެ.

"އަޅުގަނޑުމެން ހަމަ އިލްތިމާސްކުރަން މި ފޮޓޯގްރަފީ ދާއިރާގެ ވަޒީފާތައް ހުރި ފަރާތްތަކަށް، މި ތަމްރީނު ފުރިހަމަ ކުރާ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ އެ ފަރާތްތަކަށް ވަޒީފާ ދިނުމަށް،" ތައުފީގު ވިދާޅުވި އެވެ.

އެ ކޯހަކީ އޮންލައިންކޮށް ހިންގާ ކޯހެކެވެ. އެގޮތުން ސެޓްފިކެޓް ތިނެއް ނިންމުމަށް ފަހު، ބޭނުންވާ ފަރާތްތަކަށް އެޑްވާންސް ލެވެލް ނުވަތަ ސެޓްފިކެޓް ހަތަރެއް ހެދުމަށް އެއްވެސް ފީއެއް ނުދައްކައި ބައިވެރިވެވޭނެ އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ފޮޓޯގްރަފީ ދާއިރާގައި ވަޒީފާ ދޫކުރާ ފަރާތްތަކަށް އަދި ހާއްސަކޮށް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން، ދިވެހި ފޮޓޯގްރާފަރުންނަށް ވަޒީފާގެ ފުރުސަތުތަށް ފަހިކޮށްދިނުމަށް ސަރުކާރުން އެދޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ތަމްރީނު ޕްރޮގްރާމްގެ ދަށުން ޖުމްލަ 1000 ފޮޓޯގްރާފަރުން ތަމްރީނުކުރާނެ ކަމަށެވެ. އަދި މިހާރު 350 ފޮޓޯގްރާފަރުން ތަމްރީނުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ފަރާތްތަކަށް މިފެށޭ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ކެމެރާ ހަވާލުކުރާނެ ކަމަށް ތައުފީގު ވިދާޅުވި އެވެ.

ސަރުކާރުން ހިންގާ ޕްރޮގްރާމްގެ ދަށުން ތަމްރީނުވާ ފޮޓޯގްރާފަރުންނަށް އިކޮނޮމިކް މިނިސްޓްރީން ކެމެރާ ދެނީ އިންސްޓޯލްމަންޓް ގޮތަށް ދެ އަހަރު ތެރޭގައި ފައިސާ ދައްކައި ހަލާސްކުރާ ގޮތަށެވެ. އެގޮތުން ހަ މަސް ދުވަސް ގްރޭސް ޕީރިއަޑްގެ ގޮތުގައި ދޭއިރު ނަގާނީ އެންމެ ތިން ޕަސެންޓުގެ އިންޓަރެސްޓެއް ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ.

ތަމްރީނު ހިންގަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޓިވެޓް ޕްރޮގްރާމްގެ ދަށުންނެވެ. އެގޮތުން ޓިވެޓްގެ ވެބްސައިޓުން ވެސް ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ.

comment ކޮމެންޓް