އެއާޕޯޓްގެ ރެސްކިއު ސާވިސްއަށް އާ ދެ އުޅަނދު ގެނެސްފި

އެއާޕޯޓްގެ ރެސްކިއު ސާވިސްއަށް އަލަށް ނެރުނު ދެ އުޅަނދު --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރެސްކިއު ސާވިސްއަށް އާ ދެ އުޅަނދެއް ގެނެސްފި އެވެ. އަލަށް ގެނެސްފައި ވަނީ ކަނޑުގައި ދުއްވާ ދެ އުޅަނދެވެ.

މިއަދު މެންދުރުފަހު އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ، ގްރައުންޑް ހޭންޑްލިން އިކުއިޕްމަންޓާއި ފަޔާ ރެސްކިއު އިކުއިޕްމަންޓް އަދި އޭގެ އިތުރުން މެރިން ސްޓޭޝަނަށް ބޭނުންވާ ތަކެތިވެސް މީގެކުރިން ގެނެސްފައިވާ ކަމަށެވެ. އަދި މިއަދު އަލަށް ގެނައި ދެ އުޅަނދު ހިދުމަތަށް ނެރޭނެ ކަމަށް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ ކަނޑުގައި ދުއްވާ ދެ އުޅަނދެއް ގެނައުމުގެ ބޭނުމަކީ ސީޕްލޭން ހިދުމަތް ދޭއިރު، ކަމެއް ދިމާވެއްޖެ ނަމަ މީހުން ސަލާމަތްކުރުމުގެ ކަންކަން އަވަސްކުރުމަށް ކަމަށެވެ.

އެމްއޭސީއެލްގެ އެމްޑީ އާދިލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

"މޫދުގެ ދެ ރެސްކިއުބޯޓު މިގެނައީ، އެއީ އަޅުގަނޑުމެން ސީޕްލޭން ހިދުމަތް ދޭއިރު މީގެން ދިމާވެދާނެ ކަމަކަށް އަޅުގަނޑުމެން ތައްޔާރުވުމުގެ ގޮތުން އަޅުގަނޑުމެން ކޮށްދޭން ޖެހޭ ކަމެއް. މި ދެބޯޓުގެ މައިގަނޑު މަސައްކަތަކަށް ވާނީ ސީޕްލޭން ހާދިސާއެއް ދިމާވެއްޖެ ނަމަ އެ މަސައްކަތަށް،" އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ ސީޕްލޭން ހިދުމަތް ދިނުމުގައި ދިމާވެދާނެ ކަމެއްގެ އިތުރުން ވެސް، ކައިރި ސަރަހައްދެއްގައި ކަމެއް ދިމާވެއްޖެ ނަމަ އެކަމަށް ވެސް އެ ދެ އުޅަނދު ބޭނުންކުރެވޭނެ ކަމަށެވެ.

އެއާޕޯޓްގެ ރެސްކިއު ޓީމުގައި ހަރަކާތްތެރި ވަނީ އެމްއެންޑީއެފްގެ އޮފިސަރުންނާއި، ރެސްކިއު ހަރަކާތްތަކަށް ބައިނަލްއަގުވާމީ ގޮތުން ތަމްރީނުކޮށްފައިވާ މީހުންނެވެ.

އެއާޕޯޓްގެ ރެސްކިއު ސާވިސްއަށް އަލަށް ނެރުނު ދެ އުޅަނދު --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މިއަދު އަލަށް ދެ ބޯޓު ގެނެސްފައިވާ އިރު، މީގެ ކުރިން ވެސް ކަނޑުގައި ދުއްވާ ދެ ރެސްކިއު ބޯޓެއް އޮވެއެވެ. ނަމަވެސް ފަހުން ގެނައި ދެ ބޯޓަކީ ހުރިހާ ގޮތަކުން ވެސް ކޮލިޓީ ރަނގަޅު ހިދުމަތަށް ފަސޭހަ ދެ އުޅަނދުކަމަށް އެމްއޭސީއެލް އިން މައުލޫމާތުދެ އެވެ.

މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރެސްކިއު ޓީމުން ވަނީ ރެސްކިއު ހަރަކާތެއް ގެންދާ ގޮތް ދައްކައިލާފަ އެވެ.

comment ކޮމެންޓް