އެލުމިނިއަމް ތެލީގައި ކެއްކުމުން ކުޑަކުދިންގެ އައިކިއު ދަށްވޭ: ދިރާސާ

ފޮޓޯ: ޓޭކްޕާޓް މެގަޒިން

އެލުމިނިއަމް އިން ހަދާފައިވާ ތެއްޔާއި ތަވާ ފަދަ ތަކެތީގައި ކައްކާފައި ހުންނަ ކާނާ ކުޑަކުދިންނަށް ދިނުމުން އެކުދިންގެ ވިސްނުން ތޫނުކަން ހުންނަ މިންވަރު ނުވަތަ އައިކިއު ދަށްވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ބައިނަލްއަގުވާމީ ސައިންޓިފިކް ޖާނަލްއެއް ކަމަށްވާ ސައިންސް އޮފް ދި ޓޯޓަލް އެންވަޔަރޮމެންޓުގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައިވާ ގޮތުން އެލުމިނިއަމް އިން ހަދާފައިވާ ތެއްޔާއި ތަވާ އާއްމުކޮށް ހަދަނީ ކާރާއި ކޮމްޕިއުޓަރު ފަދަ އިންޑަސްޓްރިއަލް ކުނީގެ ބައިތައް ބޭނުންކޮށްގެންނެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން އެތެލިތަކުގައި ހުންނަ ކެޑްމިއަމް އާއި ލެޑްގެ ސަބަބުން އެތައް މިލިއަން މީހުންނަށް ސީރިއަސް ސިއްހީ ނުރައްކާތަކާ ކުރިމަތިލާން ޖެހޭ ކަމަށް ދިރާސާގައިވެ އެވެ.

އެގޮތުން ކެޑްމިއަމްއަކީ ކުޑަކުދިންގެ ނާރުގެ ނިޒާމަށް ވިހަގަދަ އެއްޗެއް ކަމަށާއި އޭގެ ސަބަބުން ލޭ ހޮޅިތަކާ ގުޅުން ހުރި ކިޑްނީގެ މައްސަލަތަކަށާއި ކެންސަރަށް ވެސް މަގުފަހިވާ ކަމަށް ދިރާސާގައިވެ އެވެ. އަދި ލެޑް އަކީ ކުޑަކުދިންގެ ސިކުނޑިއަށް ގެއްލުންވުމާއި ވިސްނުމުގެ އުނިކަމާ ކުރިމަތިލާންޖެހުމާއި ސްކޫލުގެ ނަތީޖާ ދަށްވުމުގެ އިތުރުން ސިއްހީ މައްސަލަތަަކާ ގުޅުން ހުރި އެއްޗެއް ކަމަށް ދިރާސާގައިވެ އެވެ.

"އާއްމު ގޮތެއްގައި އެފަދަ ތެއްޔާއި ތަވާ ބޭނުން ކުރުމުން ލެޑް އާއި ކެޑްމިއަމްއަށް އެކްޕޯސްވެ، ކުޑަކުދިންގެ އައިކިއު އާއި ސްކޫލުގެ ނަތީޖާ ދަށްވާނެ. އަދި ކާޑިއޯވަސްކިއުލާ ބަލިތަކުގެ ސަބަބުން އެތައް މިލިއަން މީހުން މަރުވުމަށް މަގު ފަހިވާނެ،" ދިރާސާގައި އިސްކޮށް އުޅުއްވި އެޝްލޭންޑް ޔުނިވާސީޓީގެ ޕްރޮފެސަރު ޖެފްރީ ވީޑެންހޭމާ ވިދާޅުވި އެވެ.

އެމެރިކާގެ އޭޝްލޭންޑް ޔުނިވާސިޓީ އާއި އޮކިއުޕޭޝަނަލް ނޮލެޖް އިންޓަނޭޝަނަލް އިން ހެދި އެދިރާސާގެ ބައިވެރިން ވަނީ ތަރައްގީވަމުންދާ 10 ގައުމެއްގައި އެލުމިނިއަމްއިން ހަދާފައިވާ ތެއްޔާއި ތަވާގެ 42 ސާމްޕަލް ޓެސްޓުކޮށްފަ އެވެ.

އެގޮތުން އެތެލިތަކުގައި ދެ ގަޑިއިރު ވަންދެން އެސިޑިކް ސޮލިއުޝަނެއް ހޫނު ކުރުމަށް ފަހު ލެޑް އުފެދުނު މިންވަރު ބެލުމުން، އޭގެ ތެރެއިން ތިން ބައިކުޅަ އެއް ބައި ސާމްޕަލުތަކުގައި ނުރައްކާތެރި މިންވަރަކަށް ލެޑް ހުރިކަމަށް ދިރާސާގައިވެ އެވެ.

ލެޑްގެ އިތުރުން އެފަދަ ތެލީގައި ކެއްކުމުން އެލުމިނިއަމް، އާސެނިކް އަދި ކެޑްމިއަމް އުފެދޭ ކަމަށް ދިރާސާގައިވެ އެވެ.

comment ކޮމެންޓް