ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެމްޕީއެލްއިން ވަޒީފާގެ ފުރުސަތު ހުޅުވާލައިފި

ސަން ޓީވީގެ "50 މިނިޓް" ޕްރޮގްރާމްގައި އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ނާސިހް (މ) ވާހަކަދައްކަވަނީ -- ސަން ފޮޓޯ: ނަސްރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާސައްކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަޒީފާގެ ފުރުސަތުތައް ހުޅުވާލައިފިއެވެ.

ސަން ޓީވީގެ "50 މިނިޓް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ނާސިހް މިރޭ ވިދާޅުވީ، އެމްޕީއެލްއަކީ އަބަދުވެސް ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ. އެގޮތުން އެހެން މީހުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ވަޒީފާތައް ދީ އެ މީހުންނަކީ މުޖުތަމައުގައި ބޭނުންތެރި ބަޔަކަށް ހެދުމަކީ ކުންފުނީގެ މަގުސަދެއް ކަމަށް ނާސިހު ވިދާޅުވި އެވެ.

ނާސިހު ވިދާޅުވީ، އެމްޕީއެލްގެ އޮޕަރޭޝަންސްތައް ކުރިއަށްދާ ރަށްރަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން މާލެ، ހުޅުމާލެ، ކުޅުދުއްފުށި އަދި އައްޑޫ އާއި ފުވައްމުލަކުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމްޕީއެލްއާ ގުޅޭ ވަޒީފާތައް ހުޅުވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރުވެސް މި ކުންފުނީގަ ކޮންމެވެސް ވަރަކަށް ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ. އެފަދަ މީހުންނަށް ގިނަ ފުރުސަތުތައް ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ކުންފުނީގެ އެންމެ އިސްވެރިން ބޭނުންވެލައްވާ ގޮތް،" ނާސިހު ވިދާޅުވި އެވެ.

ނާސިހު ވިދާޅުވީ އެމްޕީއެލްއަށް ތަރައްގީ ގެނެސް ކުންފުނި ކުރިއަރުވައި ޒުވާނުންނަށް ވަޒީފާ ތަނަވަސްކޮށްދިނުމަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ގިނަގުނަ މަސައްކަތްތަކެއް ސަރުކާރާ ގުޅިގެން ކުރައްވަމުން އަންނަ ކަމަށެވެ.

އެގޮތުން ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުކޮށް، 500 ވަޒީފާ އުފައްދަން ކުންފުނީގެ ސީއީއޯ މަސައްކަތްތަކެއް ކުރައްވާކަން ނާސިހު ފާހަގަކުރެއްވި އެވެ. އެވާހަކަ އެ ކުންފުނީގެ ސީއީއޯ ޖުނައިދު ވެސް ވަނީ ކުންފުނީގެ އަހަރީ ދުވަހުގެ ޖަލްސާގައި ވިދާޅުވެފައެވެ.

"އެމްޕީއެލް އިން ހަމައެކަނި ވަޒީފާ އުފައްދަނީއެއް ނޫން. ކުންފުންޏަށް ލިބޭ އާމްދަނީއާ ކުންފުންޏަށް ލިބޭ ފައިދާ މިދަނީ އިތުރުކުރަމުން. އެގޮތުން ހަމަ ވަޒީފާގެ ފުރުސަތުތައް ވެސް ދާނީ އިތުރުވަމުން،" ނާސިހު ވިދާޅުވި އެވެ.

ނާސިހު ވިދާޅުވީ، ހުޅުމާލެއާއި އައްޑޫ ދޫގަސް ތަރައްގީވަމުން އަންނަ އިރު އެތަނުން އާ ވަޒީފާތައް އުފެދި، ތިލަފުށީގެ އެމްޕީއެލް ޕޯޓް ތަރައްގީކުރަމުން އަންނަ އިރު އެތަނުން ވެސް ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެމްޕީއެލްއިން ހުޅުވާލާފައިވާ ފުރުސަތާގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެކަމަށް ހާއްސަކޮށް ގާއިމުކޮށްފައިވާ ހޮޓްލައިން 9777115 ނަންބަރަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް އެ ކުންފުނިން އެދެއެވެ.

comment ކޮމެންޓް