10 އަހަރަށް ފަހު މިރުފަތު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

މިރުފަތު(މ) ގައުމީ ޓީމަށް ކުޅުނު މެޗެއްގައި ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ ---

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ވައިސް ކެޕްޓަން މަރިޔަމް މިރުފަތު 10 އަހަރަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ.

ގައުމީ ޓީމް މިވޭތުވެދިޔަ ދުވަސްތަކުގައި ހޯދާފައިވާ ކާމިޔާބީތަކުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ މިރުފަތު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފައިމިވަނީ ބަޚުރެއިންގައި ކުރިއަށް ގެންދިއަ ޓްރެއިނިން ކޭމްޕަށް ފަހުގައެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުުރަމުން މިރުފަތު އޭނާގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ބުނީ ބަޚްރެއިން ދަތުރަކީ އޭނާ ގައުމީ ޓީމާއިއެކު ކުޅުންތެރިއެއްގެ ގޮތުގައި ފެންނާނެ އެންމެ ފަހު ފަހަރު ކަމަށާއި އެ ނިންމުމަކީ ހަޔާތުގައި ނިންމި ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ.

ގައުމީ ޓީމްގެ ކެޕްޓަން ފަދުވާ އަދި ވައިސް ކެޕްޓަން މިރުފަތު(ވ) ---

" ދިހަ އަހަރަށް ވުރެން ގިނަ ދުވަހު މި ޓީމާއި އެކު ހޭދަކުރުމަށްފަހު ވަކިވާއިރު އަހަރެންނަށް އެހީތެރިވި ހުރިހާ ފަރާތްތަކަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން. ހާއްސަކޮށް އާއިލާ އާއި ކޯޗުން އާއި ރައްޓެހިން އަދި ޓީމުގެ ކުޅުންތެރިންނަށް،" މިރުފަތު ބުންޏެވެ.

މިރުފަތު ބުނީ ގައިމީ ޓީމާއި އެކު އޭނާ އެންމެ ބޮޑަށް ހަދާން ވަނީ ޓީމް އެކުލަވާލި ފުރަތަމަ ދުވަސްކޮޅު މިޔަންމާ އަތުން 17-0ގެ ނަތީޖާ އަކުން ބަލިވި މެޗު ކަަމަށާއި ނަމަވެސް އޭގެ ފަހުން ޓީމްގެ މަސަތްކަތުން ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައި ކަމަށެވެ.

2015 ވަނަ އަހަރުގެ އަންހެން ފުޓްބޯޅަ ޗެމްޕިއަންޝިޕް ކާމިޔާބް ކުރި ނިއު ރޭޑިއަންޓްގެ ޓީމް ---

މިރުފަތު ވަނީ މީގެ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އަންހެން ޓީމުގެ ކެޕްޓަންގެ މަގާމު އަދާކޮށް މިދިޔަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސް އާއި ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މިރުފަތު ބުނީ އޭނާ އަބަދުވެސް ގައުމީ ޓީމަށް ކާމިޔާބަށް އެދޭނެ ކަމަށާއި މުސްތަގުބަލުގައި ޓީމަށް ކުޅޭ ކުޅުންތެރިންގެ ވެސް ހިތްވަރާ އެކު ޓީމަށް ކުރިއެރުން ހޯދުމަށް މަސައްކަތް ކުރުން ވާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް