ހާއްސަ އެހީ ބޭނުންވި މީހާގެ ކައިވެނި ހާއްސަ ވެއްޖެ!

އަބްލޯ އާއި އޭނާގެ އަންހެނުން ކައިވެންޏަށްފަހު ގެއަށް ގެންދަނީ-- މުޅި ވިލިނގިއްޔަށް އެކައިވެނި ވަނީ ހާއްސަ ވެފައި-- ފޮޓޯ: ތަމްހީން

ކައިވެނީގެ މަޖިލިސް އޮތީ ގއ. ވިލިނގިލީ ކޯޓުގަ އެވެ. ކޯޓުން ނުކުތް އިރު ރަށުގެ އެތައް ސަތޭކަ ބަޔަކު ވަނީ ކޯޓު ކައިރިއަށް ޖަމާވެފަ އެވެ. މަރުހަބާގެ އަޑުފަށްގަނޑުން މުޅި ސަރަހައްދު ވަނީ ގުގުމާފަ އެވެ. މަރުހަބާ ކިޔުމަށް އެތައް ބަޔަކު ސަލާމްކުރަން ފެށުމާ އެކު ކުދިކުދި ކުލަ ކަރުދާސް މަތިން އުދުހެންފެށި އެވެ. އެވަރަކުން ނިމުނީއެއްނޫނެވެ. ދެމަފިރިން ގެއަށް ގެންދިއުމަށް ޖަރީކޮށްފައިވާ ގާޑިޔަލެއް ފަދަ ސަވާރީއެއް އޮތެވެ. އެ ސަވާރީއަށް އެރުވީ ވެސް އުރާލައިގެންނެވެ. މިއީ ގއ.ވިލިނގިލި، އިރުމަތީ މަންޒިލް، މުހައްމަދު ހާރިޝް (އަބްދުﷲ)، 29، އާއި އޭނާގެ އަންހެނުން އައިޝަތު އާދަމްގެ ކައިވެންޔަށް ވިލިނގިލީ މީހުން ކީ ހޫނު މަރުހަބާ އެވެ.

އުފެދުމުގައި ވެސް ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ހިނގުމުގައި އައިބުކަމެއް ހުންނަ އަބްދުﷲ އަލަތު ކައިވެންޏަށް މަރުހަބާ ކިޔުމަށް ކުދިބޮޑު ދެ ޖިންސުގެ 200 އަށް ވުރެ ގިނަ މީހުން އެ ރަށު ކޯޓު ސަރަހައްދަށް މިދިޔަ އާދީއްތަ ދުވަހު ޖަމާވި އެވެ. އަދި އެ މީހުން ވަނީ އަބްދުﷲގެ ދެމަފިރިން ގެއަށް ގެންދިއުމަށް ހާއްސަކޮށްފައިވާ ސަވާރީގެ ފަހަތުން މާއުކަމުން ގެއާ ހިސާބަށް ގެންގޮސްފަ އެވެ.

އެކައިވެނި ހާއްސަވީ ކީއްވެ؟

ތިންހާހަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ވިލިނގިލީގައި ކުރި ކައިވެނި އެހާ ހާއްސަވި ސަބަބުތައް ވަރަަށް ގިނަ އެވެ. ރަށުގައި ދިރިއުޅޭ އެ ދެމީހުންގެ އެ ލޯބީގެ ގުޅުމަށް މިހާރު ގާތްގަނޑަކަށް 10 ވަރަކަށް އަހަރުވެއްޖެ އެވެ. ތަފާތު މަޖުބޫރީތަކުގެ ސަބަބުން ކައިވެނި ނުކުރެވި އޮތް އިރު އެ ދުވަސްތަކުގައި އައިޝަތު ވަނީ އެހެން ދެ ކައިވެންޏެއްކޮށްފަ އެވެ. ނަމަވެސް އަބްދުﷲ އުންމީދު ކަނޑާނުލައި ކުރި މަސައްކަތް ކާމިޔާބުކޮށް އައިޝަތު އާއި އެންމެ ފަހުން ކައިވެނި ކުރިކުރުމަކީ ގިނަ ބައެއްގެ ހިތްތަކުގައި އެ ކައިވެނި ހާއްސަވި ސަބަބެވެ.

އަބްލޯ ކައިވެއްޏަށް ފަހު މަރުހަބާއާ އެކު ގެއަށް ގެންދިއުން-- ފޮޓޯ: ތަމްހީން

"އަބްދުﷲ އަކީ އެންމެންނާ ގުޅޭ ސަކަ މަޖާ މީހެއް، މިއީ އޭނާގެ ފުރަތަމަ ކައިވެންޏަށްވެފައި އަނެއްކާ ވަރަށް ލޯބިން އުޅުނު އެ ދެ މީހުން އެހާ މަސައްކަތުން ކުރެވުނު ކައިވެންޏަކަށްވީމަ އާއިލާ އަދި ރައްޓިހިން ބޭނުންވީ ހާއްސަ ކޮށްލަން،" އެކައިވެނި ހާއްސަވި ގޮތް ކިޔައިދެމުން އެކަމުގައި އިސްކޮށް އުޅުނު އަލީ ޝަމީމް ބުންޏެވެ.

އުފެދުމުގައި ހުރި ނުކުޅެދުންތެރިކަން އެއީ ފަސްޖެހުމެއް ކަމަށް އަބްދުﷲ ނުބަލަ އެވެ. އެތައް މަސައްކަތެއް ހިތްވަރާއެކުކުރެ އެވެ. ރަށު ތެރޭކަންކަމުގައި އިސްކޮށް ހަރަކާތްތެރިވެ އެވެ. މީހުންނާ ގުޅިގެން މަސައްކަތް ކުރެ އެވެ. މިއީ ވެސް އަބްލޯގެ ކައިވެނި އެ ރަށު މީހުންނަށް ހާއްސަވި ސަބަބެވެ.

"އޭނާ އަކީ ޖެހުނު ކޮންމެ ކަމެއްް ކުރާ މޮޅު މީހެއް، މިހާރު ވެސް މައިޓުން [ޕޮލި ޓެކްނިކް]، އިލެކްޓޯނިކް، އަދި ވެލްޑިން އަދި ރެފިއުޖިރޭޓާ ކޯސްތަކެއް ވެސް އެބަހަދާ، އަނެއްކާ ވަރަށް މީހުންނާއި ގުޅޭނެ،" އަބްދުﷲ ސިފަކުރަމުން އޭނާގެ އެކުވެރިއެއް ކަމަށްވާ ހުސައިން ހިލްމީ ބުންޏެވެ.

ހައިރާންކަމާއެކު އަބްލޯ އުފަލުން!

ޒަމާންވީ ލޯބިވެރިޔާ ކާމިޔާބު ކުރެވުނު އުފަލާ އެކު ހިތްހަމަޖެހިފައި ހުރި އަބްލޯ ބުނި ގޮތުގައި އޭނާ އަށް އެފަދަ މަރުހަބާއެއް ކިޔާކަން ކުރިން ކުޑަކޮށް ވެސް އެނގިފައިނުވާ ކަމަށެވެ. އެއީ އޭނާ އަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އަބްލޯ ބުންޏެވެ.

"އާގޮތަކަށް ކުރަންވެގެން މިހެން މިކުރީ، ރަށުގެ ވަރަށް ގިނަ މީހުން ތިބި އައިސް، ހަގީގަތުގައި ވަރަށް އުފާވި،" ލޯބީގެ ހަޔާތާ ގުޅޭ ގޮތުން ސުވާލުތައްކުރުމުން ލަދުންހުރެ ވާހަކަ ދެއްކި އަބްދުﷲ ބުންޏެވެ.

އަންނަ މަހު ތިން ވަނަ ދުވަހު އަބްލޯ ކައިވެނީގެ ވަލީމާ ބޭއްވުމަށް ނިންމާފައިވާ އިރު އެއީ ވެސް ތަފާތު ހާއްސަ ހަފްލާއަކަށް ހެދުމަށް އާއިލާއާއި އެކުވެރިން އަންނަނީ މަސައްކަތްކުރަމުންނެވެ. ސަޕްރައިޒަކަށްވުމުން މާކަބޮޑު ތަފްސީލެއް ނުލިބުނެވެ.

ކޮންމެ އަކަސް އަބްލޯ އެވަނީ ހިތްދަތި ދުވަސްތަކަށް ފަހު އެންމެ ފަހުން އޭނާގެ ލޯބި ކާމިޔާބްކޮށްފަ އެވެ. އެކަމުގައި އޭނާ މާ ކުޅެދެ އެވެ. މުޅި ރަށް އެކަން އެބަލައިގަތީ އެހެން ހުރިހާ ކައިވެނިތަކަށް ވުރެ މާ އުފާވެރިކޮށެވެ. ދެން އޮތީ އެޖަހާލި ގޮށްމަތީ ދެމިތިބުމެވެ. އަބްލޯގެ ދުއާއަކީ އެދިރިއުޅުން ބާއްޖަވެރިވުމެވެ.

comment ކޮމެންޓް