އިންސްޓަގްރާމްގެ ލައިވް ބްރޯޑްކާސްޓް ފީޗަރ އާންމުކުރަން ފަށައިފި

ސޯޝަލް މީޑިއާތަކުގެ ދުނިޔޭގައި ރަސްކަން ކުރަމުން ދިޔަ އިންސްޓަގްރާމު ފަހަތަށް ޖައްސާލުމަށްފަހު އެ މަގާމަށް މިދިޔަ އަހަރު ސްނެޕްޗެޓް އެރުމާ އެކު، އިންސްޓަގްރާމުން ދިޔައީ ސްނެޕްޗެޓާ ވާދަކުރުމަށް ވަރަށް ތަފާތު ފިޔަވަޅުތަކެއް އަޅައިފަ އެވެ.

އެގޮތުން، ސްނެޕްޗެޓުގައި ހުންނަ ބައެއް ފީޗާތައް އިންސްޓަގްރާމަށް ތައާރަފުކޮށް، އިންސްޓަގްރާމަށް ކުރިން ލިބިފައި އޮތް މަގާމު ހޯދުމަށް މަސައްކަތް ކުރިއެވެ.

ސްނެޕްޗެޓަކީ އިމޭޖް މެސެޖިން މަލްޓިމީޑިއާ އެޕަކަށް ވާ އިރު، އޭގެން "ސްނެޕް"ގެ ގޮތުގައި ފޮޓޯއާއި ވީޑިއޯ ޕަބްލިޝް ކޮށް، ކޮންމެ ދުވަހަށް ވެސް ޚާއްސަ "ސްޓޯރީ"އެއް ލެވޭނެއެވެ. ދުވަހުގެ ސްޓޯރީއަކީ ފޮޓޯ އާއި ވީޑިއޯއާ އެކު ކޮންމެ ދުވަހަކު ވެސް ހެދޭ ސްލައިޑްޝޯއެކެވެ. އެއީ 24 ގަޑިއިރު ހަމަވުމުން އަމިއްލައަށް ޑިލީޓުވާ އެއްޗެކެވެ.

ފޭސްބުކްއިން ހިންގާ ފޮޓޯ ޝެއާރިންގް އެޕް އިންސްޓަގްރާމުންވެސް ހަމަ "ސްޓޯރީސް"ގެ ނަމުގައި މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ފީޗާއެއް ތައާރަފު ކުރި އެވެ.

މިދިޔަ ނޮވެމްބަރު މަހު، އިންސްޓަގްރާމުން އިތުރު ފީޗާއެއް ތައާރަފުކުރި އެވެ. އެއީ އިންސްޓަގްރާމް ސްޓޯރީސް ފީޗާގެ ތެރެއިން ބޭނުންކުރެވޭ އެއްޗެކެވެ. ފޭސްބުކްގައި ވީޑިއޯ ވަގުތުން ބްރޯޑްކާސްޓް ކުރުމާއި، ޕެރިސްކޯޕް ބޭނުންކޮށްގެން ޓްވިޓާގައި ލައިވް ބްރޯޑްކާސްޓް ކުރާ ފަދައިންނެވެ.

ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހު މި ފީޗާ ތައާރަފުކުރީ އެމެރިކާއަށް އެކަންޏެވެ.

ނަމަވެސް މި ހަފްތާގައި އިންސްޓަގްރާމް ލައިވް ސްޓޯރީސް ވަނީ އިންސްޓަގްރާމް ވަނީ އެމެރިކާއިން ބޭރުގެ ގައުމުތަކަށް ރޯލް އައުޓް ކުރަން ފަށާފައެވެ. އެގޮތުން، ރާއްޖޭގެ އިންސްޓަގްރާމް ޔޫޒަރުންނަށް ވެސް މި ފީޗާ މިހާރު ލިބެއެވެ. ނަމަވެސް އެ ފީޗާ ލިބޭނީ އިންސްޓަގްރާމް ވާޝަން 10.0 އާއި، އެއަށް ވުރެ ފަހުގެ ވާޝަންތަކަށެވެ.

މި މަހުގެ ކުރީކޮޅު އިންސްޓަގްރާމުން ބުނި ގޮތުގައި ދުވާލަކު 150 މިލިޔަނަށް ވުރެ ގިނަ މީހުން އިންސްޓަގްރާމްގެ ސްޓޯރީސް ފީޗަރ ބޭނުންކުރެއެވެ.

comment ކޮމެންޓް