މަލިކާ: ހާލަތު ބަދަލުކޮށްލާނެ މެސެޖަކާ އެކު ބިންމާގެ ތަފާތު ރަހައެއް

މަލިކާ ފިލްމުގެ ޕޯސްޓަރެއް: އާއިލީ ފިލްމަކަށް ބިންމާ ސްކްރިޕްޓެއް ލިޔުނު މިއީ ފުރަތަަމަ ފަހަރު.

ގޭގައި ލިޔަން ހަވާލުކުރާ މަސައްކަތެއް އޭނާ ނުނިންމަ އެވެ. މަޒުމޫނާއި ވާހަކަ ނުނިންމާ ކަމުގެ ޝަކުވާ ޓީޗަރުން ކުރެ އެވެ. މަސައްކަތް ނުނިންމާ ދަރިވަރެއް ކަމަށް "ލޭބަލް" ކުރި ހިސާބުން، އޭނާ ހިތުގައި ޖެހުނެވެ. ޓީޗަރު ބުނި އެ ބަހަކީ އޭނާއަށް ލިބުނު "ދެރަ" ބަހެކެވެ. އެ ދުވަހު ކަނޑައެޅި އަޒުމާއެކު މިއަދު އިބްރާހީމް ވަހީދު (ބިންމާ އިބްރާހިމް)އަކީ ރާއްޖޭގައި މަޝްހޫރު ވާހަކަ ލިޔުންތެރިއެކެވެ. އެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބިންމާ ވަނީ ވާހަކަ ލިޔުމުގައި މެދުނުކެނޑި 23 އަހަރު ހޭދަކުރައްވާފަ އެވެ. އަދި ވެސް ހުންނެވީ އެ މަސައްކަތުގަ އެވެ. މިހާތަނަށް އޭނާ ވަނީ 830 އަށް ވުރެ ގިނަ ވާހަކަ ލިޔުއްވައިފަ އެވެ.

ކިޔުންތެރިން ތިބީ އޭނާގެ ވާހަކަތަކުގެ ސަފްހާތައް، އުކާލުމުގައި ވަރުބަލި ކަމެއް ނެތި އެވެ. ބިންމާގެ ވާހަކައިގެ ޖާދޫގައި ދިވެހިން ޖައްސާފައިވާ އިރު، އޭނާގެ ވާހަކަތަކަށް ހަދާފައިވާ ޓީވީ ޑްރާމާތަކާ ފިލްމުތަކަކީ ހަނދާނުން ފިލައިގެންދާނެ އެއްޗެއްސެއް ނޫނެވެ.

ބިންމާ: އޭނާގެ ވާހަކަތަކުގެ ސަފްހާތަކަށް ނިމުމެއް ނެތް. މިހާތަނަށް 830 ވާހަކަ ލިޔުނު.

"ހަމައެކަނި ދަރިފުޅަށް ޓަކައި"، "ރަމްލާ"، "ތިއޭ މި ހިތުގެ ވިންދަކީ"، "އިންތިޒާރު" ފަދަ ޑްރާމާތަކާއި ދިވެހި ސީރީޒްތަކުން ފެށިގެން "ވެހޭ ވާރޭތެރެއިން"، "ނިއުމާ" އަދި "ފަތިސްހަނދުވަރު" ފަދަ ފިލްމުތަކަކީ ބިންމާގެ ސްކްރިޕްޓްތަކަށް ހަދާފައިވާ، ގިނަ އެވޯޑްތަކެއް ހޯދާފައިވާ މަގްބޫލް ފިލްމުތަކެވެ.

ދިވެހި ފިލްމު "ހާދަރު"ގެ ވާހަކަ ވެސް ލިޔުއްވާފައިވާ ބިންމާ އިބްރާހިމްގެ ސްކްރީންޕުލޭ އެއްގެ މައްޗަށް ހަދާފައިވާ ފިލްމެއް ބޮޑު ސްކްރީނަށް އަންނަން މިއޮތީ އަނެއްކާ ވެސް ތައްޔާރުވެފަ އެވެ.

އަންނަ މާޗް މަހުގެ ދެވަނަ ދުވަހު އޮލިމްޕަހުގައި އަޅުވަން ނިންމާފައިވާ ފިލްމު "މަލިކާ" އަކީ އެތައް ގޮތަކުން އިންތިޒާރު ކުރަންޖެހޭ ފިލްމެކެވެ. މިއީ ބިންމާ އިބްރާހިމަށް ވެސް ހާއްސަ މަސައްކަތެކެވެ.

ބިންމާގެ ވާހަކައެއްގެ މައްޗަށް އެތައް ފިލްމެއް ހަދައި، ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ އިރު، އޭނާ ލިޔާ އަސަރުގަދަ ވާހަކަތަކަށް ހަދާ ފިލްމުތައް އެހާ ކަމުނުދަނީ ކީއްވެގެންތޯ ވެސް ބައެއް ފަހަރު ސުވާލު އުފެދެ އެވެ. އެގޮތަށް ދިމާވާ ސަބަބެއް ކަމަށް ބިންމާ ވިދާޅުވީ، ފިލްމު އުފައްދާ ފަރާތްތަކަށް އޭނާ ލިޔާ ސްކްރިޕްޓުގެ ފުރިހަމަކަން ދަމައި ނުގަނެވުމެވެ.

ނަމަވެސް ސެމީ އަލީ މުސްތަފާ އާއި މޫމިން ފުއާދު އަދި ކޮޕީ އިއްސެ ޑައިރެކްޓްކޮށްފައިވާ ފިލްމު "މަލިކާ" އަކީ މީގެ ކުރިން ބިންމާ އިބްރާހިމް ލިޔުނު ހުރިހާ ސްކްރިޕްޓްތަކަށް އުފެއްދި ފިލްމުތަކަށް ވުރެ ފުރިހަމަ ފިލްމެކެވެ. ލިޔުނު ސްކްރީންޕުލޭގެ 99 ޕަސެންޓް ސްކްރީނަށް ގެނެސްދޭނެ ފިލްމަކަށް ވާނެތީ އޭނާ ހުރީ ހިތްހަމަޖެހިފަ އެވެ.

"ފިލްމު ނިމިފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ. ބަލާލުމުގެ ޗާންސް ލިބިއްޖެ. މި ފަހަކަށް އައިސް ފިލްމުތަކުގެ ތެރެއިން 99 ޕަސެންޓް ލިޔެފައި އޮތް އެއްޗެއް. ވަރަށް ހިތްހަމަޖެހޭ،" ސަން އަށް ދެއްވި އިންޓަވިއުއެއްގައި ބިންމާ ވިދާޅުވި އެވެ.

ފިލްމު މަލިކާގެ ލީޑު ބަތަލާ ނުޒުހަތު ޝުއެއިބް (ނުޒޫ) ސަން ޓީވީއަށް އިންޓަވިއު ދެނީ: ނުޒޫ އަކީ ފިލްމު މަލިކާއިން ދިވެހި ފިލްމީ ދާއިރާއަށް މުޅިން އަލަށް ނުކުންނަ މޫނެއް --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މިއީ ބިންމާ އިބްރާހިމްގެ ވާހަކަތަކަށް ލޯބިކުރާ މީހުންނަށް އޮތް އުފާވެރި ހަބަރެކެވެ. ފިލްމު މަލިކާގައި ބިންމާގެ ކޮލިޓީ އާއި އަސަރުގަދަކަން ފެނިގެންދާނެ ކަމުގެ ޔަގީން ކަން ދިނީ ސީދާ ބިންމާ އެވެ. އެހެންކަމުން ފިލްމުގެ އަސަރުގަދަކަމާ އެކު ސުވާލެއް އުފެއްދޭނެ ޖާގައެއް ނެތެވެ އެވެ.

ބިންމާ ވިދާޅުވީ، މީގެ ދެ އަހަރު ދުވަސް ކުރިން ސްކްރިޕްޓް ލިޔެ ނިމިފައި އޮތް ފިލްމު މަލިކާ އަކީ މުޖުތަމައުގައި އާއްމުވަމުން އަންނަ ކަމެއްގެ މައްޗަށް ހަދާފައިވާ އާއިލީ ފިލްމެއް ކަމަށެވެ. އަދި މިއީ އެފަދަ މައުޟޫއަކަށް އޭނާ ސްކްރިޕްޓެއް ލިޔުނު ފުރަތަމަ ފަހަރެވެ.

"ވަރަށް ގިނައިން ފިލްމުތައް ޕްރޮމޯޓްކުރާ އިރު އަޑުއިވޭނެ އެ ފިލްމެއް ވަރަށް ތަފާތު ވާނޭ. ފިލްމު މަލިކާގެ އެއްވެސް އިތުރު ތަފާތެއް ނުހުންނާނެ. ނަމަވެސް މި ފިލްމުން ވަރަށް ވަރުގަދަ މެސެޖެއް ލިބިގެންދާނެ. ކޮންމެ މަންމައަކާއި ބައްޕައެއް ވެސް ބަލާލަން ވަރަށް ރަނގަޅު ފިލްމެއް މިއީ،" ބިންމާ އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފިލްމު މަލިކާއަކީ ރީތި ފިލްމަކަށް ވާނޭ ކަމަށާއި ފިލްމު ބެލުމަށް ފަހު މުޖުތަމައުގައި އިތުރުވަމުން އަންނަ ބޮޑު އިޖްތިމާއީ މައްސަލައަކާ ދޭތެރޭ މީހުން ދެކޭ ގޮތް ބަދަލު ކޮށްލާނޭ ކަމަށެވެ.

ފިލްމު "މަލިކާ"ގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައި އޮންނަތާ ދުވަސްތަކެއް ވެފައިވާ އިރު، ފިލްމު މަލިކާ ވެގެންދާނީ ހުރިހާ ކަމެއް ފުރިހަމަ ވެގެން ބޮޑު ސްކްރީނުގައި ރިލީޒް ކުރާ ފިލްމަކަށެވެ. އަދި ފިލްމު ޕްރިމިއާ ކުރުމުގެ ކުރިން، ބޭރުގެ އެހެން ގައުމުތަކުގައި ވެސް ފިލްމު ޕްރިމިއާ ކުރުމުގެ ކުރިން ބާއްވާ ޕްރީ ޝޯއެއް އަޅުވާނެ އެވެ.

އީއެސް އެންޓަޓައިންމަންޓުގެ ލިލީގެ ޗެއާމަން މައްލާ ނާސިރު (މައްލާ ނާބެ) އާއި އިބްރާހިމް ރަޝީދު (ޓީވީއެމް އިއްބެ) ޕްރޮޑިއުސްކޮށް ޒުވާން ގިނަ ތަރިންތަކެއް ފެނިގެންދާނެ ފިލްމު، "މަލިކާ"ގެ އެޑްވާންސް ބުކިން އަށް މިހާރު ހުޅުވާލާފައިވާ އިރު، އޮންލައިން ބުކިން އަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

ފިލްމުގެ މާކެޓިން ކަންތައްތަކާ ހަވާލުވެ ހުންނަ، މަޝްހޫރު ޕްރޮޑިއުސަރު އަދި އެކްޓަރު ހުސައިން ނޫރައްދީން (ނޫރު) ބުނީ، ފިލްމު މާކެޓް ކުރުމުގައި ތަފާތު ގިނަ ކަންތައްތަކެއް ހިމަނައިގެން ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި އެގޮތުން ޓިކެޓް ގަންނަ ފަރާތްތަކަށް ހާއްސަ ސަޕްރައިޒްތަކެއް ވެސް ކުރިއަށް އެބަހުރި ކަމަށެވެ.

ފިލްމު "މަލިކާ"އަށް އެޑްވާންސްކޮށް ޓިކެޓް ބުކް ކުރުމަށް ހުޅުވާލާފައި އޮތް ނަމަވެސް، އޮލިމްޕަހުން ޓިކެޓް ވިއްކަން ފަށާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ޒުވާން ބޮޑު ކާސްޓެއް އޮތް އެ ފިލްމުގެ މައި ރޯލުން ފެނިގެންދާނީ ކުރީގެ މަޝްހޫރު ފިލްމީ ތަރި އިސްމާއިލް ޒާހިރާއި ފިލްމީ ދާއިރާއަށް މުޅިން އަލަށް ނުކުންނަ މޫނެއް ކަމަށްވާ، ނުޒުހަތު ޝުއެއިބު (ނުޒޫ) އެވެ.

އޭގެ އިތުރުން، ފިލްމުގައި އަލީ އާޒިމް (ދޮން އައްޔަ) އާއި މި އަހަރުގެ ގައުމީ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ސަޕޯޓިން އެކްޓުރެސްގެ އެވޯޑް ހޯދި ޒުވާން ބަތަލާ ފާތިމަތު އަޒީފާ (އަޒޫ)، ޖުމައްޔިލް ނިމާލް އަދި އަހުމަދު ޝާކިރު (ޝާކް އައްމަޑޭ)ގެ އިތުރުން އަހުމަދު އާސިމް އަދި ނީނާ ސަލީމް ފެނިގެންދާނެ އެވެ.

ފިލްމު "މަލިކާ" އޮލިމްޕަހުގައި ޕްރިމިއާ ކުރާނީ މާޗް މަހުގެ ދެވަނަ ދުވަހުގެ ރެ އެވެ.

comment ކޮމެންޓް