ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ކެމްޕޭން މެނޭޖަރަކަށް ނިމާލް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމްގެ ކެމްޕޭން މެނޭޖަރެއްގެ ގޮތުގައި، ހަމަޖައްސާފައިވާ، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް -- ސަން ފައިލް ފޮޓޯ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމްގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ހަމަޖައްސައިފިއެވެ.

މިހާރު ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ނިމާލް، ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމްގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި ހަމަޖެއްސީ، މިއަދު ހަވީރު، ޕީޕީއެމްގެ އޮފީސް ހިންގާ ހ. ހުރަފާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އެޕާޓީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ކެމްޕޭންތައް ކުރިއަށް ގެންދާނީ ނިމާލުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.

ނިމާލް މިއަދު ވިދާޅުވީ ޕީޕީއެމް އިން އޭނާއާ މަތިކުރި މަސްއޫލިއްޔަތު އަދާކުރުމުގައި ސާބިތުވެ ދެމި ހުންނަވާނެ ކަމަށެވެ.

"ދެންް އަޅުގަނޑުމެންގެ ކެމްޕެއިންގެ މުޅި ފޯކަސް އަދި ތީމެއް ކަނޑަނޭޅުނު ކަމުގައި ވިޔަސް އަޅުގަނޑުމެން ވިސްނާފަ އޮތީ، އަޅުގަނޑުމެން އަހާނީ ރައްޔިތުންގެ އަޑޭ، ކުރާނީ ރައްޔިތުންނަށް މަސައްކަތޭ. ގެންނާނީ ރައްޔިތުންނަށް ތަރައްގީއޭ. މި ތިން ކަންތައްތަކުގެ މައްޗަށް ބަލާފައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މުޅި ކެމްޕެއިން ރޭވިގެން ދާނީ،" ނިމާލް ވިދާޅުވިއެވެ.

ޕީޕީއެމްގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހުއެވެ. އެ ދުވަހު ޕްރައިމަރީ ބާއްވަނީ 64 ގައި ކަމަށާއި 212 ދާއިރާއެއްގައި ޕްރައިމަރީ ނުބާއްވަން ނިންމާފައިވާ ކަމަށް ސެކްރެޓަރީ ޖެނެރަލް ޑރ. ޚަލީލު ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައި ވަނީ އަންނަ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހުއެވެ. އިދިކޮޅު އެމްޑީޕީން މި އިންތިޚާބުގައި ވާދަކުރާއިރު، އަދާލަތު ޕާޓީން ވަނީ އިންތިޚާބު ބޮއިކޮޓްކޮށްފަ އެވެ.

comment ކޮމެންޓް