ތިން ސެޓުން ނޭޕަލް އަތުން ރާއްޖެ ބަލިވެއްޖެ

ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރުގައި ރާއްޖެއާއި ނޭޕާލް ކުޅުނު މެޗު ފެށުމުގެ ކުރިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރުގައި ރާއްޖޭ ކުޅުނު ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ނޭޕާލް އަތުން ބަލިވެއްޖެއެވެ.

ސޯސަލް ސެންޓަރު އެތެރޭ ކޯޓްގައި މިއަދު ހަވީރު ކުޅުނު އެ މެޗުގެ ތިން ސެޓް ނޭޕާލުން ގެންދިޔަ ނަމަވެސް ރާއްޖޭގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ.

މެޗުގެ ތިން ސެޓުގައި ވެސް ނޭޕާލު އަތުން ލީޑު ގެއްލިފައެއް ނުވެއެވެ. ފުރަތަމަ ސެޓް ފެށިގެން ރާއްޖެއިން ވަނީ ކައިރިކައިރީ ގިނަ ޕޮއިންޓްތަކެއް ގެއްލުވާލާފައެވެ. ފުރަތަމަ ސެޓް ނޭޕާލުން ގެންދިޔައީ 25-17 އިންނެވެ. އެ ސެޓްގައި ރާއްޖެއަށް ފަރަގު އެންމެ ކުޑަކުރެވުނީ ހަތަރު ޕޮއިންޓަށެވެ.

ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރުގައި ރާއްޖެ އާއި ނޭޕާލް މިއަދު ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ދެވަނަ ސެޓް ރާއްޖެ އިން ރަނގަޅަށް ފަށައި ފުރަތަމަ ޕޮއިންޓް ހޯދި ނަމަވެސް ނޭޕާލުން ވަނީ ފުލު ފުލުގައި ގިނަ ޝޮޓްތަކެއް ޖަހައި ލީޑްގައި އޮވެ ސެޓު ގެންގޮސްފައެވެ. ދެވަނަ ސެޓް ވެސް ނޭޕާލުން ގެންދިޔައީ 17-25 އިންނެވެ.

ފުރަތަމަ ދެ ސެޓްގައި ރާއްޖޭގެ ފަރާތުން ހިތްވާރާއެކު ކުޅުނު ނަމަވެސް ތިންވަނަ ސެޓްގައި ފެނިފައިވަނީ އާދައިގެ ކުޅުމެކެވެ. ފަހު ސެޓް ނޭޕާލުން ވަނީ ފަސޭހަކަމާއެކު 25-15 އިން ގެންގޮސްފައެވެ.

ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރުގައި ރާއްޖެ އާއި ނޭޕާލް މިއަދު ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ފުރަތަމަ މެޗުން ރާއްޖެެ ބަލިވެފައިވާއިރު މުބާރާތަށް ކޮލިފައިވުމުގެ އަމިއްލަ ބާރު މިހާރު ވަނީ ގެއްލިފައެވެ. ރާއްޖެއަށް ދެން ފުރުސަތެއް ލިބޭނީ މާދާމާ އީރާންއާއި ނޭޕާލް ކުޅޭ މުޗުން ނޭޕާލް ބެލިވެ، ފަހު މެޗުގައި އާދިއްތަ ދުވަހު އީރާންގެ މައްޗަށް ރާއްޖެއަށް ކުރި ހޯދިއްޖެނަމައެވެ.

comment ކޮމެންޓް