މުދާ ކްލިއާ ކުރުމަށް ކަސްޓަމްސް އިން އަސިކުޑާ ވާލްޑް ބޭނުންކުރަން ފަށައިފި

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް އުމަރު އަސިކުޑާ ވާލްޑް ރާއްޖޭގެ ކަސްޓަމްގައި އިފްތިތާހުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިމްޕޯޓް އެކްސްޕޯޓްގެ ލިޔުންތައް ނިންމުމާއި މުދާ ދޫކުރުމުގެ މަސައްކަތަށް ކަސްޓަމްސް އިން ބޭނުންކުރި "އަސިކުޑާ" ޕްރޮގްރާމްގެ އެންމެ ފަހުގެ ވާޝަންކަމަށްވާ "އަސިކުޑާ ވާލްޑް" އަށް ކަސްޓަމްސް އިން ހިޖުރަކޮށްފި އެވެ.

އިންޓަނޭޝަނަލް ކަސްޓަމްސް ޑޭ ގެ މުނާސަބަތުގައި މިއަދު ކަސްޓަމްސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އަސިކުޑާ ވޯލްޑާ ގުޅޭ ގޮތުން ކަސްޓަމްސްގެ އޮފިޝަލަކު ވިދާޅުވީ، އެކްސްޕޯޓް އިމްޕޯޓް މުދާ ކްލިއަކުރުމަށް ބޭނުންކުރާ ނިޒާމަށް ގެނައި އެ ބަދަލުގެ ސަބަބުން ލިޔެކިޔުންތައް ނިންމުމަށް ހޭދަވާ ވަގުތު ދަށްވެ މުދާ މިހާރަށް ވުރެ އަވަހަށް ކްލިއަކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އޭގެ އިތުރުން ވިޔަފާރިވެރިންނާއި ބްރޯކަރުންނަށް އެފަރާތްތަކުގެ އޮފީހުގައި ނުވަތަ ގޭގައި ތިބެގެން މުދާ ކްލިއަކުރުމުގެ ކަންކަން ކުރެވޭނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ އެ ނިޒާމުގެ ސަބަބުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ބޭނުން ކުރާ ސިންގަލް ވިންޑޯ ސިސްޓަމް ގާއިމްކުރުމަށް މަގުފަހިވެ، އެކްސްޕޯޓް އިމްޕޯޓާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވާ ސަރުކާރުގެ ހުރިހާ އިދާރާތައް ވެސް އޮންލައިންކޮށް ގުޅާލުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މިއަދު ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަޒްލީނާއި ކަސްޓަމްސްގެ އިސްވެރިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ނިޒާމު ތައާރަފްކުރުމުގެ ގޮތުން މިހާރު ވަނީ ކަސްޓަމްސްގެ އެތެރޭގެ އިންތިޒާމުތައް އާ ނިޒާމާ އެއްގޮތަށް ބަދަލުކޮށް، އިމްޕޯޓް އެކްސްޕޯޓް ކުރާ ފަރާތްތަކަށާއި ކަސްޓަމްސް ބްރޯކަރުންނަށް މައުލޫމާތު ދިނުމުގެ ކަންކަން ކޮށްފަ އެވެ.

ކަސްޓަމްސް އިން ވަނީ ޓެސްޓިން މަރުހަލާއެއްގެ ގޮތުގައި އެ ނިޒާމު މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މާލޭ ސީޕޯޓްސްގައި ބޭނުންކުރަން ފައްޓައިފަ އެވެ. އޭގެ ފަހުން ވައިގެ މަގުން އަންނަ މުދަލާއި ޕޯސްޓްގެ މަގުން އަންނަ މުދާ ކްލިއާކުރުމުގައި އެ ނިޒާމް ބޭނުންކޮށް، ރީޖަނަލް ކަސްޓަމްސްތަކުގައި އަދި ބޮންޑެޑް ވެއާހައުސްތަކުގައި އެ ނިޒާމު ވަނީ ބޭނުންކޮށްފަ އެވެ.

މިއަދު ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ މެރިޓް ސެޓްފިކެޓް ހާސިލްކުރި 140 ކަސްޓަމްސް އޮފިސަރުންނަށް ސެޓްފިކެޓް ދީފަ އެވެ. އަދި ކަސްޓަމްސް އަށް 20 އަހަރު ހިދުމަތްކުރި މުވައްޒަފުންނަށް ވަނީ ހަނދާނީ ފިލާ އަރުވާފަ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަޒްލީން ކަސްޓަމްސް އޮފިސަރަކަށް ހަނދާނީ ލިޔުމެއް ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެތަކެތި ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް އުމަރު އެވެ.

comment ކޮމެންޓް