ހެނދުނުގެ ނާސްތާ މާއަވަހަށް އަދި ވަރުގަދައަށް ނެގުމަކީ ސިއްހަތަށް ގެއްލުންބޮޑު ކަމެއް: ދިރާސާ

ހެނދުނުގެ ސައި (ބްރެކްފަސްޓް) މާ އަވަހަށް އަދި މާ ވަރުގަދައަށް ނެގުމަކީ އިންސާނާގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއްކަން އައު ދިރާސާއަކުން ހާމަވެއްޖެ އެވެ.

ކާބޯތަކެއްޗާ އަދި ސިއްޙަތާބެހޭ މަޝްހޫރު އިނގިރޭސި އިލްމުވެރިއެއްކަމަށްވާ ޓެރްޔެންސް ކިލީ ކުރެއްވި ދިރާސާއަކުން ހާމަވާގޮތުގައި ރަނގަނޅަށް ބަނޑުހައި ނުވާ ނަމަ ހެނދުނު ގެ ސައި (ބްރެކްފަސްޓް) އަވަހަށް ނެގުމަކީ ހަށިގަނޑު އިތުރަށް ފަލަވެ ހަކުރު ބަލި ފަދަ ބަލިތަކަށް މަގުފަހިވާނެކަމެކެވެ.

ހެނދުނުގެ ސަޔަކީ ދުވާލުގެ ކެއުންތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ކެއުން ނޫން ކަމަށާއި މާއަވަހަށް ހެނދުނު ސައިބޯ ނަމަ ހަށިގަނޑު ފަލަވުމާއި ކޮލެސްޓްރޯލް އިތުރުވުމާ އަދި ހަޖަމުގެ މައްސަލަތައް ކުރިމަތިވާނެކަން ޓެރްޔެންސް ކިލީ ކުރެއްވި ދިގުމުއްދަތުގެ (8 އަހަރުގެ) ދިރާސާ އިން ހާމަވެފައިވެ އެވެ.

ހެނދުނުގެ ސަޔަކީ ދުވާލުގެ ކެއުންތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ކެއުން ކަމަށް ދިރާސާތަކުން ދައްކާކަމަށް ބުނެ ބައެއް ރިސާޗަރުން އެކަން ޕްރޮމޯޓްކޮށްފައި ވަނީ ކާބޯތަކެތި އުފައްދާ ކުންފުނިތަކުގެ ބާރާއި ނުފޫޒުގައި ކަމަށާއި އެކަން ބައެއް ރީސާޗަރުން އޭނާއާ ހިއްސާކޮށްފައިވާ ކަމަށް ވެސް ކެލީ ވިދާޅުވި އެވެ.

ކެލީގެ ދިރާސާއިން ހާމަވާގޮތުގައި ހެނދުނު ވިޔަސް އަދި ރޭގަނޑުވިޔަސް އަދި މެންދުރު ވިޔަސް ބަނޑުހައި ނުވަނީސް ކެއުމަކީ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަމެކެވެ. މީގެ ތެރޭގައި ހަކުރުގެ މިންވަރު އިތުރުވުމާއި ސަރުބީ އިތުރުވުން ފަދަ ކަންކަން ހިމެނެ އެވެ. ބަނޑުހައި ނުވަނީސް ކެއުމުގެ ގެއްލުން އެންމެ ބޮޑީ އުމުރުން 40 އަށް ވުރެ އުމުރު މައްޗަށް ގޮސްފައިވާ މީހުންނަށް ކަމަށާއި ނަމަވެސް މިކަމުގެ ގެއްލުން ޒުވާނުންނަށް ވެސް އޮތްކަމަށް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ކޮށްފައިވާ ދިރާސާތަކުން ވަނީ ހެނދުނުގެ ސަޔަކީ ދުވާލުގެ ކެއުންތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ކެއުން ހާމަވެފަ އެވެ. އަދި ހެނދުނުގެ ސައި ވަރަށް ވަރުގަދައަށް ނެގުމަށް ވެސް ބައެއް ނިއުޓްރަނިސްޓުން ލަފާދެއްވާފައިވެ އެވެ. ނަމަވެސް މީހާގެ އުމުރުން 23 އަހަރަށް ފަހު ކެއުން މަދުކުރި ވަރަކަށް ހަށިގަނޑުގެ މައްސަލަތައް ކުޑަވާނެ ކަމާއި ހެނދުނުގެ ސައި ވެސް އަދި ރޭގަނޑުގެ ކެއުން ވެސް ވަރުގަދައަށް ނެގުމަކީ ސިއްޙަތަށް ވަރަށްބޮޑަށް ގެއްލުންހުރިކަމެއްކަން ކެލިގެ ދިރާސާއިން ވަނީ ހާމަވެފަ އެވެ.

ޖަރުމަނުގެ "ފިލްތް 24" ވެބްސައިޓަށް ދެއްވި ބަސްދީގަތުމެއްގައި ކެލީ ވިދާޅުވީ އޭނާގެ ދިރާސާގައި އެތައް ސަތޭކަ ބަޔަކު ހިމެނި އިރު އޭގެ ތެރެއިން ސިއްޙީ މައްސަލަތައް އެންމެ ކުޑައީ ހެނދުނުގެ ސައި ލުއިކޮށް އަދި ފަސްކޮށް ނަގާ މީހުން ކަމުގަ އެވެ. ބަނޑުހައިނުވަނީސް ހެނދުނުގެ ނާސްތާ ގަދައަށް ނަގާ މީހުންގެ ސިއްޙީ މައްސަލަތައް ބޮޑުކަމަށާއި އެ މައްސަލަތައް ދިމާވެފައި ވަނީ ހަށިގަނޑަށް ބޭނުންނުވާ މިންވަރަށް ކެއުމުގެ ސަބަބުންކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކާއިރު ރަނގަނޅަށް ހެފުމަކީ ވެސް ސިއްޙީ މައްސަލަތައް ކުޑަވާނެކަމެއްކަމަށްވެ އެވެ.

ކެލީގެ ދިރާސާ މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ވަނީ ހެނދުނުގެ ސައިގެ މައްޗަށް ކަމުން މެންދުރުގެ ކެއުމާއި ރޭގަނޑުގެ ކެއުމުން ލިބޭ ފައިދާއާއި ގެއްލުންތައް އޭނާގެ ދިރާސާގައި ހިމަނާފައެއް ނުވެ އެވެ. ކެލިގެ ނަސީހަތަކީ ހެނދުނު ވިޔަސް އަދި ރޭގަނޑު ވިޔަސް އަދި މެންދުރު ވިޔަސް ބަނޑުހައި ނުވަނީސް ނުކެއުމާއި ކާއިރު މަދުން ކެއުމެވެ. އަދި ކާއިރު ބާވަތްތައް ގިނަ ކޮށްފައި ކޮންމެ ބާވަތަކުން ވެސް މަދުއެތިކޮޅެއް ކެއުމެވެ. އަދި ފެންބުއިމަށާއި ނޭވާލުން ފަދަ ހަރަކާތްތަކަށް ޖާގަ ހުންނާނެ ގޮތެއްގެ މަތިން ކޮންމެ ފަހަރަކު ވެސް މަދުން ކެއުމެވެ. (ޑޮޗްވެލޭ)

comment ކޮމެންޓް