މޮޅު ކުޅުމަކާއެކު ނޭޕާލް އަތުން އީރާން މޮޅުވެއްޖެ

އިއްޔެ ކުރިއަށްދިޔަ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އީރާންގެ ކުޅުންތެރިން: މިއަދު ނޭޕާލް އަތުން އީރާން މޮޅުވީ ސީދާ ތިން ސެޓުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ރާއްޖޭގައި މިހާރު ކުރިއަށްދާ އެފްއައިވީބީ ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތުގައި އީރާން ކުޅުނު ފުރަތަމަ މެޗުގައި މޮޅު ކުޅުމަކާއެކު ނޭޕާލް އަތުން މޮޅުވެއްޖެ އެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި މިއަދު ކުޅުނު މެޗުގައި ނޭޕާލް އަތުން އީރާން މޮޅުވީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅުގައި އީރާނުން ވަނީ ބޮޑު ލީޑެއް ހޯދައިފަ އެވެ. އެ ސެޓު އީރާނުން ކާމިޔާބުކުރީ 25-12 އިންނެވެ. މެޗުގެ ދެވަނަ ސެޓުގެ ކުރީކޮޅު ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، އީރާނުން ވަނީ ފަހުން އެ ޓީމުގެ މޮޅު ކުޅުމާއެކު 25-12 އިން ދެ ވަނަ ސެޓު ވެސް ގެންގޮސްފަ އެވެ.

މެޗުގެ ފުރަތަމަ ދެ ސެޓެކޭ އެއްގޮތަށް ފަހު ސެޓުގައި ވެސް އީރާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ވަރުގަދަ ހަމަލާތަކަކަށްފަހު، އީރާނުން ތިންވަނަ ސެޓު ވެސް ގެންދިޔައީ 25-12 އިންނެވެ.

މިއަދު ކުޅުނު އެ މެޗުގައި އީރާންގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އެގޮތުން އީރާންގެ ފަރްނޫޝް ޝޭހީއާއި، ކެޕްޓަން ޒައިނަބް ގިވާއާއި، މާއިދާ ބޮރްހާނީ އަދި މަހުސާ ސަބޭރީގެ ކުޅުން ފާހަގަކޮށްލެވެ އެވެ. ނޭޕާލުން އެންމެ ރަނގަޅަށް ކުޅުނީ 16 އަހަރުގެ ޕްރަތިބާ މަލީ އާއި ސުރަސްވަތީއެވެ.

މުބާރާތުގެ ފަހު މެޗުގައި މާދަމާ ބައްދަލު ކުރާނީ ރާއްޖެ އާއި އީރާނެވެ. މާދަމާ ހަވީރު ކުޅޭ އެ މެޗުން އީރާން މޮޅުވެއްޖެނަމަ އެއްވަނައިގެ ގޮތުގައި އޭޝިއާގެ ފައިނަލް ބުރުން ޖާގަ ލިބޭނެއެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން ވަނީ ބަލިވެފައެވެ.

comment ކޮމެންޓް