އަންހެން ޑްރައިވަރުން ހިމެނޭ ގޮތަށް ސައިކަލް ޓެކްސީގެ ހިދުމަތް ފަށައިފި

ސައިކަލް ޓެކްސީގެ ހިދުމަތް ފެށި ރަސްމިއްޔާތުގެ ތެރެއިން: ސައިކަލް ޓެކްސީގެ ހިދުމަތް ފެށީ ސްކޫޓެކްސީ ކުންފުނިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންހެން ޑްރައިވަރުން ހިމެނޭ ގޮތަށް 40 ސައިކަލާއެކު ސައިކަލް ޓެކްސީގެ ހިދުމަތް ދެ ކުންފުންޏަކުން މިއަދު ފަށައިފި އެވެ.

މާލޭގައި ފުރަތަމަ ފަހަރަށް ސައިކަލް ޓެކްސީގެ ހިދުމަތް ފެށީ ސްކޫޓެކްސީ ކުންފުނިންނެވެ. އެތަނުގެ ޑްރައިވަރުންގެ ތެރޭގައި ފަސް އަންހެން ޑްރައިވަރަކު ހިމެނެ އެވެ. އެކުންފުއްޏާއެކު ދެން އެހިދުމަތް ދިނުމަށް ހުއްދަ ލިބިފައިވާ އަނުއާ ޓެކްސީއިންވެސް ވަނީ މިއަދު އެހިދުމަތް ފަށާފައެވެ. އެކުންފުނީގައި އަންހެން ހަތަރު ޑުރައިވަރުންނާއި ފިރިހެން 16 ޑުރައިވަރުން ހިމެނެއެވެ.

ސައިލް ޓެކްސީގައި ދަތުރެއް ކޮށްދޭނީ 10 ރުފިޔާއަށެވެ. ސްކޫޓެކްސީ ހިދުމަތް ހޯދަން ގުޅަންޖެހޭނީ 7758080 އަށެވެ. އަނުއާ ޓެކްސީގެ ހިދުމަތް ހޯދަން ގުޅަންޖެހެނީ 9559555 އަކަށެވެ.

ސައިކަލް ޓެކްސީތަކުގެ ނަމްބަރު ބޯޑްތައް ރީންދޫ ކުލާގައި ހުންނައިރު ޑުރައިވަރުން ތިބެނީ އޮރެންޗް ޖެކެޓެއް ލައިގެންނެވެ.

އެ ކުންފުނިން ސައިކަލް ޓެކްސީގެ ހިދުމަތް ފެށީ ކާނިވާ ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ މިހިދުމަތަކީ ކާރު ބޮޑު މާލޭގައި ދަތުރު ކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ދޭ ހިދުމަތެއް ކަމަށެވެ. ގަސްތުކުރައްވަނީ މުޅި ރާއްޖެއަށް އެހިދުމަތް ފުޅާކުރަންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޓުރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުލް ރަޝީދު ނާފިޒް ވިދާޅުވީ އެހިދުމަތާއެކު އަގު ހެޔޮކޮށް ޓެކްސީ ލިބިގެންދާނެ ކަމަށެވެ.

ޔޫރަޕުގައިވެސް ސައިކަލް ޓެކްސީ ހިދުމަތްދޭ ސްކޫ ޓެކްސީގެ ހިދުމަތް ރާއްޖެއަށްދޭ ޓުރާންސަޓޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމް ވިދާޅުވީ 20 ސައިކަލާއެކު އެހިދުމަތް ފެށިނަމަވެސް ގިނަ އަދަދެއްގެ ސައިކަލް ޓެކްސީތައް ކުރިއަށް އޮތްތަނުގައި މަގުތަކަށް ނުކުމެ ހިދުމަތް ދޭނެ ކަމަށެވެ.

comment ކޮމެންޓް