އަލްޖީރިއާ މުބާރާތުން ކެޓުމުން ކޯޗު އިސްތިއުފާ ދީފި

އަލްޖީރިއާގެ ކޯޗުގެ މަގާމުން އިސްތިއުފާދިން ޖޯޖަސް ލީކަންސް ---

އެފރިކާ ކަޕް އޮފް ނޭސަންގައި ކުޅުނު ތިން މެޗުން މޮޅެއް ނުލިބި މުބާރާތުގައިި އިތުރަށް ކުރިއަށް ދިއުމުގެ ދޮރު ބަންދުވުމުން އެޓީމްގެ ކޯޗު ކަމުން ޖޯޖަސް ލީކަންސް އިސްތިއުފާ ދީފި އެވެ.

މި ފަހަރުގެ މިބާރާތުގައި ވަރުގަދަ ވާނެ ކަމަށް ބެލެވުނު އަލްޖީރިއާ ވަނީ އެޓީމް ކުޅުނު ފުރަތަމަ މެޗުން ޒިމްބާބުއޭއާ 2-2ގެ ނަތީޖާ އަކުން އެއްވަރުކޮށް ދެވަނަ މެޗުގައި ޓިއުނީސިއާ އަތުން 2-1ގެ ނަތީޖާ އަކުން ބަލިވެފަ އެވެ. އަދި ތިން ވަނަ މެޗުގައި އެޓީމް ވަނީ ސެނަގޯލު އަތުން 2-2ގެ ނަތީޖާ އަކުން އެއްވަރުވެފަ އެވެ.

އެ ގްރޫޕްއިން ދެވަނަ ބުރަށް ދަތުރުކޮށްފައި ވަނީ ހަތް ޕޮއިންޓާ އެކު އެއްވަނަ ހޯދި ސެނެގޯލް އާއި ހަ ޕޮއިންޓާ އެކު ދެވަނަ ހޯދު ޓިއުނީސިއާ އެވެ. ދެ ޕޮއިންޓާ އެކު ތިން ވަނަ ލިބުނު އަލްޖީރިއާ އާއި އެއް ޕޮއިންޓާ އެކު ތާވަލުގެ ފުލަށް ދިޔަ ޒިމްބްބާބުއެ ވަނީ މުބާރާތުން ކަޓައިފަ އެވެ.

ލެސްޓާ ސިޓީގެ ފޯވާޑް ރިޔާޒް މަޚްރޭޒް އާއި އިސްލާމް ސްލައިމާނީ އާއި ޕޯޓޯގެ ޔާސިން ބްރަހަމީގެ އިތުރުން ނަޕޯލީގެ ފައުޒީ ހައުލޮމް ފަދަ ނަން މަސްޚޫރު ކުޅުންތެރިންނާ އެކު ނިކުއިން އަލްޖީރިއާ މީގެ ކުރިން ވަނީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ހިމެނިފަ އެވެ.

ނަމަވެސް މުބާރާތުން ކެޓުމާ އެކު ބެލްޖިއަމަށް އުފަން ކޯޗު ލީކަންސް ބުނީ އަލްޖީރިއާގެ ކޯޗުގެ މަގާމުގައި ހުންނަން ކިތަންމެ ބޭނުންވި ނަމަވެސް ހުރިހާ ފަރާތްތަކެއްގެ ރަނގަޅަކަށް ޓަކައި އޭނާ ޓީމުން ވަކިވާން ނިންމީ ކަމަށެވެ.

އަލްޖީރިއާ އަށް ވަނީ 2018ގައި ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން ޖާގައެއް ހޯދުމަށް ވެސް ގިިނަ އުނދަގޫތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ. ނައިޖީރިއާ އާއި ކެމަރޫން އަދި ޒެމްބިއާ ހިމެނޭ އެ ގްރޫޕްގައި އަލްޖީރިއާ އޮތީ ކުޅުނު ދެމުޗުގެ ތެރެއިން އެއް މެޗުން އެއްވަރުވެ، އަނެއް މެޗުން ބަލިވެގެން ފުލުގަ އެވެ. އެ ގްރޫޕުން ވޯލްޑް ކަޕަށް ކޮލިފައި ވާނީ އެއް ވަނަ ހޯދާ ޓީމެއް އެކަންޏެވެ. އެހެން ކަމުން އެއްވަނާގައި އޮތް ނައިޖީރިއާއާ ފަސް ޕޮއިންޓްގެ ފަރަގައް އޮތް އަލްޖީރިއާ ވޯލްޑްކަޕްގައި ކުޅެން ބޭނުންވާ ނަމަ ކުރަން ޖެހޭ މަސަތްކަތް ވަރަށް ވެސް ބޮޑެވެ.

comment ކޮމެންޓް