އެމެރިކާއަށް ދަތުރުކުރުމުގެ ހުއްދަ ލިބުނު އޭޝިއާގެ ފުރަތަމަ ބަޖެޓު އެއާލައިނަކަށް އެއާ އޭޝިއާ އެކްސް

އެއާ އޭޝިއާ އެކްސްގެ ފްލައިޓެއް ---

އެމެރިކާ އަށް ޝެޑިއުލް ދަތުރުތައް ކުރުމުގެ ހުއްދަ، އެއާ އޭޝިއާގެ ލޯންގް ހޯލް ފްލައިޓު އޮޕަރޭޓުކުރާ ކުންފުނި އެއާ އޭޝިއާ އެކްސްއަށް ލިބިއްޖެ އެވެ. މިއީ، އެމެރިކާއަށް ދަތުރުކުރުމުގެ ހުއްދަ ލިބުނު، އޭޝިއާގެ ފުރަތަމަ ބަޖެޓު އެއާލައިނެވެ.

އެމެރިކާގެ ފެޑެެރަލް އޭވިއޭޝަން އޮތޯރިޓީ އިން އެއާ އޭޝިއާ އެކްސްއަށް ހުއްދަ ދިންކަން އެއާ އޭޝިއާ އެކްސްއިން ހާމަކުރީ މިއަދު އެވެ.

އެއާ އޭޝިއާ އެކްސްގެ ސީއީއޯ ކަމަރުއްދީންް މެރަނުން ވިދާޅުވީ މިއީ އެއާ އޭޝިއާ އެކްސްގެ ފްލައިޓުތައް ދަތުރުކުރާ އޭޝިއާ ޕެސިފިކްގެ މަންޒިލުތައް ފަހަނައަޅައި ހުޅުވޭ އާ މާކެޓެއް ކަމަށެވެ.

"މިހާތަނަށް އަޅުގަނޑުމެންގެ އޮޕަރޭޝަންތައް ބިނާވެފައި އޮތީ އޭޝިއާ، އޮސްޓްރެލޭޝިއާ އަދި މެދު އިރުމައްޗަށް. މިހާރު ހުޅުވިގެން ދިޔައީ އާ މާކެޓެއް،" އެއާ އޭޝިއާ އެކްސްގެ ސީއީއޯ ވިދާޅުވި އެވެ.

އެއާ އޭޝިއާ އެކްސް އިން ވިސްނަމުން ދަނީ އެމެރިކާގެ އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ހަވާއީއަށް ދަތުރުކުރަން ފަށާށެވެ.

އެއާ އޭޝިއާ އެކްސްއަކީ ހަ ގަޑިއިރާއި 12 ގަޑިއިރާ ދެމެދުގެ ދިގުމިނުގެ ދަތުރުތައް ކުރާ، އެއާ އޭޝިއާ އެއާލައިނެވެ. އެއާ އޭޝިއާ އެކްސްގެ ފްލީޓު ސައިޒަކީ 22 އެވެ. އެއީ އެއާބަސް އޭ330 މަރުކާގެ 22 ފްލައިޓެވެ.

އޭގެ އިތުރުން، އެއާ އޭޝިއާ އެކްސްއިން ވަނީ އެއާބަސް އޭ330 ނިއޯގެ 66 ބޯޓަށް އޯޑަރު ދީފަ އެވެ. އެ ބޯޓުތައް އަންނަ އަހަރުގެ ތެރޭގައި އެ އެއާލައިނަށް އެއާބަސްއިން ފޯރުކޮށްދޭނެ އެވެ.

comment ކޮމެންޓް