އިސްލާމްދީނުގެ މުޢުޖިޒާތަކުގެ ތެރެއިން: ޢުމަރު ޘާާނީ ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ

އުމަވީ ދައުލަތުގައި އިސްލާމީ ޢުއްމަތުގެ ވެރި ރަށަކީ ސޫރިޔާގެ ދިމިޝްކެވެ. މިއީ ދިމިޝްކްގެ މަސްޖިދް އަލް އުމަވީ އަލްކަބީރި---

(19 ޖެނުއަރީގެ އަދަދާ ގުޅޭ)

ބޮޑެތި ކުދީން ކުޑަކުދީންގެ ޙައްޤުތައް ނިގުޅައިގެންފިއެވެ. ކުޑަކުދީން އެކަން ބައްލަވައި އިންސާފު ޤާއިމުކޮށްދެއްވުން އެދި މަނިކުފަނުގެ އަރިހަށް ހުށަހަޅައިފިއެވެ. އެހެންވެއްޖެނަމަ މަނިކުފާނު ހައްދަވާނީ ކިހިނަކުންތޯއެވެ؟"

ސަޢީދު ވިދާޅުވިއެވެ. "އަޅުގަނޑު އެކުދީންގެ ހުރިހާ ޙައްޤުތަކެއް އެކުދީންނަށް ލިބިދޭނަމެވެ."

އަމީރުލް މުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ވިދާޅުވިއެވެ. "އަޅުގަނޑުވެސް މިކުރަނީ އެމަސައްކަތެވެ. އަޅުގަނޑުގެ ކުރީގެ ބައެއް ޚަލީފާއިންނާއި، އެބޭފުޅުންގެ ޢާއިލާގެ މެމްބަރުންނާއި، އަމީރުންނާއި ވަޒީރުންވަނީ، ބަލިކަށި ނިކަމެތި އެތައްބަޔެއްގެ ޙައްޤުތައް އޮބައިގަންނަވައިފައެވެ. ނިކަމެތިންގެ މުދާތައް އެބޭފުޅުންގެ ޢާއިލާގެ މެމްބަރުންނަށް ދެއްވައިފައެވެ. އެ އަނިޔާ ލިބިފައިވާ މީހުން އެބައިމީހުންގެ ޙައްޤުތައް ލިބިދިނުން އެދި އަޅުގަނޑަށް އެބަ އިލްތިމާސުކުރެއެވެ. ކަންމިހެންހުރިއިރު ގަދަފަދަ މީހުންގެ ކިބައިން ބަލިކަށިމީހުންގެ ޙައްޤުތައް އަތުލައިދީ، އަނިޔާވެރީންގެ ކިބައިން އަނިޔާލިބޭމީހުން ސަލާމަތްކޮށްދީ ހެދުން އަޅުގަނޑުގެ މައްޗަށް ލާޒިމެއް ނުވާނެތޯއެވެ."

އަމީރުލް މުއުމިނީންގެ ވާހަކަފުޅުން ސަޢީދުގެ ހިތްޕުޅަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. ސަޢީދު ވިދާޅުވިއެވެ. "މާތްﷲ އަމީރުލް މުއުމިނީނަށް ތައުފީޤު ދެއްވާށިއެވެ."

ބައިތުލްމާލު އިސްލާޙުކުރެއްވުމާއި ރައްކާތެރިކުރެއްވުން

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ޚަލީފާކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ބައިތުލްމާލަށް ތަކެތި ނެގުމުގައިވެސް ބައިތުލްމާލުން ޚަރަދުކުރުމުގައި އެއްވެސް ނަޒާހަތްތެރިކަމެއްނެތެވެ. އެކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. ޙަރާމަކަށް ޙަލާލަކަށް ބެލުމެއްނެތި ބައިތުލްމާލަށް އެއްޗެހިނަގާކަމާއި، ކުޑަވެސް ނަޒާހަތްތެރިކަމެއްނެތި ބައިތުލްމާލުން ޚަރަދުކުރާކަން އެނގިވަޑައިގަންނަވައެވެ. އެހެންކަމުން ޣަސްބުން ފޭރެވިފައިވާ މުދާތައް އެތަކެތީގެ ޙައްޤުވެރީންނަށް ލިބިދެއްވުމާއެކު ބައިތުލްމާލު އިސްލާޙުކުރެއްވުމުގެ މަސައްކަތްޕުޅު ފެއްޓެވިއެވެ.

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ވެރިކަން ލިބިވަޑައިގަތުމުގެ ކުރީން އުމަވީން ބައިތުލްމާލާ މެދު ބައްލަވަމުން ގެންދެވި ޚަލީފާއިންގެ އަމިއްލަފުޅު ޚަޒާނާއެއްކަމުގައެވެ. އެހެންކަމުން އުމައްޔަތު ވަންހައިގެ ބޭފުޅުންނަށް މަހު އެއްޗެހިކޮޅުގެ ނަމުގައި ބައިތުލްމާލުން ވަރަށް ބޮޑެތި ޢަދަދުތައް ލިބިވަޑައިގަންނަވައެވެ. ޚަލީފާއިންގެ ޢާއިލާގެ މެމްބަރުންކަމުގައިވާތީޢެވެ. ނަމަވެސް ޢުމަރު ބުނު ޢަބްދުލްޢަޒީޒު އުމަވީންނަށް މަހު އެއްޗެހިކޮޅު ދެއްވުން ހުއްޓައިލެއްވިއެވެ. ޚަލީފާއިންނަށް ސަނާކިޔުމުގެ ޅެން ހަދާ ޝާޢިރުންނަށް އިނާމު ދެއްވުންވެސް ހުއްޓައިލެއްވިއެވެ.

އުމަވީ އަމީރުންނާއި ޝާހީ އާއިލާގެ މެމްބަރުން އެކަމާ ޝަކުވާ ކުރެއްވިއެވެ. ކުރީއްސުރެ އަމަލުކުރެވެމުން އަންނަ އުސޫލު ހަނދުމަފުޅުކޮށް އެރުވިއެވެ. ޖަވާބުގައި އަމީރުލްމުއުމިނީން ވިދާޅުވިއެވެ. ބައިތުލްމާލަކީ އެންމެހައި މުސްލިމުންގެ އަމާނާތެކެވެ. ވަކި ޢާއިލާއެއްގެ ޙައްޤެއް ނޫނެވެ. ތިޔަބޭފުޅުންގެ ޙައްޤެއްވާނަމަ އެޙައްޤެއް ވަނީ އަޅުގަނޑުގެ އަމިއްލަ މުދަލުގައެވެ. އަޅުގަނޑުގެ ކިބަޔަކު ތިޔަފަދަ ތަނަވަސްކަމެއްނެތެވެ.

އުމަވީ ދައުލަތުގައި ބައިތުލްމާލަށް ލިބޭ އާމްދަނީ، (ވާރާއި، ގޮޔާއި، ޖިޒީ އާއި، ޢުޝްރާއި، ޒަކާތާއި، ޣަނީމާ މުދަލުން ލިބޭ ބަޔާއި މިބާވަތުގެ ހުރިހާ އެއްޗެއްސެއް) ބައިތުލްމާލަށް ވަންދަމުން ގެންދިޔައީ ގަނޑުކޮށެވެ. މައްސުނިކޮށެވެ. ވަކިވަކީން ހިސާބުތަކެއް ނުބަލަހައްޓައެވެ. ނަމަވެސް އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު އެއިން ކޮންމެ ބާވަތަކަށް ވަކި ރަޖިސްޓްރީއެއް ހެއްދެވިއެވެ. ބައިތުލްމާލަށް ވެއްދޭ ތަކެއްޗަކީ ޙަލާލު ތަކެތިކަން ޔަޤީންކުރައްވަމުން ގެންދެވިއެވެ.

އުމައްޔަތުވަންހައިގެ ބައެއް ޚަލީފާއިންނާއި ގަވަރުނަރުންގެ އިންސާފެއް ނެތުމުގެ ސަބަބުން ވާރާއި ގޮއި ނެގުމުގައިވެސް ރައްޔިތުންނަށް ބޮޑެތި އަނިޔާތައް ލިބެމުންދިޔައެވެ. ޣައިރު މުސްލިމު ރައްޔިތުންގެ ޢީދުތަކުގައި އެބައިމީހުންގެ އަތުން ހަދިޔާގެ ނަމުގައި ފައިސާ އަތުލެވެމުންދިޔައެވެ. އާއްމު ރައްޔިތުން އަތުން ނަގާ ޓެކްސްތައް ގިނަވަމުންގޮސް ކާވެނީގެ ޓެކްސްގެ ނަމުގައިވެސް ދިޔައީ ޓެކްސްނަގަމުންނެވެ. އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އެހުރިހާ ޓެކްސްތަކެއް ނެގުން ހުއްޓައިލެއްވިއެވެ. އެކަލޭގެފާނަށް އެއްފަހަރަކު ޚަބަރު ލިބިވަޑައިގެންނެވީ ޢަދީ ބުނު އަރްޠާތު ރާއިން ޢުޝްރު ނަންގަވައި ބައިތުލްމާލަށް ޖަމާކުރައްވާ ކަމުގައެވެ. އަމީރުލްމުއުމިނިން ވަގުތުން އޭނާއަށް ލިޔުއްވިއެވެ. ތިޔަފަދަ އާމްދަނީއަކީ ޙަރާމް އެއްޗެކެވެ. ބައިތުލްމާލަށް ޖަމާކުރަންވާނީ ޙަލާލު މުދަލެވެ.

ބައިތުލްމާލަށް ލިބޭ އާމްދަނީ އިތުރު ކުރެއްވުމަށްޓަކާ އުމަވީ ގަވަރުނަރުން އައު މުސްލިމުންގެ އަތުންވެސް ޖިޒީ ނެންގެވިއެވެ. އެކަމާ ބެހޭގޮތުން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ގަވަރުނަރުންނަށް ލިޔުއްވިއެވެ. "މީހަކު އިސްލާމްވެއްޖެނަމަ އެމީހެއްގެ އަތުން ޖިޒީނެގުން ވަގުތުން ހުއްޓައިލާށެވެ. ޖިޒީ (އަސްކަރީ ޚިދުމަތުގައި ބައިވެރި ނުވާ މީހުންގެ ޓެކްސް) ނަގާނީ އަހަރަކު އެއްފަހަރުއެވެ. އަހަރުގެ އެންމެފަހު ދުވަހު މީހަކު އިސްލާމްވިކަމުގައިވިޔަސް އެމީހެއްގެ އަތުން މުޅިއަހަރަށް ވެސް ޓެކްސް ނަގައިގެން ނުވާނެއެވެ."

މިއަމުރުފުޅާ ވިދިގެން މީހުންތައް އިސްލާމްވިލެއް ގިނަކަމުން ޖިޒީގެ އާމްދަނީ ވަރަށް ބޮޑަށް މަދުވިއެވެ. މިޞުރުގެ ގަވަރުނަރު ޙައްޔާން ބުނު ޝުރައިޙު ޝަކުވާގެ ސިޓީއެއް ލިޔުއްވިއެވެ. އިސްލާމްވާ މީހުންތައް ގިނަކަމުން ޖިޒީގެ އާމްދަނީއަށް ވަރަށް ބޮޑަށް ލޮޅުން އަރައިފިއެވެ. އަޅުގަނޑު މުސްލިމުންގެ ޕެންޝަން ހަމަޖައްސަން ޖެހުނީ ތިރީސްހާސް އަސްރަފީ ދަރަންޏަށް ނަގައިގެންނެވެ.

ޚުރާސާނުގެ ގަވަރުނަރު ޖަރާޙު ބުނު ޢަބްދުﷲ ވެސް އައު މުސްލިމުންގެ އަތުން ޖިޒީ ނަންގަވާ ޚަބަރު އެއްފަހަރަކު އަމީރުލް މުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒަށް ލިބިވަޑައިގެންނެވިއެވެ. ޖަރާޙު ޓެކްސް ނަންގަވަނީ ޒިންމީން އިސްލާމްވަނީ ޖިޒީން ރެކެންވެގެން ކަމުގައި ވިދާޅުވެފައެވެ. އެބައިމީހުން އިސްލާމްވަނީ ހިތުގެ އަޑިޔަކުން ނޫންކަމުގައި ވިދާޅުވެފައެވެ. އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު އޭނާއަށް ލިޔުއްވިއެވެ.

"އަރަހުށި މާތްﷲ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވީ ސީދާވެގެންވާ ދީނުގެ ދާޢީއެއްގެ ގޮތުންނެވެ. ޓެކްސް ނަންގަވާކަށެއް ނޫނެވެ. އެހެންކަމުން ނަމާދުކުރާ މީހެއްގެ އަތުން ޖިޒީ ނެގުމުގެ އެއްވެސް ޙައްޤެއްނެތެވެ."

ޖަރާޙު މި އަމުރުފުޅާ އެއްގޮތަށް އަމަލުކުރައްވާން ފެއްޓެވުމުން މީހުން ބައިބަޔަށް އިސްލާމްވާން ފެށިއެވެ. އެތަންފެނިފައި ޖަރާޙުގެ ބައެއް މުޝީރުން އަނެއްކާވެސް އޭނާއަށް މަގު އޮޅުވައިލިއެވެ. އެބައިމީހުން ލަފާދިނެވެ. އައު މުސްލިމުން ޚިތާނުކޮށް އެބައިމީހުންގެ އިޚްލާސްތެރިކަން އިމްތިޙާނުކުރާންވީއެވެ. ޖަރާޙު އެކަމުގެ ހުއްދަ ހޯއްދަވަން އަމީރުލްމުއުމިނީނަށް ލިޔުއްވުމުން ޖަވާބުދެއްވިއެވެ.

"ﷲ ޞުބްޙާނަހޫ ވަޠަޢާލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވީ އިސްލާމްދީނަށް ގޮވައިލެއްވުމަށެވެ. ޚިތާނުކުރައްވާ ބޭކަލަކަށެއްނޫނެވެ."

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު އެންމެފަހުން ޖަރާޙު މަޤާމުން ވަކިކުރެއްވިއެވެ.

ޢުމަރުގެ އިސްލާޙީ މަސައްކަތްޕުޅުގެ ސަބަބުން ސަރަހައްދީ ބައެއް ތަންތާނގެ ބައިތުލްމާލު ހުސްވަމުންދާތީ ގަވަރުނަރުން ޝަކުވާކުރެއްވުމުން ޖަވާބުދެއްވިއެވެ. ތިޔަބައިމީހުން މާތްﷲ ރުހިވޮޑިގަތުން ހޯދާށެވެ. އޭރުން އެކަލާނގެ ތިޔަބައިމީހުން އުފާކޮށްދެއްވާނެއެވެ." (އަލްބިދާޔަތު ވައްނިހާޔަތު)

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ގޮއިނަގާގޮތްވެސް އިސްލާޙުކުރެއްވިއެވެ. އެކަލޭގެފާނުގެ ގަވަރުނަރެއްކަމުގައިވާ އަބްދުލްޙަމީދު ބުނު ޢަބްދުއްރަޙްމާނަށް ސިޓީފުޅެއް ފޮނުއްވިއެވެ.

"ބިންތައް މިނެ މޮޅުދެރަ ބަލައި ވަޒަންކުރާށެވެ. ގޮވާން ނެހެއްދޭ ބިމުގެ ބުރަ ގޮވާންކުރެވޭ ބިންތަކަށް އުފުލަން ނުޖައްސާށެވެ. އާބާދުކުރެވިފައިވާ ބިމުގެ ބުރަ ވީރާނާވެފައި ހުންނަ ބިންތަކުގައި ނާޅުވާށެވެ. ގޮވާން ނުކުރެވޭ ބިންތަކަގައިވެސް ވިޔަނަވަރު ހުރި ނިސްބަތަކުން ބިމުބައި ނަގާށެވެ. އެފަދަ ބިންތައް ދަނޑުވެރިކަން ކުރެވޭ ފަދަ ބިންތަކަކަށް ހެދޭތޯ މަސައްކަތްކުރާށެވެ. ދަނޑުވެރިކަންކުރެވޭ ފަދަ ވިޔަނަ ބިންތަކުގައިވެސް ގޮވާންކުރެވިފައި ނުވާނަމަ ގޮއި ނުނަގާށެވެ. ހަނަފަސްކަން ކުރިމަތިވެފައިވާ ބިންތަކުގެވެރީންގެ އަތުން ގޮއިނަގަންވާނީ ޙާލަތަށް ރިޢާޔަތްކޮށްގެން އޯގާވެރިކަމާއެކުގައެވެ. ގޮއިނަގާއިރުވެސް ކަނޑައެޅި ބަޔާންވެފައިވާ މުއްދުތަކަށް ނަގާށެވެ. ލާރިޖަހާމީހުންނާއި، ރަންރިހިވިރުވައިގެން ތަކެތި ހަދާ ތިލޭރުންނާއި، އަތްކަންކުރާމީހުންގެ އަތުން ވާރު ނުނަގާށެވެ. ޢީދުތަކާ ގުޅުވައިގެންނާއި، ސިޓީ ބިޓީ ލިޔެދީ އުޅޭމީހުންނާއި، އެނޫންވެސް ލިޔެކިޔުންތައް ތައްޔާރުކޮށްދޭ މީހުންނާއި، ކާވެނިކުރާ މީހުންގެ އަތުން ޓެކްސް ނުނަގާށެވެ. ޒިންމީއަކު އިސްލާމްވެއްޖެނަމަ އެމީހެއްގެ އަތުން ޖިޒީ ނެގުމެއްނެތެވެ. " (ކިތާބުލް ޚަރާޖު: އަލްއިމާމު އަބޫޔޫސުފް)

ކުރުކޮށް ދަންނަވާނަމަ އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ހުއްދަނޫން ހުރިހައި ބާވަތްބާވަތެއްގެ ޓެކްސްތަކެއް އުވައިލެއްވިއެވެ. ބައިތުލްމާލަށް ވަންނަ ހުރިހާ ހުއްދަ ނޫން އާމްދަނީތަކެއްގެ ދޮރު ބަންދުކުރެއްވިއެވެ.

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ބައިތުލްމާލު އިސްލާޙުކުރެއްވުމަށްފަހު ބައިތުލްމާލު ބެލެހެއްޓެވުމަށްވެސް ވަރަށް ވަރުގަދަ އިންތިޒާމުތަކެއް ހަމަޖެއްސެވިއެވެ. ވަރަށް ކުދިކުދި އިހްމާލުތަކާމެދުވެސް ވަރަށް ހަރުކަށި ފިޔަވަޅު އެޅުއްވިއެވެ. އެއްފަހަރަކު ބައިތުލްމާލުން އެންމެ އަސްރަފީ އެއް މަދުވުމުން ބައިތުލްމާލުގެ ބަނޑޭރިއަށް ސިޓީފުޅެއް ލިޔުއްވިއެވެ.

"ކަލޭގެ އަމާނާތްތެރިކަމާމެދު އަހަރެން ކުޑަކޮށްވެސް ޝައްކެއްނުކުރަމެވެ. ނަމަވެސް ކަލެޔަކީ އިހްމާލުގެ ސަބަބުން ކުށްވެރިވެފައި ހުރި މީހަކީމުއެވެ. އަހަންނަކީ މުސްލިމުންގެ ފަރާތުން އެބައިމީހުންގެ މުދަލުގެ ފާރަވެރިޔާއެވެ. އެމުދަލާމެދު ދަޢުވާކުރާ މީހާއެވެ. އެހެންކަމުން ކަލޭގެ ކުށެއްނެތްކަން ސާބިތުކޮށްދިނުމަށްޓަކައި ޝަރްޢީ ހުވާކުރުން ކަލޭގެ މައްޗަށް ލާޒިމެވެ."

ޚުރާސާނުގެ ގަވަރުނަރ ޔަޒީދު ބުނު މުހްލަބު ބުނު އަބީ ޞަފަރާގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވުމުން މަޤާމުން ވަކިކުރައްވައި ޖަލަށްލެއްވިއެވެ.

ދަޢުލަތުގެ ޚަރަދު ކުޑަކުރައްވަންވެސް ވަރަށް ބޮޑަށް މަސައްކަތްކުރެއްވިއެވެ. އެގޮތުން ބޮޑެތި ކަރުދާހުގައި ފަލަ ގަލަމުން ލިޔުންވެސް މަނާކުރެއްވިއެވެ.

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ އިސްލާޙީ ފިޔަވަޅުފުޅުތަކުން އަލްޚުލަފާއުއްރާޝިދޫންގެ ދައުރެކޭ އެއްގޮތަކަށް ބައިތުލްމާލަކީ އެންމެހައި މުސްލިމުން ހަމަހަމަ އެބައިމީހުންގެ އަމާނާތަކަށްވިއެވެ. ބައިތުލްމާލުގެ ހުރިހާ އެއްޗެއްސެއް މުސްލިމުންގެ ބޭނުންތަކަށް ޚަރަދުކުރެވޭ ވަޤުފަކަށްވިއެވެ.

ސީރަތު ޢިލްމުގެ ހުރިހާ އެދުރުން އިއްތިފާޤުވެ ވަޑައިގަންނަވާގޮތުގައި ހުއްދަ ނޫން ހުރިހާ އާމްދަނީއެއް މަނާކުރެއްވުމާއެކުވެސް ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ބަރަކާތްތެރި، ބާއްޖަވެރި ދައުރަކީ އަލްޚުލަފާއުއްރާޝިދޫންގެ ދައުރަށްފަހު އިސްލާމީ އުންމަތް ދުވަހަކުވެސް ދުށް އެންމެ ތިޔާގި އެންމެ ތަނަވަސް އެންމެ ފޯރުންތެރި ދައުރެވެ. ތާރީޚުން އެފަދަ ދައުރެއްގެ މިސާލު ދެއްކުމަކީ މުސްތަޙީލުކަމެކެވެ.

(ނުނިމޭ)

comment ކޮމެންޓް