މަޝްވަރާއަށް އެމްޑީޕީގެ މަންދޫބުންގެ ނަން ފޮނުވަން އދ. އިން އެދުނު: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ: އަލްޖަޒީރާ

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ބައިވެރިވާނެ މަންދޫބުންގެ ނަންތައް ފޮނުވަން އދ. އިން އެދުނު ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރު އެމެރިކާއަށް ވަޑައިގެން ހުންނެވި ރައީސް މުހައްމަދު ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު އިއްޔެ ވަނީ އދ.ގެ އަންޑާ ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް ޖެފްރީ ފެލްޓްމަންއާއި، އދގެ ޑިޕާޓްމެންޓް އޮފް ޕޮލިޓިކަލް އެފެއާޒްގެ ސީނިއާ އެޑްވައިޒާ ޓަމްރަޓް ސެމިއުލްއާ ބައްދަލުކުރެއްވި ކަމަށެވެ.

ޓަމްރަޓް ސެމިއުލަކީ ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ކުރިޔަށް ގެންދިއުމަށްޓަކައި މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް އދ. އިން ކަނޑައެޅި މަންދޫބެވެ.

ނަޝީދު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އެމްޑީޕީން ބައިވެރިވާނެ މަންދޫބުންގެ ނަންތައް ފޮނުވުމަށް އދއިން އެންގެވި ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް މިވަގުތު އޮތީ ހުއްޓިފައެވެ. ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ، އިންޑިއާގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އިދިކޮޅު ފަރާތްތަކާ އެކު މިހާރު ރާއްޖޭގައި މަޝްވަރާ ކުރަންޖެހޭ ފަދަ ހާލަތެއް ނެތް ކަަމަށާއި، ސިޔާސީ ގޮތުން ރާއްޖެ އަމާން ވެއްޖެ ކަމަށެވެ.

ޝައިނީ ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޝްވަރާގައި ބައިވެރިވާނެ ފަރާތްތަކުގެ ނަންތައް، މަޝްވަރާތަކުގެ މެދުވެރިއަކަށް ހުރި އދ.އާ ވެސް ހިއްސާ ކުރެވުނު ކަމަށެވެ.

"އެފަހަރު އާޅުގަނޑުމެން ބުނީ މަޝްވަރާގެ މޭޒަށް އަންނަ ފަރާތަކީ ސައްހަ މީހަކަށް ވާން. ނޫސްތައް ބަލާލައިފި ނަމަ އެނގޭނެ އިދިކޮޅު ޕާޓީތަކުގެ އެތެރޭގައި ހަމަނުޖެހުންތައް ހުރިކަން. މިކަން މިހެން އޮއްވާ، ޕާޓީތަކުން ފޮނުވާ ބަޔަކު މަޝްވަރާގައި ބައިވެރިވެ ނިމުމުން ޕާޓީއިން ބުނެފާނެ ތިމަންނަމެން ކަނޑައެޅި ބައެއް ނޫނޭ މަޝްވަރާއަށް އައީ. އަޅުގަނޑުމެން ބޭނުމެއް ނުވޭ އެފަދަ ހާލަތެއް އަންނާކަށް،"

ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާ ޑރ. ޝައިނީ ވިދާޅުވީ، މިވަގުތު ރާއްޖޭގައި ސިޔާސީ ޕާޓީތަކުން އެފަދަ މަޝްވަރާއެއް ކުރަންޖެހޭ ފަދަ ހާލަތެއް ނެތް ކަމަށެވެ.

"މިހާރު ރާއްޖޭގެ އާންމު ހާލަތު ވަރަށް ހިމޭންވެއްޖެ. ދެފަރާތުން އެއްބަސްވެގެން ރާއްޖެއަށް އެއްބައިވަންތަކަން ގެންނަންޖެހޭ ފަދަ ހާލަތެއް ދެން މެދުވެރިވެއްޖެ ނަމަ، އިދިކޮޅު ފަރާތްތައް އަޅުގަނޑުމެންނާ ހަމައަށް މަޝްވަރާކުރުމަށް އަންނާނެ،" ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީ ވިދާޅުވިއެވެ.

comment ކޮމެންޓް