ކެލިފޯނިއާ ވަކި ދައުލަތަކަށް ހެދުމަށް މަސައްކަތް ފަށައިފި

ކެލިފޯނިއާ އަކީ ވަކި ދައުލަތަކަށް ހެދުމުގެ މަސައްކަތް ވަނީ ފަށާފަ -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ޖެނުއަރީ 28): އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ކެލިފޯނިއާ އަކީ ވަކި ދައުލަތަކަށް ހެދުމަށްޓަކައި އެ ސްޓޭޓުގައި ހިޔާލު ހޯދުމުގެ ވޯޓުލުމެއް ބޭއްވުމަށް ގޮވާލާ ހުށަހެޅުމަށް އާއްމުންގެ ސޮއި ހޯދަން ފަށައިފި އެވެ.

އެމެރިކާއިން ކެލިފޯނިއާ ވަކިވުމަށް ގޮވާލަމުންދާ 'ކެލިފޯނިއާ ނޭޝަންހުޑް' ނުވަތަ 'ކެލެކްޒިޓް' އިން އެޕްރޮޕޯޒަލްއަށް ސޮއި ހޯދަން، އެ ސްޓޭޓުގެ ސެކްރެޓަރީ އޮފް ސްޓޭޓް އެލްކްސް ޕަޑިލާ ހުއްދަ ދެއްވީ ބުރާސްފަތި ދުވަހު އެވެ.

އެ ޕްރޮޕޯޒަލްއަށް ޖުލައި 25ގެ ކުރިން 585,407 އަށް ވުރެ ގިނަ މީހުންގެ ސޮއި ލިބިއްޖެ ނަމަ، ކެލިފޯނިއާއަކީ އެމެރިކާގެ ބައެއް ކަމަށް ގާނޫނު އަސާސީގައި ބުނާ މާއްދާ އުނިކުރަން ފެނޭތޯ އަހާ ވޯޓެއް އަންނަ އަހަރުގެ ނޮވެމްބަރު މަހު ބާއްވާނެ އެވެ. އަދި އެގޮތަށް ނިންމަން ފެންނަކަމަށް ރައްޔިތުން ވޯޓު ދީފި ނަމަ ކެލިފޯނިއާ އަކީ 'އަމިއްލަ ވެރިކަމެއް އޮންނަ މިނިވަން ދައުލަތަކަށް' ވާން ފެނޭތޯ އަހާ ވޯޓެއް އަނެއްކާވެސް 2019ގައި ބާއްވާނެ އެވެ.

ކެލިފޯނިއާ އަކީ އެމެރިކާގެ އެންމެ ބޮޑު އާބާދީއެއް އޮންނަ އަދި ދުނިޔޭގެ ހަވަނަ އަށް އެންމެ ބޮޑު އިގުތިސާދު އޮންނަ ސްޓޭޓެވެ. އަދި އެ ޕްރޮޕޯޒަލްއަށް ބޭނުންވާ ސޮއިގެ އަދަދަކީ އެ ސްޓޭޓުގެ އާބާދީގައި ވޯޓުލުމަށް ރެޖިސްޓާކޮށްފައިވާ މީހުންގެ ތެރެއިން އަށް ޕަސެންޓު މީހުންގެ ސޮއެވެ.

އެމެރިކާއިން ވަކިވުމަށް ގޮވާލާ 'ޔެސް ކެލިފޯނިއާ'ގެ ނަން ދީފައިވާ ކެމްޕެއިނުން ބުނާ ގޮތުގައި އެފަދަ ކެމްޕެއިނެއް ފަށަން ޖެހުނީ އެމެރިކާ އާއި އެ ސްޓޭޓާ ދެމެދު އޮތް ތަފާތުތައް އިތުރުވުމުގެ ސަބަބުންނާއި ކެލިފޯނިއާއަށް ވަކިން ކުރިއަށް ދެވެނޭ ކަން އެނގޭތީ އެވެ.

އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް އިންތިހާބުވި ފަހުން ކެލިފޯނިއާ ވަކި ދައުލަތަކަށް ހެދުމަށް ގޮވާލާ ކެމްޕެއިނަށް އޮތް ތަރުހީބު ވަނީ އިތުރުވެފައެވެ. ރިޔާސީ އިންތިހާބުގައި ކެލިފޯނިއާއިން ވަނީ ޓްރަމްޕަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރަށް ހިލަރީ ކްލިންޓަނަށް ވޯޓު ދީފައެވެ. (އޭއެފްޕީ)

comment ކޮމެންޓް