ކަސްޓަމްސް މުވައްޒަފުންނަށް ޝަރަފްގެ ކުލަ ދީފި

ކަސްޓަމްސް މުވައްޒަފުންނަށް ޝަރަފުގެ ކުލަ ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންނަށް ޝަރަފްގެ ކުލަ ދީފި އެވެ.

ކަސްޓަމްސް އިން އާންމުކުރި ބަޔާނެއްގައި ބުނީ ކަސްޓަމްސް މުވައްޒަފުންނަށް "ޤާބިލްކަމުގެ ކުލަ" އާއި "ކާމިޔާބުގެ ރަންކުލަ" ދީފައިވާކަމަށެވެ. ޝަރަފްގެ ކުލަ ދެއްވީ މިނިސްޓަރު އޮފް ހޯމް އެފެއާޒް އަޒްލީން އަހުމަދެވެ.

ޝަރަފްގެ ކުލަ ދިނުމަށް ކަސްޓަމްސް ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު އަޒްލީން ވިދާޅުވީ، ކަސްޓަމްސްގެ ކޮންމެ މުވައްޒަފަކުވެސް ޔުނިފޯމަށް ދޭންޖެހޭ އިހުތިރާމާއި ގަދަރު ދޭންޖެހޭނެކަމަށެވެ. ކުރާކޮންމެ ކަމެއްގައި ނަޒާހަތްތެރިކަމުގެ ރީތި ސިފަ އެންމެ މަތީލެވެލްގައި ސާބިތުކޮށްދޭންޖެހޭކަމަށް ވިދާޅުވިއެވެ.

ކަސްޓަމްސް މުވައްޒަފުންނަށް ޝަރަފުގެ ކުލަ ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ކަސްޓަމްސް

އޭގެ އިތުރުން ކަސްޓަމްސް އަކީ ކޮރަޕްޝަނަށް މަގުފަހިވާނެގޮތަށް އެއްވެސް ކަމެއް ކުރާނެ މުއައްސަސާއެއް ނޫންކަމަށާއި އަދި އެފަދަ އަމަލެއް ހިންގައިފި މުވައްޒަފަކާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ފަހަތަށް ނުޖެހޭނެކަމަށްވެސް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނެރަލް އިބުރާހިމް ޝަރީފް ވިދާޅުވީ މިއީ ޝަރަފްގެ ކުލަދިނުމުގެ ފެށުންކަމަށާއި ކުރިއަށް އޮތްދުވަސްތަކުގައި އިތުރު ކުލަތައް މުވައްޒަފުންނަށް ދެވިގެންދާނެކަމަށާއި، އަދި މުވައްޒަފުންގެ ވެލްފެއާއަށް ގިނަ ކަންތައްތައް ކުރެވިގެންދާނެކަމަށެވެ.

އޭގެ އިތުރުން ކަސްޓަމްސްގެ މަސައްކަތްތައް ބައްޓަންވެފައި އަބަދުވެސް ހުންނާނީ އިންޓެގްރިޓީ އާއި ތެދުވެރިކަން އިސްކުރުމުގެ މަތީގައިކަމަށްވެސް ވިދާޅުވިއެވެ.

ކަސްޓަމްސް މުވައްޒަފުންނަށް ޝަރަފުގެ ކުލަ ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ކަސްޓަމްސް

ޝަރަފްގެ ކުލަ ދިނުމަށް މިއަދު ވަކިވަކިން ބޭއްވި ތިން ހަފްލާގައި ގާބިލްކަމުގެ ކުލަ 600 މުވައްޒަފުންނަށް ދެވުނުއިރު، ކާމިޔާބުގެ ރަންކުލަ 79 މުވައްޒަފަކަށް ދެވިފައިވެއެވެ.

comment ކޮމެންޓް