ލީގު ހޯދުމުގެ އުންމީދު މެންޗެސްޓާ ޔުނައިޓެޑުން ދޫކޮށްލައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ގަބޫލުކުރާ ގޮތުގައި، ޔުނައިޓެޑަށް މިފަހަރުގެ ލީބު ކާމިޔާބުކުރުމަކީ "އިމް ޕޮސިބަލް މިޝަން"އެއް -- ފޮޓޯ: ޔޫރޯ ސްޕޯޓްސް

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ގަބޫލުކުރާ ގޮތުގައި އޭނާގެ ޓީމަށް މިސީޒަންގެ ޕްރިމިއާ ލީގު ކާމިޔާބެއް ނުކުރެވޭނެއެވެ. ސީޒަންގެ ކުރިއަށް އޮތްތާނގައި ޕްރިމިއާ ލީގުގެ އިތުރުން، ބޮޑު ތިން މުބާރާތެއްގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭއިރު، މޮރީނިއޯ ބުނީ، ޔުނައިޓެޑަށް މިފަހަރުގެ ލީބު ކާމިޔާބުކުރުމަކީ "އިމްޕޮސިބަލް މިޝަން"އެއް ކަމަށެވެ.

ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ޗެލްސީއާ މެންޗެސްޓާ ޔުނައިޓެޑާ ދެމެދު 14 ޕޮއިންޓުގެ ބޮޑު ތަފާތެއް އެބަ އޮތެވެ. ޗެލްސީއަށް 55 ޕޮއިންޓް ލިބިފައިވާއިރު، 47 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތް އާސެނަލްއާ ޔުނައިޓެޑާ ދެމެދުވެސް ހަ ޕޮއިންޓުގެ ފަރަގެއް، އަދި ވާދަވެރި ލިވަޕޫލާ ޔުނައިޓެޑާ ދެމެދު ހަތަރު ޕޮއިންޓުގެ ފަރަގެއް އެބަ އޮތެވެ.

"ހަގީގަތަށް ބުނަންޏާ ޕްރިމިއާ ލީގު ކާމިޔާބުކުރުމަކީ މިހާރު ކުރެވޭނެކަމެއް ނޫން،" މި ސީޒަންގެ ޕްރިމިއާ ލީގާ ގުޅޭގޮތުން މޮރީނިއޯ ބުންޏެވެ.

"އަހަރެން އެކަމަކާ ނުވެސް ވިސްނަން، އެކަމަކު އަހަރެންގެ ވިސްނުން ހުރީ ކުރިއަށް އޮތް މެޗަށް. އެއީ ހަމަ ގައިމުވެސް ނުވާވަރު ކަމެއް ނޫން."

އެންމެ ފަހުގެ އެފްއޭ ކަޕް ޗެމްޕިއަން ޔުނައިޓެޑުން އެ ތަށި ދިފާއުކުރުމަށް ކުރިމަތިލާފައި ވާއިރު، ޔުނައިޓެޑުން ވަނީ އާދީއްތަ ދުވަހު ވިގަން އެތުލެޓިކާ ދެކޮޅަށް އެޓީމު ކުޅުނު ކަޕް މެޗު 4-0 ލަނޑުން ކާމިޔާބުކޮށް މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފައެވެ. އޯލްޑް ޓްރަފޯޑްގައި ކުޅުނު އެ މެޗުގައި ޔުނައިޓެޑަށް ލަނޑުތައް ޖަހައިދިނީ މަރުއާނޭ ފެލާނީ، ކްރިސް ސްމޯލިން، ހެންރީކް މިކްތަރިޔާން އަދި ބަސްޓިއަން ޝްވެއިންސްޓެއިގާއެވެ.

ޔޫރޮޕާ ލީގުގައި ކުރިއަށް ހުރި މެޗުތަކާއި، އިނގިރޭސި ލީގު ކަޕްގެ ފައިނަލުން ޖާގަ ލިބިފައިވުމުން، މޮރީނިއޯ އާއި ޔުނައިޓެޑުން ލީގު ޓައިޓަލްގެ އުންމީދު ދޫކޮށްލިޔަސް އިތުރު ތިން ޓްރޮފީއަށް ދަނީ ގަދައަޅައި މަސައްކަތް ކުރަމުންނެވެ.

"ލީގު ކަޕް ކާމިޔާބުކުރުމުގެ %50 ފުރުސަތު އެބައޮތް. އެފްއޭ ކަޮޕްގެ ގަދަ 16އިން ޖާގަ ލިބިއްޖެ. އެކަމަކު ޔޫރޮޕާ ލީގުގައި އަދި މި ތިބީ ލާސްޓް 32 ޓީމުގެ ތެރޭގައި. އެހެންކަމުން ވަރަށް ގިނަ މެޗުތަކެއް ކުޅެން އެބަހުރި،" ސީޒަންގެ ކުރިއަށް ހުރި މެޗުތަކާ ގުޅޭ ގޮތުން މޮރީނިއޯ ބުންޏެވެ.

comment ކޮމެންޓް