ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިން އައިޕީޓީވީގެ ޚިދުމަތް ވިލުފުއްޓަށް

މީޑިއާ ކަނެކްޓްގެ ފަރާތުން ވިލުފުށީގައި ބަހައްޓާފައި ހުރި ޑިޝްއެންޓަނާ ތަކެއް --- ފޮޓޯ/ މީޑިއާ ކަނެކްޓް

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަމިއްލަ ކުންފުންޏަކުން އައިޕީޓީވީގެ ހިދުމަތް ފަށައިފި އެވެ.

އެ ހިދުމަތް ފަށާފައި ވަނީ "މީޑިއާ ކަނެކްޓް" ނަމަކަށް ކިޔާ ކުންފުންޏަކުން ތ. ވިލުފުށީގައެވެ.

މީޑިއާ ކަނެކްޓްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހިލްމީ މިއަދު "ސަން" އަށް ވިދާޅުވީ، އެ ހިދުމަތަށް ވިލުފުށިން ބޮޑު ޑިމާންޑެއް ލިބިފައިވާ ކަމަށާއި އެއީ ވިލުފުށީގެ ހުރިހާ ރައްޔިތުންނަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އައިޕީޓީވީގެ ހިދުމަތަކީ އާންމު ކޭބަލް ޓީވީގެ އިތުރުން އެއް ކޭބަލެއް މެދުވެރިކޮށް ތަފާތު ކަންތައްތަކަކަށް ފަސޭހަވެގެންދާ ހިދުމަތެކެވެ.

އެގޮތުން އައިޕީޓީވީގެ އެންމެ މަގުބޫލު އެއް ހިދުމަތަކީ "ވީޑިއޯ އޮން ޑިމާންޑް" ގެ ހިދުމަތެވެ. ވީޑިއޯ އޮން ޑިމާންޑް މެދުވެރިކޮށް، ކޭބަލް ދޫކޮށްފައި އިންނަ ސާވާއަށް އަޅާފައި ހުންނަ ފިލްމުތައް ގެތަކުން ބަލައިލެވޭނެ އެވެ. ކޮންމެ ދުވަހަކު ކޮންމެ ވަގުތެއްގައި ވެސް އެ ފިލްމުތައް ގޭގައި ހުންނަ ޓީވީން ބަލައިލަންވީ އެވެ.

އޭގެ އިތުރުން އިންޓަނެޓާއި އެއްގެއިން އަނެއްގެއާ ދެމެދު ގޭމެއް ކުޅެލުމަކީ ވެސް އައިޕީޓީވީ މެދުވެރިކޮށް ކުރެވޭނެ ކަންކަމެވެ. އިންޓަނެޓް ލިބޭނީ ވެސް ހަމަ އެއް ކޭބަލެއް މެދުވެރިކޮށެވެ. ގޭމް ކުޅުމަށް ޖެހެނީ ސާވާއަށް ވަކި ހާއްސަ ސޮފްޓްވެއާއެއް އަޅައި ގެތަކުގައި ސެޓަޕެއް ހަދާށެވެ.

ހިލްމީ ވިދާޅުވީ، މިވަގުތަށް އަދި ލިބޭނީ ވީޑިއޯ އޮން ޑިމާންޑްގެ ހިދުމަތް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތާގައި އިތުރު ހިދުމަތްތައް އައިޕީޓީ މެދުވެރިކޮށް ދިނުމުގެ ވިސްނުން އެބަހުރި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ވިލުފުށީގެ ގާތްގަނޑަކަށް 170 ގެއަށް ކޭބަލް އަޅާފައިވާ ކަމަށެވެ. އަދިވެސް އިތުރު ގެތަކަށް ކޭބަލް އަޅާނެކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް