އިސްލާމް މުދައްރިސުން ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިކުރުވުމަށް ވޯކްޝޮޕެއް ހިންގައިފި

ސްކޫލުތަކުގައި އަރަބި އިސްލާމީ ތައުލީމު އުނގަންނައިދިނުމުގައި މަސައްކަތް ކުރާ ޓީޗަރުންނަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕުގެ ތެރެއިން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ރާއްޖޭގެ ސްކޫލުތަކުގައި އަރަބި އިސްލާމީ ތައުލީމު އުނގަންނައިދިނުމުގައި މަސައްކަތް ކުރާ ޓީޗަރުންނަށް މަސައްކަތު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފި އެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ޑިޕާޓްމަންޓު އޮފް ހެރިޓޭޖްގައި ކުރިއަށް ގެންދިޔަ އެ މަސައްކަތު ބައްދަލުުވުމުގައި މާލޭގެ ސްކޫލުތަކުގެ 25 ޓީޗަރަކު ބައިވެރިވެފައިވެ އެވެ.

އެ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، އެ ވޯކްޝޮޕުގައި، އަަރަބި ބަހާއި އިސްލާމް މާއްދާ އުނގަންނަައި ދިނުމުގައި އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ އަހުލާގީ މިންގަނޑުތައް ހިމަނައިގެން ޓީޗަރުން ތަމްރީނު ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ޓީޗަރުންނަށް ދޭ ތަމްރީނުތައް ދަރިވަރުންނާ ހަމައަށް ވާސިލް ކޮށްދޭން ޖެހޭ ކަމަށެވެ.

މަސައްކަތު ބައްދަލުވުމުގައި ބައިވެރިވި ފަރާތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"މިކުރެވޭ ހުރިހާ މަސައްކަތްތަކެއް ކްލލާސް ރޫމްތަކުން ލާފައި ކުދިންނާ ހަމައަށް ވާސިލްވާން އެބަޖެހޭ. އެއީ އަރަބި ބަސް އޭގެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނެ ގޮތްތަކާއި އަދި އަޅުގަނޑުމެންގެ އުނގެނުމާއި އުނގަންނައި ދިނުމުގައި އިސްލާމީ ތަރުބިއްޔަތުގެ އިތުރުން ހުރިހާ މާއްދާތަކަށް މީގެ އަސަރު މާތްވެގެންވާ އިސްލާމް ދީނުގެ މި ހުރި މިންގަނޑުތަކުގެ ތެރެއިން ފޯރަންޖެހޭ،" ނަޒީރު ވިދާޅުވި އެވެ.

އެ މަސައްކަތު ބައްދަލުވުމުގައި ކިޔަވައިދެއްވާފައިވަނީ އިސްލާމިކް އެޑިއުކޭޝަން ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އިސެސްކޯ) އާއި ގްރެންޑާ އެޑިޝަންގެ ދެ ބޭފުޅުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މަސައްކަތު ބައްދަލުވުމަކީ، އަރަބި އިސްލާމް ތައުލީމު އުނގަންނަވައިދެއްވުމުގައި މަސައްކަތް ކުރާ ދިވެހި މުސައްރިސުން، ކިޔަވައިދިނުމުގައި ބޭނުންކުރާ ޒަމާނީ ވަސީލަތްތަކަށް އަހުލުވެރި ކުރުވުމަށާއި އިސްލާމީ އަދި އިންސާނީ އެންމެ ރިވެތި އުސޫލުތައް އުނގަންނަވައިދެއްވުމަށް މުދައްރިސުން އަހުލުވެރި ކުރުމަށް ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމެއް ކަމަށެވެ.

comment ކޮމެންޓް