ފޯމްތައް ބާތިލްކުރުމުން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ބުނެ ދައުލަތުން އިޖުރާއީ ނުކުތާއެއް ނަގައިފި

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންް ---- ސަން ފޮޓޯ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުރިމަތިލުމަށް ހުށަހެޅި އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމް ބާތިލްކޮށްފައިވާތީ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެޕާޓީން ހައިކޯޓުގައި ދައުވާ ކުރި މައްސަލަ ނުބެލޭނެ ކަމަށް ބުނެ ދައުލަތުން އިޖުރާއީ ނުކުތާއެއް ނަގައިފިއެވެ.

މިއަދު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ އިންތިޚާބީ ޝަކުވާގެ މައްސަލަ ހައިކޯޓަށް ހުށަހެޅޭނީ އެ މައްސަލައެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި އެ ކޮމިޝަނުން ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭނަމަ ކަމަށެވެ. އެއީ ގާނޫނުގައި އެކަން ބަޔާންކޮށްފައި އޮންނަ ގޮތް ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އެ މައްސަލަ ހައިކޯޓަށް ނުބެލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން މިއަދު ވަނީ އެދިފައެވެ.

އެމްޑީޕީގެ ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު ވަނީ އެ ނުކުތާ އަށް ޖަވާބުދާރީވާން ފުރުސަތަކަށް އެދިވަޑައިގެންފައެވެ. ފަނޑިޔާރުންގެ ބެންޗުން ވަނީ އެ ފުރުސަތު އެޕާޓީއަށް ދީފައެވެ.

ޖެނުއަރީ 14 ވަނަ ދުވަހު ބާއްވަން ނިންމި އިންތިޚާބަށް ހުށަހެޅި ފޯމްތައް ބާތިލްކޮށް އަލުން ހުށަހަޅަން އެންގި އެންގުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް ވެސް އެމްޑީޕީން ވަނީ އެދިފައެވެ.

ފަނޑިޔާރުންގެ ބެންޗުން ބުނީ އެ އަމުރާ މެދު ގޮތެއް ކަނޑައެޅޭނީ އެ މައްސަލަ ބެލުމުގެ އިހްތިސޯސް ހައިކޯޓަށް ލިބިގެންވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށްފަހު ކަމަށެވެ.

comment ކޮމެންޓް