ހަން ހިކި ނަމަ ބޭނުން ނުކުރަންވީ ތަކެތި!

އުމުރުގެ އެކި ހިސާބުތަކުގައި ހަމަށް ތަފާތު ބަދަލުތައް އާދެ އެވެ. ބައެއް މީހުންގެ ހަން މާބޮޑަށް ހިކުމުގެ މައްސަލަތައް ކުރިމަތިވާ އިރު އަނެއް ބަޔަކަށް ހަން މާބޮޑަށް ތެޔޮވުމުގެ މައްސަލަތައް ވެސް ދިމާވެ އެވެ. ދިރިއުޅެމުންދާ ވެށި، މޫސުން، ހޯމޯންސް އަދި ސްޓްރެސްގެ ސަބަބުން ވެސް މިފަދަ މައްސަލަތައް ކުރިމަތިވެދާނެ އެވެ. އެހެންކަމުން މިފަދަ ހާލަތްތަކުން ދުރުވުމަށް ޓަކައި ޒީނަތްތެރިވުމަށް ގެންގުޅޭ ސާމާނުތައް ވަގުތާއި ހާލަތާ އެކު ބަދަލުކުރަން ވާނެ އެވެ. ސަބަބަކީ ރީތިވުމަށް ޓަކައި ގެންގުޅޭ ބައެއް ސާމާނުތަކުން ހަމުގެ މައްސަލަތައް އިތުރަށް ގޯސްވާތީ އެވެ. ވުމާ އެކު ތިރީގައި އެވަނީ ހަން ހިކޭ ނަމަ ބޭނުންކުރުމުން ދުރުވާން ޖެހޭ ކަމަށް ހަމުގެ ޚާއްސަ ޑޮކްޓަރުން އިރުޝާދު ދެއްވާފައިވާ ތަކެއްޗެވެ.

ޓޯނާ

ޓޯނާގައި ހިމެނޭ ރަލުގެ ސަބަބުން ހަން ހިކުމަށް ފުރުސަތު ހުޅުވިގެންދެ އެވެ. އެހެންކަމުން ހަން ހިކުމުގެ މައްސަލަ ހުންނަ މީހުން ވީހާ ވެސް މަދުން ޓޯނާ ބޭނުންކުރުމަށް ސަމާލުވާންޖެހެ އެވެ. އަދި މާބޮޑަށް ހޫނުގަދަ ނުވަތަ ފިނި މޫސުމުގައި މި ބޭނުންކުރުމުން ވީހާ ވެސް ދުރުވާންވާނެ އެވެ. މިފަދަ މީހުންނަށް ގުދުރަތީ ޓޯނާ ބޭނުންކުރެވިދާނެ އެވެ.

ކްލީންޒަސް

ހަން ހިކި މީހުން ކްލީންޒާސްގައި ހިމެނޭ އެމޯނިއަމް މާއްދާއާ ވީހާ ވެސް ދުރުވާންވާނެ އެވެ. މި މާއްދާ ހިމެނޭ ތަކެތި ބޭނުންކުރާ ނަމަ ހަން އިތުރަށް ހިކިގެންދާނެ އެވެ. އެހެންކަމުން ކްލީންޒާސް ބޭނުންކުރުމުގައި އޭގައި އެމޯނިއަމް ހިމެނޭތޯ ބަލާށެވެ.

ފޭޝަލް ސްކްރަބް

ހަމުގައި ވައި ދަތުރު ކުރުމަށް ހުންނަ ގޮޅިތައް ބެދުމުން ސަލާމަތްކުރުމަށް ހިކިފައި ހުންނަ ހަންކޮޅުތައް ސާފުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ފޭޝަލް ސްކްރަބް އަކީ މިކަމަށް ބޭނުންކުރާ އެއްޗެއްކަމުގައިވީ ނަމަވެސް ބޭނުންކުރެވޭ ފޭޝަލް ސްކްރަބެއްގެ ސަބަބުން ހަމަށް އިތުރު ގެއްލުންތަކެއް ކުރިމަތިވެދާނެ އެވެ. އެގޮތުން ހަން ހިކި ނަމަ ފޭޝަލް ސްކްރަބްގައި ބޮޑެތި އޮށްތައް ހުންނަ ބާވަތުގެ އެއްޗެހި ބޭނުންކުރުން ރަނގަޅެއް ނޫނެވެ. އޭގެ ސަބަބުން މާބޮޑަށް ހަން ހުޅުވުމުން ހަން އިތުރަށް ހިކޭނެ އެވެ.

ޖެލް ސަންސްކްރީން

ހަން ހިކި މީހުންނަށް ސަންސްކްރީނަކީ ވަރަށް މުހިންމު އެއްޗެކެވެ. އެހެން ނަމަވެސް ބޭނުންކުރެވޭ ސަން ސްކްރީންގެ ވައްތަރަކުން ހަން އިތުރަށް ހިކިގެން ގޮސްދާނެ އެވެ. ސަން ސްކްރީން ބޭނުންކުރާ އިރު ޖެލް ސަން ސްކްރީން ބޭނުންކުރުމުން ދުރުވާންވާނެ އެވެ. އޭގެ ބަދަލުގައި ކްރީމް ސަންސްކްރީން ބޭނުންކުރުމަށް ސަމާލުކަންދޭންވާނެ އެވެ.

ވަސްގަދަ ލޯޝަންތައް

ހަން ހިކުމުގެ މައްސަލަ ދިމާވާ ނަމަ ވަސްގަދަ ލޯޝަންތައް ބޭނުންކުރުން މަދުކުރަންވާނެ އެވެ. މިފަދަ ލޯޝަންތަކުގައި ހިމެނޭ ރަލުގެ މިންވަރު ގިނަވުމުގެ ސަބަބުން ހަން އިތުރަށް ހިކިގެންދާނެ އެވެ.

comment ކޮމެންޓް