މިޒުވާނާ ކިޑްނީއަކަށް އެދިއެދި

ސާލިމް: ކިޑްނީއަށް އެދިދަނީ އާދޭސް ކުރަމުން، --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އުފެދުމުގައި ކަނާތު ފައިގަ އައިބުކަމެއް ހުރުމުގެ އިތުރުން ބޮލުގައި ފެންހެދިފައި ހުއްޓެވެ. ނަމަވެސް ދިރިއުޅުމަށް ކުރި އުންމީދުތަކާއެކު މަސައްކަތް ކުރަމުން ދިޔައެވެ. އަބަދުވެސް ބޭނުންވީ ހިސާބު އިލްމުން މޮޅު މީހަކަށް ވުމަށެވެ. ސާނަވީ ތައުލީމް ނިމުމުން އަމާޒު ކުރީ އެކަމަށެވެ. ނަމަވެސް ތަގުދީރު ކަންދިމާ ކުރިގޮތުން މިއަދު އެޒުވާނާ ވަނީ ބަލިއެނދުގައި އޮންނަންޖެހިފަ އެވެ.

ތ. ދިޔަމިގިލީ، އުއްމީދުގޭ އުމުރުން 23 އަހަރުގެ އަހުމަދު ސާލިމް އަށް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފިޓް ޖެހުމުގެ މައްސަލަ ކުރިމަތިވި އެވެ. އެކަމަށް ހައްލު ހޯދުމަށް ޑޮކްޓަރަށް ދެއްކުމުން އެނގުނު ގޮތުގައި ސާލިމްގެ ދެ ކިޑްނީ ވެސް ވަނީ ފެއިލްވެފަ އެވެ. ސާލިމް ދުނިޔޭގަ ހުރުމަށް ހަފްތާއަކު ދެ ފަހަރު ޑައިލަސިސް ހަދަންޖެހެ އެވެ.

ސާލިމް: --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

"ވަރަށް ވަރުބަލިވޭ، ޑައިލަސިސް ހަދަން ހަތަރު ގަޑިއިރު ވާއިރު ވެސް ވަރަށް ވަރު ބަލިވެފައި ހުންނަނީ،" ސާލިމްގެ ވޭނީ ދުނިޔެ ކިޔައިދެމުން ބުންޏެވެ.

ރަށުގައި ދިރިއުޅެމުން ދިޔަ އެއާއިލާ މިއަދު ވަނީ މާލެ ބަދަލުވާން މަޖުބޫރުވެފަ އެވެ. ދިޔަމިގިލި ކައިރި ރަށަކުން ވެސް އެ ހިދުމަތް ނުލިބޭއިރު މާލެ އައުން ނޫންގޮތެއް ނެތެވެ.

ސާލިމަށް ފަރުވާ ދިނުމަށް މިހާރު ދެ ފަހަރެއްގެ މަތިން ވަނީ އިންޑިއާއަށް ގޮސްފަ އެވެ. ސާލިމްގެ މަންމަ ހަދީޖާ ސުލައިމާން ބުނި ގޮތުގައި ސާލިމަށް ކިޑުނީއެއް ލެއްވުން ނޫން ގޮތެއް ނެތް ކަމަށެވެ.

"ހައްލަކީ ކިޑްނީ އެއް ލެއްވުން، އެއް ކިޑްނީ ލެއްވިޔަސް ނޯމަލްކޮށް އުޅެވޭނެ ކަމަށް ޑޮކްޓަރުން ބުނަނީ،" ތިން ދަރިންގެ މަންމަ ދޮށީ ދަރިފުޅުގެ ހާލަތު ކިޔައިދެމުން ބުންޏެވެ.

ޒުވާން ސާލިމްގެ މުސްތަގުބަލަށް އެ އާއިލާއިން ބޭނުންވަނީ ސާލިމަށް ކިޑްނީއެއް ލެއްވުމަށެވެ. ސާލިމްގެ މަންމަ ބުނި ގޮތުގައި އިންޑިއާއިން ކިޑްނީއެއް ވަނީ ލިބިފައެވެ. އެކަމަށް ފަސް ލައްކަ ރުފިޔާ ހޭދަވާއިރު އެކަން ނުވެ އޮތީ ފައިސާ ހަމަނުޖެހޭތީ ކަމަށް ހަދީޖާ ބުންޏެވެ.

"ކިޑްނީ ލައްވާކަށް އާސަންދައެއް ނުލިބޭ، އެކަމަށް ޖުމްލަ ފަސް ލައްކަ ރުފިޔާ އަރާ، ފައިސާގެ ދަތިކަން އޮތީ،" ދަރިފުޅުގެ މުސްތަގުބަލަށް އެދިއެދި ހުރި ސާލިމްގެ މަންމަ ބުންޏެވެ.

ސާލިމް: އުފެދުމުގައިވެސް ފައިގަ ނުކުޅެދުންތެރިކަމެއް ހުރޭ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ސާލިމްގެ އާއިލާ މަސައްކަތް ކުރަމުންދަނީ އޭނާއަށް ކިޑްނީއެއް ލެއްވުމަށެވެ. އެކަމަށް ކުރަންޖެހޭ ހޭދައަކީ މެދުފަންތީގެ އެއާއިލާއަށް އެކަނި ކުރެވޭނެ ހޭދައަކަށް ނުވުމުން އެފަރާތްތަކުން އެދެނީ ދީލަތު އެހީއަކަށެވެ. އެ ޒުވާނާގެ މުސްތަގުބަލަށް ދީލަތި އެހީއެއް ވެދެއްވާށެވެ.

ސާލިމްއަށް އެހީތެރިވުމަށް:

ހާސިމްގެ މަންމަ ހަދީޖާ: 9918149

އެކައުންޓް ނަމްބަރު:

7725467163001 ހަދީޖާ ސުލައިމާން

ނޯޓް:

ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެ އެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް