އެމަރަށް ދެ އަހަރު: އިންސާފު ނުލިބި، ހަދާންވެސް ނެތެނީ!؟ (ވީޑިއޯ)

އިބްތިހާލް: އޭނާ މަރާލިތާ ދެ އަހަރުވީއިރު އަދިވެސް އިންސާފެއް ނުލިބޭ: ފޮޓޯ: މިއީ ވީޓީވީ ވީޑިއޯ އަކުން ނަގާފައިވާ ސުކުރީން ޝޮޓެއް

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރޭން ފެނުނު، އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރަށް މިއަދަށް މިވަނީ ދެ އަހަރު ވެފައެވެ. މީގެ ދެ އަހަރު ކުރިން ސަންއިން އެރަށަށް ގޮސް އެހާދިސާ ގެނެސްދީފައިވާއިރު ހަނދާން އާކޮށްލުމަށް އެހާދިސާ ހިއްސާކޮށްލާނަމެވެ.

އެ ހާދިސާއަށް ނަޒަރެއް!

އިބްތިހާލް ނޭވާލުން ހުއްޓިފައިވާ ކަމަށް ބުނެ އޭނާގެ މަންމަ، އާފިޔާ މުހައްމަދު މަނިކު "ތެޅެމުން ފޮޅެމުން" ގޮސް ވަނީ އަވަށްޓެރިއެއްގެ ގެއަށެވެ. އެ ގެއަށް ވަދެ، އެގޭ އަންހެނަކު ގޮވައިގެން އިބްތިހާލް ކައިރިއަށް ގެންދިޔައެވެ. އެއީ އިބްތިހާލް މަރުވެފައި އޮއްވާ ފެނުނު ފުރަތަމަ މީހާ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތުދިން މެދު އުމުރުގެ އެ އަންހެން މީހާ، އެހާދިސާ ކަވަރު ކުރުމަށް މީގެ ދެ އަހަރު ކުރިން އެރަަށަށް ދިއުމުން ކިޔައިދިންގޮތުގައި އޭނާއަށް އިބްތިހާލް ފެނުނު އިރު އެ ކުއްޖާ އޮތީ ބަރަހަނާ ހާލުގައެވެ. ހަށިގަނޑަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ހުއްޓާ ފެނުނެވެ. އޭރުވެސް އިބްތިހާލްގެ ފުރާނައެއް ނެތެވެ.

"އަހަރެން އެގެއަށް ދިއުމުން އާފިޔާ އެ ކުއްޖާ ގެނެސް ސިޓިން ރޫމްގައި ބޭއްވީ. އޭރު އެކުއްޖާ އޮތީ އޮރިޔާމުން. އަހަރެން އެ ކުއްޖާގެ ގައިގައި ފޮތިގަނޑެއް ވެސް އެޅީ. ފުރާނަ ހުރިއްޔާ ހުންނާނެ ކޮންމެ ވެސް ވަރެއްގެ ހޫނު ކަމެއް. އެކަމަކު އެ ކުއްޖާ ގަޔަކު ނެތް. އެ ކުއްޖާގެ ގައިން އަނިޔާތައް ފެންނަން ހުރި،" ދަރިފުޅުގެ "އުރަވަޅި" ވަރަށް ބޮޑަށް ވަނީ ދުޅަވެފަ" އެއަންހެން މީހާ މީގެ ދެ އަހަރު ކުރިން ސަން އަށް ކިޔައިދިނެވެ.

ރަށު ރައްޔިތުންނާއި ކައުންސިލުން ވެސް ޔަގީން ކޮށްދޭ ގޮތުގައި އިބްތިހާލަކީ އޭނާގެ މަންމަ އާފިޔާގެ ފަރާތުން އެތައް އަނިޔާއެއް ތަހައްމަލްކުރަމުން ދިޔަ ކުއްޖެކެވެ. ފަންސަވީހަކަށް މީހުން ދިރިއުޅޭ އެރަށުގެ ރައްޔިތުން ބުނަނީ އެކަން ހުއްޓުވުމަށް އެތައް ފަހަރަކު އާފިޔާއާއި ވާހަކަ ދައްކާފައިވާނެ ކަމަށެވެ. ކައުންސިލުން ބުނަނީ އެތައް ފަހަރަކު ކަމާ ބެހޭ ފަރާތްތަކަށް އެ މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ.

ރަކީދޫ ކަންސިލުން އެ ހާދިސާގެ މައުލޫމާތު 2012 ގައި ސަންއާ ހިއްސާކުރަނީ-- ސަން ފައިލް ފޮޓޯ

ރަކީދޫގައި އިބްތިހާލު ދިރިއުޅޭ މެރިންކޯނާ ގެއަކީ އިބްތިހާލްގެ މަންމަ، އާފިޔާގެ ގެއެއް ނޫނެވެ. އެއީ އާފިޔާ ކުއްޔަށް ހިފައިގެން އުޅޭ ގެއެކެވެ. އެގޭގައި އުޅެނީ އާފިޔާއާއި އޭނާގެ ތިން ކުދިންގެ އިތުރުން ދޮން ބައްޕައެވެ.

އާފިޔާގެ ފިރިމީހާ ފ. ފުލިދޫ، އިބްރާހިމް ޝަފީގަކީ ވ. އަތޮޅު ފެރީގެ ކެޕްޓަނެވެ. ޝަފީގު ބުނާ ގޮތުން އާފިޔާ ފުރަތަމަ އިބްތިހާލު ބަލައި ބޮޑު ކުރީ ވަރަށް ލޯބިންނެވެ. ޝަފީގު ބުނި ގޮތުގައި އިބްތިހާލަށް އާފިޔާ އަނިޔާ ކުރަންވީ ސަބަބެއް އޭނާއަށް ނުވިސްނެ އެވެ. އަދި އިބްތިހާލަށް އަނިޔާ ކުރާތަން ނުފެންނަ ކަމަށް ވެސް ޝަފީގު ބުންޏެވެ. ނަމަވެސް އިބްތިހާލަށް އާފިޔާ އަޅައިނުލާ ކަމަށް ޝަފީގު އެއްބަސްވެ އެވެ. އަދި އިބްތިހާލު ސާފުތާހިރު ނުކޮށް، ހުއްޓާ އެތައް ދުވަހަކު ފެނިފައިވާ ކަމަށް ޝަފީގު ބުންޏެވެ.

"އަހަރެން ހެނދުނު ފެރީގައި ފުރާ މީހާ ރަށަށް މި ދަނީ ރޭގަނޑު. ދާއިރު ހުރޭ ކުއްޖާ [އިބްތިހާލް]ގެ ގައިގައި ނިޔަފަތި އެޅިފަ ހުންނަ ގޮތަށް ޒަހަމްތައް. އެއީ ކިހިނެއް ވެފަހޭ ބުނީމަ އޭނަ [އާފިޔާ] ބުނާނެ ކުޅެން އުޅެނިކޮށޭ. ތަނަކުން ވެއްޓިފައޭ،" އިބްތިހާލުގެ ދޮން ބައްޕަ، ޝަފީގު ބުނެފައި ވެއެވެ.

އިބްތިހާލް އޭނާގެ މަންމަ އާއި ދޮންބައްޕަ އާއެކު--

ރަކީދޫ މަދުބަޔަކު ފިޔަވައި، މީހުން އެ ގެއަށް ވަދެ ނޫޅެއެވެ. ސަބަބުތައް ބައިވަރެވެ. އެ ގެއަކީ އާންމުކޮށް ތަޅުލާފައި ހުންނަ ގެއަކަށް ވުމެވެ. އާފިޔާ ވެސް އަވަށްޓެރިންގެ ގެތަކަށް ވަދެ ނޫޅެތީ އެވެ.

ރަކީދޫ ކައުންސިލުން ބުނާ ގޮތުން ނަމަ ފުލުހުންނަށާއި ޖެންޑާ މިނިސްޓްރީއަށް އެތައް ފަހަރެއްގެ މަތިން، އާފިޔާ އޭނާގެ ދަރިފުޅު އިބްތިހާލަށް އަނިޔާކުރާ މައްސަލަ ހުށަހެޅިއެވެ. ނަމަވެސް ލިބުނު ކުރިއެރުމެއް ނެތެވެ. ނަތީޖާއަކަށް ވީ "މަންމަގެ އަނިޔާއިން އިބްތިހާލް މަރުވުން" ކަމަށް ތުހުމަތުތައް ކުރެވެއެވެ.

އަނިޔާ ލިބިފައިވާ މަންމަ، ގާތިލަކަށް!

މުހައްމަދު އިބްތިހާލުގެ ގާތިލަކީ އޭނާގެ މަންމަ ކަމަށް އޭނާ އެއްބަސްވެއެވެ. ރަކީދުއަށް ނިސްބަތްވާ އާއިފިޔާގެ އާއިލާއަކީ ދެރަ ގޮތްތަކެއް މެދުވެރިވެފައިވާ ބައެކެވެ. އާއިލާގެ މަގު ގެއްލިގެން ދިޔައީ އާފިޔާގެ ބައްޕަ، މަރުވި ހިސާބުން ކަމަށް ރަށު ކައުންސިލުން ދެކެއެވެ. އާފިޔާގެ އެއްބަނޑު ހަތަރު މެމްބަރުން ތިބެއެވެ. އެއީ ދެ އަންހެނުންނާއި ދެ ފިރިހެނުންނެވެ.

ރަކީދޫގައި ދިރިއުޅެމުން ދިޔަ އާފިޔާގެ އާއިލާ 2009 ވަނަ އަހަރުން ވ. ކެޔޮދުއަށް ބަދަލުވިއެވެ. އޭރު އާފިޔާގެ އުމުރަކީ 21 އަހަރެވެ. އޭނާއަކީ އޭރު ހުސްހަށިބައި ކުއްޖެކެވެ. އެ އާއިލާ އެ ރަށަށް ބަދަލުވީ ތައުލީމު ހާސިލު ކުރާށެވެ. ބައްޕަ މަރުވުމުން، އާފިޔާގެ މަންމަ އެހެން މީހަކާ ކައިވެނި ކުރިއެވެ. އެ ހިސާބުން އަނިޔާވެރި ވަކިތަކެއްގައި އާފިޔާ ތާށިވީ ކަމަށްވެއެވެ. އަދި އޭނާގެ ކޮއްކޮމެންނަށް ވެސް ދޮން ބައްޕަ އަނިޔާ ކުރަން ފެށި ކަމަށް މީހުންގެ ވާހަކަތަކުން އެނގެއެވެ. ޖިސްމާނީ އަދި ޖިންސީ އަނިޔާ ލިބެމުންދިޔަ އިރު، ހިމާޔަތެއް ނުލިބެއެވެ. ބޭއިޚުތިޔާރުގައި ހިލޭ ފިރިހެނުންގެ އަތްދަށުވިއެވެ. އެކަމުގެ ތެރޭގައި އާފިޔާ ކައިވެނިން ބޭރުން ބަލިވެއިނެވެ. މައްސަލަ ބޮޑުވެ، އެންމެ ފަހުން އާފިޔާގެ އާއިލާ ކެޔޮދޫން ބޭލީއެވެ.

“ކެޔޮދޫ މީހުން އެ އާއިލާ އެރަށުން ބޭލީ އެ އާއިލާ ތެރޭ އެކިއެކި މައްސަލަތައް ހުންނާތީ. އޭގެ ތެރޭގައި އާފިޔާގެ ދޮން ބައްޕަ ދަރިންނަށް އިންތިހާއަށް އަނިޔާ ކުރޭ،. އާފިޔާއަށް ވެސް އެތައް އަނިޔާއެއް [ޖިންސީ، ޖިސްމާނީ އަނިޔާ] ލިބިފައިވާ ކަމަށްވޭ. އެކަންކަމަށް މި ރަށު މީހުން ހިތްހަމަ ނުޖެހޭތީ އެ އާއިލާ މި ރަށުން ބޭލީ،" ކެޔޮދޫން، އޭރު ސަންއަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

ކެޔޮދޫ އަދި ރަކީދޫ މީހުން ވެސް އެއްބަސްވާ ގޮތުގައި އާފިޔާ އަކީ ކުޑައިރުންސުރެ އެތައް އަނިޔާއެއް ލިބިފައިވާ އަންހެނެކެވެ. ހާއްސަކޮށް ޖިންސީ ގޯނާގައި ފިތި ބާރުވެ، މާޔޫސްވެފައިވާ އަންހެނެކެވެ. އެ އަނިޔާ ލިބުނީ ބެލެނެވެރިންގެ އިހުމާލުންނެވެ.

ވ. އަތޮޅު ފެރީ ދުއްވާ، އާފިޔާގެ ފިރިމީހާ ވ. ފުލިދޫ، އިބްރާހިމް ޝަފީގު ބުނާ ގޮތުން، އާފިޔާ ފުރަތަމަ އިބްތިހާލު ބަލައި ބޮޑު ކުރީ ވަރަށް ލޯބިންނެވެ. އާފިޔާ ދެ ވަނަ ދަރިފުޅަށް ބަލިވެ އިނުމުން އިބްތިހާލުގެ މާމަ ކައިރިއަށް އެކުއްޖާ ފޮނުވާލިއެވެ. އިބްތިހާލުގެ މާމަ އަދި އާފިޔާގެ މަންމަ ދިރިއުޅެނީ މ. އަތޮޅުގެ ރަށެއްގައެވެ.

މާމަ ކައިރިއަށް ފޮނުވާލުމުން، އެ ރަށުގައި ވެސް އިބްތިހާލަށް ލިބުނީ ހިތްދަތިކަމެވެ. ޝަފީގު ބުނި ގޮތުގައި އިބްތިހާލުގެ ހާލު ގޯސްވެ، ބަލިވެ އުޅޭ ކަމުގެ ހަބަރު ލިބިގެން އާފިޔާގެ ދެމަފިރިން އެކުއްޖާ ކައިރިއަށް ދިޔައެވެ. އަދި އިބްތިހާލު އެ ރަށުގައި ދިރިއުޅެމުންދިޔަ "ހާލު" އެ ދެމަފިރިންނަށް ފެނުނެވެ.

"މ. އަތޮޅުގައި އިބްތިހާލް ހުރިއިރު އާފިޔާގެ މަންމަމެން ރަނގަޅަކަށް ނުބަލާ. އެހެންވެ، އަނެއްކާ އަހަރުމެން އޭނާ ބަލަން ގެނައީ، ،" ޝަފީގު "ސަން" އަށް ކިޔައިިދިނެވެ.

އިބްތިހާލް: ޒަހަމްތަކަކާއެކު އޭނާ މަރާލާފައި އޮށްވާ ފެނުނުތާ ދެ އަހަރުވެއްޖެ: ފޮޓޯ: އިބްރާހިމް އައްސަދު

އިހުމާލުތައް ގިނަ:

ކުޑަކުޑަ މުޙައްމަދު އިބްތިހާލު، އަނިޔާވެރި ގޮތަކަށް މަރައިލި މައްސަލަ ކްރިމިނަލް ކޯޓުގެ ދޮރުން އެތެރެވެ، ޝަރީއަތް ފެށި އިރު، އެ ކުއްޖާފުޅަށް އިންސާފު ހޯދައި ދިނުމަށާއި އެކަން އަވަސްކުރަން ގޮވި ގޮވުންތައް ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ. އެކަން ގާތްގަނޑަކަށް ހަނދާން ވެސް ނެތި ހިނގައްޖެއެވެ. ޝަރީއަތުގެ ސްޕީޑްވެސް ލަހެވެ.

މީގެ ކުރިން ޝަރީއަތުގެ މަޖިލީސްތަކުގައި އާފިޔާ ވަނީ އިބްތިހާލް މަރާލިކަމަށް އެއްބަސްވެފައެވެ. އާފިޔާ ބުނެފައި ވަނީ އޭނާގެ މަންމަ ކައިރިން ދަރިފުޅު އޭނާގެ ކައިރިއަށް ބަދަލުކުރި ދުވަހުން ފެށިގެން އަނިޔާކުރި ކަމަށާއި އަނިޔާކުރީ "އެއީ ބައްޕަ ނެތް ކުއްޖަކަށް ވާތީ" ކަމަށެވެ. އަދި ރުޅި އަންނަ ކޮންމެ ފަހަރަކު އިބްތިހާލަށް އަނިޔާކުރާ ކަމަށް ކުރީގެ ޝަރީއަތުގެ މަޖިލީހުގައި އާފިޔާ ވަނީ ބުނެފައެވެ.

އިބްތިހާލުގެ ހަށިގަނޑު މޮނީޓާކުރި ޑރ. އަހުމަދު ނިޝާން ވިދާޅުވިގޮތުގައި އިބްތިހާލްގެ ކަރުގައި ވަރަށް ބާރަށް ހިފާފައި ހުރިކަން އެނގެއެވެ. އަދި ބަނޑަށް ލޭ އެޅިފައިވާ ކަމަށްވެސް ޑރ. ނިޝާން ވިދާޅުވެފައިވެއެވެ. އެއީ އިބްތިހާލް މަރުވާން ދިމާވި ސަބަބަށް ވެދާނެ ކަމަށް ވެސް ނިޝާން ވަނީ ވިދަޅުވެފައެވެ.

އާފިޔާ ފުލުހުންގެ އޮފިސަރުންތަކަކާއެކު ކްރިމިނަލް ކޯޓަށް ވަންނަނީ-- ސަން ފައިލް ފޮޓޯ

އިބްތިހާލްގެ މަރުގެ މައްސަލާގެ ޝަރީއަތްތައް އަދި ނުނިމޭއިރު އިސްވެ ފާހަގަކުރި މައްސަލަތަކަށް ބަލާއިރު އިހުމާލުތަކެއް އުޅޭކަން ޔަގީންވެއެވެ. އިބްތިހާލްގެ މަރާ ގުޅިގެން، އިހުމާލުވި ކަމަށް ތުހުމަތުކުރެވޭ ދައުލަތުގެ ފަސް މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އޭގެ ތެރޭގައި ޖެންޑާ މިނިސްޓްރީގެ ހަތަރު މުވައްޒަފުންނާއި ފުލުހެއް ހިމެނެއެވެ.

އެ މައްސަލާގައި ދައުވާ އުފުލާފައިވާ ވ. ފުލިދޫ، ނަލަހިޔާ، އާމިނަތު ޝިޔާޒާ އާއި ގދ. ފިޔޯރީ، ބީޗްވިލާ، އަހުމަދު ޝުޒާދަކީ ހާދިސާ ހިނގި އިރު ޖެންޑާ މިނިސްޓްރީގައި މަސައްކަތް ކުރި ދެ މުވައްޒަފުންނެވެ.

ދައުވާ އުފުލާފައިވާ ގއ. ދެއްވަދޫ، ނަސްރީނުގޭ، މުހައްމަދު ރަޝީދުއާއި ފ. ފީއަލި، ގުލްއަލާމާގޭ، މުހައްމަދު ޝަކީބަކީ ޖެންޑާ މިނިސްޓްރީގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ދެ މުވައްޒަފުންނެވެ.

ދެން އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ވ. އަތޮޅު އެކްޓިން ކޮމާންޑަރުގެ މަގާމުގައި އޭރު ހުންނެވި ބ. އޭދަފުށީ، މާބަގީޗާގޭ، ލިސާން އަބޫބަކުރުގެ މައްޗަށެވެ.

އާފިޔާ މުހައްމަދުގެ ދޮން ބައްޕަ މ. ދިއްގަރު ބަށިމާގޭ އިސްމާއިލް ރައޫފްގެ މައްޗަށް އާއިލާގެ މެމްބަރަކާ ޖިންސީ އަމަލު ހިންގުމުގެ ދައުވާވަނީ އުފުލާފައެވެ. އެއީ އިބްތިހާލަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައެވެ. އޭނާ އަކީ އާފިޔާއަށް އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ މީހާއެވެ.

އިބްތިހާލާއި ގުޅުންހުރި އެއްވެސް މައްސަލައެއްގެ ޝަރީއަތް އަދި ނުނިމޭއިރު ކުށްވެރިންނަށް އަދި އަދަބެއް ކަނޑައެއް ނާޅައެވެ.

އަދުގެ ހާލަތު ކިހިނެއް:

ފުލުހުން މައުލޫމާތު ދޭގޮތުގައި، ކުޑަކުދީންނަށް އެކިއެކި ގޯނާކޮށްގެން ހުށަހަޅާ މައްސަލަތައް ކުރިއަށްވުރެ މިހާރު އިތުރެވެ. އެވްރެޖް ގޮތެއްގައި ދުވާލެއްގެ މައްޗަށް ތިން މައްސަލަ ހުށަހެޅެއެވެ. އޭގެ ތެރޭގައި ޖިސްމާނީ އަދި ޖިންސީ އަނިޔާގެ މައްސަލަތައް ގިނައެވެ.

"އާއިލާތެރޭގައި ހިނގާ ހަމަނުޖެހުމާއި ގުޅިގެން މަންމަ އާއި ބައްޕަ ދުރުވާ ހިސާބުން މަންމަ ކުއްޖާ ބަލަހައްޓަމުންދާކަމުގައި ވާނަމަ މަންމަގެ ފަރާތުން ކުއްޖާއަށް އެކި ކަހަލަ އަނިޔާ ލިބުމާއި އަދި ބައްޕަގެ ފަރާތުން ކުއްޖާ ބަލަހައްޓާނަމަ ކުއްޖާއަށް އެކި ކަހަލަ އަނިޔާވުން، މިކަހަލަ މައްސަލަ ގިނައިން ހުށަހެޅެނީ،" ހެޑް އޮފް ޗައިލްޑް އެބިއުސް އިންވެސްޓިގޭޓިވް ޔުނިޓް، ޕޮލިސް ސްޓާފް ސާޗެންޓް އަހުމަދު ފާރިޝް ވިދާޅުވިއެވެ.

އެފަދަ މައްސަލައެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ފުލުހުންނަށް އަވަހަށް ހުށަހެޅުމަށް އިލްތިމާސްކުރެއެވެ. އެއާއެކު ކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލުކޮށް، އިހުމާލްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ފުލުހުން މައުލޫމާތު ދޭގޮތުގައި އެފަދަ މައްސަލަތައް އަދިވެސް ހުށަހަޅަނީ މާ ލަސްވާ ފަހުންނެވެ.

"ހިތާމައަކީ ގިނަ މައްސަލަތައް އަޅުގަނޑުމެންނަށް ރިޕޯޓް ކުރެވޭލެއް އަދިވެސް ލަސް. އެއްބައި މައްސަލަތައް ލަހުން ހުށަހެޅިއްޖެ ކަމަށްވާނަމަ އަޅުގަނޑުމެންނަށް އެމައްސަލަތަކުގެ ހެކިތައް ހޯދަން ތަންކޮޅެއް ދަތިވޭ،" ފާރިޝް ވިދާޅުވިއެވެ.

މާދަމާ ގައުމުގެ މުސްތަގުބަލް ކަމަށްވާ ކުޑަކުދީންނަށް މިހާރަށް ވުރެ އަމާން ވެއްޓެއް ގާއިމް ކުރުމަށް އެންމެންވެސް ޒިންމާ ނަގަންޖެހެއެވެ. މިފަދަ މައްސަލަތައް ސިއްރުނުކޮށް އަވަހަށް ހައްލު ހޯދަން މަސައްކަތް ކުރަންޖެހެއެވެ. ކުޑަކުޑަ އިބްތިހާލްގެ މަރުންވެސް އިބްރަތް ހާސިލް ކުރަންޖެހެއެވެ.

comment ކޮމެންޓް