ރައިޑް ދޭން ކަނބަލުން ނުކުތުން، ފިރިހެނުންނަށް އާދޭސްކުރުން ހުއްޓުމަކަށް

ސައިކަލް ޓެކްސީގެ ޑެމޯއެއް ދައްކާލުން: ސައިލް ޓެކްސީގައި ދަތުރެއް ކޮށްދޭނީ 10 ރުފިޔާއަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކުވެރިޔާ، ނުވަތަ ލޯބިވެރިޔާ ބަލައި އަންނަންދެން ތަންތަނަށް ނުދެވި 'ބަންދު'ވެފައި ހުރި ޒަމާން މިއަދު މި ވަނީ މާޒީވެ ގޮސްފަ އެވެ. ސައިކަލް ދުއްވަން ދަސް ކުރާ މީހުންނާއި އަލަށް ލައިސެންސް ނަގާ މީހުންގެ އަދަދާއި ޖިންސަށް ބަލާލުމުން އެކަން ރަނގަޅަށް އެނގެ އެވެ. ބޮޑު މަންޒަރަކީ ފިރިހެނުންނަށް ވުރެ ދިވެހި އަންހެނުން މިއަދު ސައިކަލްތަކަށް މާ ފަރިތަވުމެވެ.

އެކަން އެގޮތަށް އޮއްވައި އިއްޔެ މި ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިކަލް ޓެކްސީގެ ހިދުމަތް ތައާރަފްކޮށްފަ އެވެ. އޭރާ ހަމައަށް ހަމައެކަނި ޓެކްސީ ކާރާއި ބަސް މެދުވެރިކޮށް ދެމުން ދިޔަ އާންމު ދަތުރުފަތުގެ ހިދުމަތަކީީ މުޅިންހެން ފިރިހެނުންނަށް ހާއްސަ ދާއިރާތަކެވެ. އިއްޔެ ދެ ކުންފުންޏަކުން ޖުމުލަ 40 ސައިކަލާ އެކު މާލޭގައި ސައިކަލް ޓެކްސީގެ ހިދުމަތް ފެށިި އިރު އޭގެ ތެރޭގައި ނުވަ އަންހެން ޑްރައިވަރުން ހިމެނެ އެވެ.

ސައިކަލް ހިދުމަތްދޭ ކުންފުންޏަކުން ސައިކަލް ޓެކްސީތައް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުސްވަގުތުގައި ޓެކްސީއަށް!

މީގެ ދެ އަހަރުން ފެށިގެން ސައިކަލް ދުއްވާ ޅ.ހިންނަވަރު، ޒިލްމިއާ އަބްދުލް ސައްތާރު،39، ސައިކަލް ލައިސެންސް ނެގި މަގުސަދަކީ ދަރިން ސުކޫލަށް ގެންދިއުމަށެވެ. ހަތަރު ކުދިންގެ މަންމަ ދަރިން ސުކޫލަށް ގެންދިއުމަށް ފަހު މެންދުރާއި ހަވީރު ވެފައިވަނީ ފޫހި ހުސްވަގުތަށެވެ. މިހާރު ޒިލްމިއާ ވަނީ އެވަގުތު ހިދުމަތަށް ނުކުތުމަށް ނިންމައިފަ އެވެ.

"އަޅުގަނޑު އުޅޭނަން މެންދުރު އެކަކުން ފަހަކަށް ޓެކްސީ ކުރަން، އެހެން ނޫނީ އެގަޑީގަ ނޯވޭ ކުރާނެ ކަމެއް،،" ހަތަރު ކުދިންގެ މަންމަ ބުންޏެވެ.

އަމިއްލަ ޓެކްސީގައި އެ ހިދުމަތަށް ނުކުތް ޒިލްމިއާ ބުނި ގޮތުގައި މަހަކު 1800 ރުފިޔާ އޭނާ ޓެކްސީ ކުރާ ކުންފުނި ޓުރާންސަޓޯއަށް ދައްކަންޖެހޭ އިރު ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ނަމަ ރަނގަޅު އާމްދަނީއެއް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ.

ސައިކަލް ޓެކްސީ ޑުރައިވަރު ޒިލްމިއާ އިންޓަވިއު ދެނީ--

"ތަރުހީބް އެބައޮތް، ރައްޓެހިން ވެސް ބުނޭ ގުޅާނަމޭ، މި ބަލަނީ ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށް ގޭގެ ހަރަދުތައް ބަލަހައްޓަން،" މިހާތަނަށް އަދި ވަޒީފާއެއް އަދާކޮށްފައި ނުވާ ޒިލްމިއާ ބުންޏެވެ.

ދެން އޮތީ މުޖުތަމައު ބަލައިގަންނާނެ ގޮތެވެ. ސައިކަލް ޓެކްސީ ކުރަން ފަށާފައިވާ އެހެން އަންހެން ޑުރައިވަރެއް ކަމަށްވާ ފާތުމަތު އައުމީނާ ބުނި ގޮތުގައި ފުރަތަމަ ކޮޅުގައި ސައިކަލް ޓެކްސީއަށް އަރަން ޖެހިލުންވާ މީހުން ތިބި ނަމަވެސް ފަހުން އެކަން ބަދަލުވާނެ އެވެ. އެ ހިދުމަތް މީހުން ބަލައިގަންނާނެ ކަމަށް އޭނާ ގަބޫލް ކުރެ އެވެ.

އާންމުންގެ ވިސްނުމަށް ބަލާ އިރު ގިނަ މީހުން އެކަމަށް ތާއީދު ކުރެއެވެ. "ދެން ތިމަންނަ ތާކަށް ނުދެވި ހުންނާކަށް ނުޖެހޭނެ" އޭ ބުނާ މީހުން ގިނަ އެވެ. ހާއްސަކޮށް އަންހެންކުދިންނެވެ. ނުދަންނަ ފިރިހެނެއްގެ ބަދަލުގައި އަންހެނެއްގެ ސައިކަލް ފަހަތުގައި އަގު ހެޔޮ ދަތުރެއް ކޮށްލަން ފުރުސަތު ލިބުން އެއީ ބޮޑު ފަސޭހައެކެވެ.

"ފުރެންޑްސް، ދެން މަށަށް ކޮފީއަށް ގުޅާތި، މިހާރު ބޭނުން ގަޑިއެއްގައި ދެވޭނެ،" ސައިކަލް ޓެކްސީގެ ހިދުމަތް ފެށި ހަބަރު ސޯޝަލް މީޑިއާގައި ޝެއާ ކޮށްލަމުން މަޝްހޫރު ފިލްމް ޑައިރެކްޓަރު ފާތުމަތު ނަހްލާ ވިދާޅުވި އެވެ.

ޓުރާންސަޓޯ ކުންފުނީގެ ފަސް އަންހެން ޑުރައިވަރުން އުފުލައި ދެނީ ހަމައެކަނި އަންހެން ޕަސެންޖަރުންނެވެ. ނަމަވެސް އަނުއާ ޓެކްސީގެ ހަތަރު އަންހެން ޑުރައިވަރުން ވެސް ފިރިހެން ފަސެންޖަރުން އުފުލައިދެ އެވެ. އަދި ސައިކަލް ޓެކްސީ ހިދުމަތްދޭ ފިރިހެން ޑުރައިވަރުން އަންހެން ޕަސެންޖަރުންނާއި ފިރިހެން ޕަސެންޖަރުން އުފުލައިދެ އެވެ. ފީ އަކީ 10 ރުފިޔާ އެވެ.

ޓެކްސީ ޑުރައިވަރުން ތިބީ ފާހަގަވާގޮތަށް!

ސައިކަލް ޓެކްސީގެ ކުރާ ފަރާތްތަކުން ތިބެނީ އޮރެންޖް ޖެކެޓެއް ލައިގެންނެވެ. ސައިކަލްތަކުގެ ނަން ބޯޑް ހުންނަނީ ރީނދޫ ކުލައިންނެވެ. ޑްރައިވަރުންނަކީ ކުށުގެ ރިކޯޑް ސާފު ކުރުމަށް ފަހު ސިއްހީ މައްސަލަތައް ހުރިތޯ ޓެސްޓުކޮށް ޓުރާންސްޕޯޓުން ހުއްދަ ދޭ ޑުރައިވަރުންނެވެ.

ޓުރާންސަޓޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމް ވިދާޅުވީ އެ ކުންފުނީގެ ޑްރައިވަރުންނަކީ ގަވައިދަށް ފެތިފައިވާ ޑުރައިވަރުންނަށްވާ އިރު ކުރިއަށް އޮތް ތަނުގައި އެ ސައިކަލްތައް ދަތުރުކުރާ މަގުތައް ބެލުމަށް ޑިވައިސްތައް ހަރުކުރާނެ ކަމަށެވެ.

އަނުއާ ޓެކްސީގެ ވެރިޔާ އިބްރާހިމް ނާޒިމް ވިދާޅުވީ އެ ކުންފުނީގެ ހުރިހާ ޓެކްސީއެއް ހުންނާނީ ގަވައިދާ އެއްގޮތަށް ކަމަށާއި އެ ޓެކްސީގެ ލޮކޭޝަންތައް ބެލޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފޯނުން ވެސް އަދި އޮފީހުގައި އިންނަ ސިސްޓަމުން ވެސް ބެލޭނެ ސައިކަލް ދަތުރުކުރާ މަގު، ޑިވައިސް އިންނާނެ ހަރުކޮށްފައި،" ނާޒިމް ވިދާޅުވި އެވެ.

ހިދުމަތްދޭ ސައިކަލެއް--ސައިލް ޓެކްސީގައި ދަތުރެއް ކޮށްދޭނީ 10 ރުފިޔާއަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސީ ކުރާ ސައިކަލުގެ ހުންނަން ޖެހޭ ޝަރުތުތައް

*އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާ އެއްގޮތަށް ރެޖިސްޓްރީ ކޮށްފައިވާ އުނޅަދަކަށް ވުން

*އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރެވޭ ގިންތިތަކުގެ ތެރެއިން އޭ ވަން ނުވަތަ އޭ ޒީރޯ ގިންތީގެ އުޅަނދަކަށް ވުން

*އުޅަނދުގެ ސީޓަކީ ދުއްވާ ފަރާތާ ފަސިންޖަރާ ދެ މީހުން ހަމަޖެހިގެން އިށީދެތިބެވޭ ސީޓަކަށްވުން

*ޓެކްސީ ސެންޓަރާ ސައިކަލުގެ ވެރިފަރާތާ ދެމެދު އެއްބަސްވުމެއް ހަދާފައި އޮތުން

ޓެކްސީ ހޯދަން ހަދަން ޖެހެނީ ކިހިނެއް؟

ސްކޫޓެކްސީ ހިދުމަތް ހޯދަން ގުޅަން ޖެހޭނީ 7758080 އަށެވެ. އަނުއާ ޓެކްސީގެ ހިދުމަތް ހޯދަން ގުޅަން ޖެހެނީ 9559555 އަކަށެވެ. އަންހެން ޑުރައިވަރެއް އިން ޓެކްސީއެއް ހޯދަން ބޭނުން ނަމަ އެކަމަށް އެދުމުން އެ ހިދުމަތް ދެ އެވެ.

ކުރިއަށް އޮތްތަނުގައި އެޕްލިކޭޝަންތައް މެދުވެރިކޮށް އެ ހިދުމަތް ދިނުމަށް ވަނީ ނިންމައިފަ އެވެ.

ދަތުރުފަތުރަށް ލުއި ކަމެއް؟

ދަތުރުފަތުރަކީ އަސާސީ ހިދުމަތަކަށްވާ އިރު މިއަދު މާލެއިން ޓެކްސީއެއް ހޯދުމަކީ ކުރަން އެންމެ އުނދަގޫ އެއްކަންތަކެވެ. އަވަހަށް ތާކަށް ދިއުމަށް އޮތް އެންމެ ބޮޑު ހުރަހަށް ހައްލަކަށް އެދި އެދި އޮތުމަށް ސައިކަލް ޓެކްސީ މިވަނީ ތައާރަފްކޮށްފަ އެވެ. މިއީ އަގުހެޔޮ ހިދުމަތެކެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި ހިދުމަތަކީ ކާރުބާރު ބޮޑު މާލޭގައި ދަތުރު ކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ދޭ ހިދުމަތެއް ކަމަށެވެ. ގަސްތުކުރައްވަނީ މުޅި ރާއްޖެއަށް އެހިދުމަތް ފުޅާކުރަންކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮންމެ އަކަސް ދުނިޔޭގެ އެހެން ގިނަ ގައުމުތަކެކޭ އެއްފަދައިން ރާއްޖެއަށް ވެސް މިވަނީ ސައިކަލް ޓެކްސީގެ ހިދުމަތް ތައާރަފްވެފަ އެވެ. މިއީ ލުއި ފަސޭހަ ގޮތަކަށް ހެޔޮ އަގުގައި ދަތުރުކުރެވޭ ހިދުމަތެކެވެ. މިއަދު 40 ސައިކަލާ އެކު ފެށި ނަމަވެސް ކުރިއަށްއޮތްތަނުގައި އިތުރު ކުންފުނިތަކާއި އިތުރު ސައިކަލްތައް ހިދުމަތަށް ނުކުމެ މިއީ ފުޅާވެގެންދާނެ ހިދުމަތެއްކަމަށް ސަރުކާރުންބުނެ އެވެ.

comment ކޮމެންޓް