ކޯކު ފުޅިއަކުން ބެންކޮކް ދަތުރެއް ލިބިއްޖެ

އެންމެ އެސްއެމްއެސް އަކުން ބެންކޮކް ދަތުރު ލިބުނު ޝާކިރު-- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޮކާކޯލާއިން މިހާރު ކުރިއަށްގެންދާ ޕްރޮމޯޝަނެއްގައި އެންމެ އެސްއެމްއެސްއެއް ފޮނުވި ފަރާތަކަށް ބެންކޮކް ދަތުރެއް ލިބިއްޖެއެވެ.

ކޯކު ފުޅީގެ މަތިގަޑުގައިވާ ނަމްބަރެއް، 2626އަށް އެސްއެމްއެސްކޮށްގެން ބައިވެރިވެވޭ އެ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ހޮވޭ 27 ފަރާތަކަށް، އިތުރު ފަރާތަކާއެކު ބެންކޮކް ދަތުރެއް ލިބެއެވެ.

ޓޭސްޓް ދަ ފީލިންގްސްގެ ނަމުގައި ކޮކާކޯލާއިން މިހާރު ކުރިއަށްގެންދާ ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުނު ފަރާތްތަކުގެ ތެރެއިން، މުހައްމަދު ޝާކިރު ބުނިގޮތުގައި އޭނާ ބުއި ކޯކު ފުޅިތަކުގެ ތެރެއިން މަތިގަނޑުގައި އިން ނަމްބަރު އެސްއެމްއެސް ކުރީ އެންމެ ފަހަރަކު ކަމަށެވެ.

"ކުރަން ނުކުރަން ހުރެފަ ކުރީ، އެސްއެމްއެސް ކޮށްފަ ހުއްޓާ އައިސްފި ކޯލެއް، ދެން ބުނީ ނަސީބުވެރިއަކަށް ހޮވިއްޖެޔޭ،" ޝާކިރުު ބުންޏެވެ.

ނަސީބުވެރިޔާއާއެކު އިތުރު މީހަކު އެދަތުރުގައި ބައިވެރިކުރެވޭއިރު ޝާކިރު ނިންމާފައިވަނީ އޭނާގެ ބައްޕައަށް އެ ފުރުސަތުު ދިނުމަށެވެ.

އެ ޕްރޮމޯޝަންގެ ދަށުން 22 ފަރާތަކަށް އިނާމު ލިބިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ބެންކޮކު ދަތުރުލިބުނު ނުވަ ފަރާތަކާއި، އެއް އަހަރު ވަންދެން ކޮންމެ ހަފްތާއަކު 1.25 ލީޓަރުގެ ކޮކާކޯލާ ކޭހެއް ލިބޭ 13 ފަރާތެކެވެ.

އަންނަ މަހުގެ 15ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި އަދި ބާކީ 18 ފަރާތަކަށް ބެންކޮކު ދަތުރު ލިބޭއިރު ފަސް ފަރާތަކަށް ކޯކް ހިލޭ ލިބޭނެއެވެ.

ކޮކާކޯލާ އިން އަންނަނީ އަގުހުރި އިނާމުތައް ލިބޭ އެތަކެއް ޕްރޮމޯޝަނެއް ރާއްޖޭގައި ހިންގަމުންނެވެ. އެގޮތުން ނަސީބުވެރިންނަށް ޕެރިސް ފަދަ ތަންތަން ބަލައިލުމުގެ ފުރުސަތާއި ވޯލްޑްކަޕާއި ޔޫރޯ ފަދަ ބޮޑެތި ފުޓްބޯޅަ މުބާރާތްތަކުގެ މެޗުތައް ބަލާލާން ދިއުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ދީފައެވެ.

comment ކޮމެންޓް