އެއާޕޯޓް ޑިވެލޮޕްމެންޓް ފީއާއި ސާވިސް ޗާޖު ނެގުމުގެ ގަވައިދު އާންމުކޮށްފި

ޖެނުއަރީ 1، 2017، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ނަން "ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް" ރަސްމީކޮށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖޭގެ އެއާޕޯޓުތަކުން ބޭރަށް ފުރާ މީހުންގެ އަތުން ޓެކްސްއާއި ފީ ނެގުމާ ބެހޭ ގާނޫނުގެ ދަށުން، އެ ޓެކްސްއާއި ފީ ނަގާނެ ގޮތުގެ ގަވައިދު އެކުލަވާލައި، އެ އާންމުކޮށްފި އެވެ.

ދިވެހިރާއްޖޭގެ އެއާޕޯޓުތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ޓެކްސް އާއި ފީ ނެގުމުގެ ގާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ރޭ އާންމުކުރި އެ ގަވައިދުގެ ދަށުން، އެއާޕޯޓު ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ދައްކަންޖެހެނީ މީރާއަށެވެ.

އެއާޕޯޓުން ފުރާ މީހުންގެ އަތުން ޓެކްސް އާއި ފީ ނެގުމުގެ ގާނޫނުގެ ދަށުން، ވެލާނާ އިންޓަނޭޝާނަލް އެއާޕޯޓުން ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރު، އަދި ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު، އެއާޕޯޓް ޑިވެލޮޕްމެންޓް ފީއެއްގެ ގޮތުގައި ނެގޭނެ އެވެ. މި ޓެކްސްއަށް އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިމިގްރޭޝަން -- ސަން ފޮޓޯ/ފަޔާޒު މޫސާ

މީގެ އިތުރަށް، އެއާޕޯޓް ބޭނުންކުރުމުގެ ސަބަބުން ސާވިސް ޗާޖުގެ ގޮތުގައި ވެސް ކޮންމެ ބިދޭސީއެއްގެ އަދުން 25 ޑޮލަރު އަދި ދިވެއްސެއްގެ އަތުން 12 ޑޮލަރު ނެގޭނެ އެވެ. މި ޓެކުހުން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.

ގެޒެޓުގައި ރޭ އެ ގަވާއިދު ޝާއިއު ކުރުމާ އެކު އަމަލުކުރަން ފަށަން ޖެހޭ މި ގަވައިދުގައި ބުނާ ގޮތުން، ގަވައިދަށް އަމަލުކުރަން ފަށާ އިރު ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަ ލިބިގެން ހިންގާ އެއާޕޯޓުތަކާއި ރާއްޖެ އަށް އޮޕަރޭޓުކުރާ ޝެޑިއުލް ފްލައިޓުތައް 2016 ޑިސެމްބަރު އަށް ވަނަ ދުވަހުގެ ތާރީޚުން ފެށިގެން އެއާޕޯޓުގެ ސާވިސް ޗާޖާއި އެއާޕޯޓު ޑިވެލޮޕްމެންޓް ފީއަށް ރަޖިސްޓާ ކުރަން ޖެހެ އެވެ.

ގަވައިދުގައި ބުނަނީ، އެއާޕޯޓް ސާވިސް ޗާޖާއި އޭޑީއެފްގެ ބަޔާން ކޮންމެ މަހަކަށް ތައްޔާރުކޮށް، ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުށަހަޅާއި، ފައިސާ ދައްކަންޖެހޭނެ އެވެ.

ގާނޫނާއި ގަވައިދު އެކުލަވާލައި، ތަންފީޒުކުރުމުގެ އިންތިގާލީ މަރުހަލާގެ ތެރޭގައި ހިމެނޭ، 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި 2017 ގެ ޖެނުއަރީ މަހަށް ސާވިސް ޗާޖާއި ފީގެ ބަޔާން ހުށަހަޅައި، ދެ މަހަށް ވާ ސާވިސް ޗާޖު ފެބްރުއަރީ މަސް ނިމުމުގެ ކުރިން ދައްކަންޖެހޭނެ ކަމަށް މީރާގެ ގަވައިދުގައި ބުނެ އެވެ. އަދި ޑިސެމްބަރު މަހުގެ ބަޔާނުގައި ހިމަނަން ޖެހޭނީ އެއާޕޯޓް ޓެކުހާއި ފީގެ ގާނޫނު ތަސްދީގުކުރި ދުވަހާ ޖެހިގެން އައި ދުވަސް (2016 ޑިސެމްބަރު އަށެއް)އިން ފެށިގެން ޑިސެމްބަރު މަސް ނިމުމާ ހަމައަށް ރާއްޖެއިން ފުރި ފްލައިޓުތަކުގެ މައުލޫމާތު ކަމަށް އޭގައިވެ އެވެ.

ގަވައިދުގައި އިތުރަށް ބުނަނީ އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ނަގާނީ 2017 މެއި އެއް ވަނަ ދުވަހާއި އެދުވަހުގެ ފަހުން ދަތުރުކުރުމަށް ޓަކައި، 2017 ފެބްރުއަރީ އެއް ވަނަ ދުވަހު ނުވަތަ އެދުވަހުގެ ފަހުން ނަގާ ޓިކެޓުތަކާއި، ދަތުރުކުރާ ތާރީޚު ބަދަލުކުރާ ފަސިންޖަރުންގެ އަތުންނެވެ.

މީރާއިން ބުނީ، އޭޑީއެފްއާއި ސާވިސް ޗާޖުގެ ބަޔާން ހުށަހެޅުމާއި، ފައިސާ ދައްކަންޖެހޭނީ އޮންލައިންކޮށް، މީރާކަނެކްޓް މެދުވެރިކޮށް ކަމަށެވެ.

ގަވައިދުގައި ބުނެފައި ވަނީ ޑުއަލް ނެޝަނަލިޓީ އޮންނަ ދިވެހީންގެ އަތުން ޓެކްސްއާއި ފީ ނެގުމަށް ގޮތެއް ކަނޑައަޅާނީ އެމީހަކު ރާއްޖެއިން ބޭރަށް ފުރާއިރު އިމިގްރޭޝަން ކްލިއަރަންސަށް ދޭ ޕާސްޕޯޓަށް ބިނާކޮށް ކަމަށެވެ.

އަދި އަމިއްލަ ބާރު ނުފޯރާ، އެމަޖެންސީ ހާލަތުގައި ރާއްޖެއަށް ޖައްސާ ފްލައިޓުތަކުގައި ތިބޭ ފަސިންޖަރުން ރާއްޖެއިން ބޭރަށް ފުރާއިރު އެއާޕޯޓު ސާވިސް ޗާޖާއި ޑިވެލޮޕްމެންޓް ފީ ދައްކަން ނުޖެހޭ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ފީއާއި ސާވިސް ޗާޖު ނެގުމާބެހޭ މި ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2016 ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. އެ ގާނޫނު މަޖިލީހުން ފާސްކުރީ، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ނަމުގައި، އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން ޓެކްސްއެއް ނެގުމަށް 2017އަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައި ވުމުންނެވެ.

comment ކޮމެންޓް