މޫނުބުރުގާ އަޅައިގެން ވަޒީފާއަށް ނުނިކުތުމަށް މަތިވެރި ޓީޗަރަކަށް އަންގައިފި

މޫނު ބުރުގާ އަޅައިގެން: ސިވިލްސާވަންޓުން މަސައްކަތުގައި ބުރުގާ އެޅުން ހުއްދައެއް ނޫން.

އއ. މަތިވެރި ޕްރައިމަރީ ޓީޗަރަކު މޫނު ބުރުގާ އަޅައިގެން، ސްކޫލަށް ނުނިކުތުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

އެ ޓީޗަރު މޫނު ބުރުގާ އަޅާފައި ވަނީ މިދިޔަ އަހަރު އެވެ. މޫނު ބުރުގާ އަޅައިގެން ތުއްތު ކުދިންނަށް ކިޔަވައި ދެމުން ދަނިކޮށް މިދިޔަ އަންގާރަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން އެ ޓީޗަރަށް އަންގާފައި ވަނީ ކާކުކަން އެނގޭ ގޮތަށް ސުކޫލަށް ނުކުތުމަށެވެ. ޓީޗަރަށް އެ އެންގުން އަންގާފައި ވަނީ "ސިވިލް ސާވިސް މަސައްކަތުގައި މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތް" ބަޔާން ކުރާ ގަވާއިދުގެ ދަށުންނެވެ.

ޝުޖީއަށް އެޑިއުކޭޝަންއިން ފޮނުވި ސިޓީ--

ސިވިލް ސާވިސް މަސައްކަތުގައި މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތް ބަޔާން ކުރާ ޗެޕްޓާ 14 ގެ 145 ވަނަ މާއްދާގެ (ހ)ގައި ބުނަނީ ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީ ވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުއާމަލާތް ކުރާ ފަރާތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭތީ، ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން އެނގޭފަދަ ގޮތެއްގަ އެވެ.

މަތިވެރި ކައުންސިލްގެ ރައީސް އިސްމާއިލް އާތިފް "ސަން"އަށް މިރޭ ވިދާޅުވީ އެކަމާ ގުޅިގެން ބެެނިވެރިންގެ ހިޔާލަކީ އެ ރަށަކީ ކުޑަ ރަށަކަށްވެފައި އެ ޓީޗަރަކީ ކާކުކަން ރަށު މީހުންނަށް އެނގޭނެތީ މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިއުމަކީ މައްސަލައެއް ނޫން ކަމަށް ބެލުމަށް ކަމަށެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާ ވާހަކަ ދެއްކުމުން ލިބުނު ޖަވާބަކީ އަމަލު ކުރަން ޖެހޭނީ ގަވައިދާ އެއްގޮތަށް ކަމަށް ކަމަށް އާތިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ ރާއްޖޭގެ ހުރިހާ ސިވިލްސާވަންޓުން އަމަލު ކުރާ އުސޫލަކަށްވުމުން އޭނާ ގަބޫލް ކުރާ ގޮތުގައި ދެން އެ ޓީޗަރު ޖެހޭނީ ގޭގައި މަޑުކުރަން ކަމަށެވެ.

comment ކޮމެންޓް