އެމްއެންޑީއެފްއަށް ތިން ޕައިލެޓުން ހޯދަން އިއުލާންކޮށްފި

އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރު: ސަން ފައިލް ފޮޓޯ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ތިން ޕައިލެޓުން ހޯދަން އިއުލާންކޮށްފިއެވެ.

ޕައިލެޓުން ހޯދަން އިއުލާންކޮށްފައިވަނީ އެމްއެންޑީއެފްގެ އެއާވިންގަށެވެ. އެމްއެންޑީއެފުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ މަގާމަށް ފުރަތަމަ ނަގާނީ ޕްރައިވެޓް ރޭންކުގެ މީހުންކަމަށެވެ. އެއަށްފަހު ސިފައިންގެ އަސާސީ ތަމްރީނާއި، ސިފައިންގެ ޕައިލެޓަކަށްވުމަށް ހަދަންޖެހޭ ތަމްރީންތަކާއި، އަދި ޓައިޕް ޓްރޭނިންގް ހެދުމުން އޮފިސާ ކޯގެ ލެފްޓިނަންޓް ރޭންކަށް ބަދަލު ކުރާނެ ކަމަށް ބުނެފައިވެއެވެ.

މިމަގާމަށް ކުރިމަތިލާ ފަރާތްތަކުގެ އަތުގައި ކޮމާޝަލް ޕައިލެޓް ކަމުގެ ލައިސަންސް އޮންނަން ޖެހެއެވެ. އަދި ކްލާސް ''އޭ''ގެ މެޑިކަލް ސެޓްފިކެޓެއް އޮތުމުގެ އިތުރުން ލޮލުގެ ފެނުމާއި ކަންފަތުގެ އިވުން ފުރިހަމައަށް ހުންނަން ޖެހެއެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ވަނީ ހަތަރު އެއާކްރާފްޓް އިންޖިނޭރުން ހޯދަންވެސް އިއުލާންކޮށްފައެވެ. މި މަސައްކަތުގެ މަސްއޫލިއްޔަތަކީ އެއާކްރާފްޓުތަކުގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުމެވެ.

ދިވެހި ސިފައިންގެ އެއާވިންގް ގައި މިހާރު ބޭނުން ކުރަމުން އަންނަނީ އިންޑިއާ އަސްކަރިއްޔާއިން ހަދިޔާކޮށްފައިވާ ތިން ހެލިކަޕްޓަރެވެ. ނަމަވެސް އެ ހެލިކަޕްޓަރުތައް ދުއްވަނީ އިންޑިއާ ސިފައިންނެވެ.

comment ކޮމެންޓް