ބަންގާޅު މުބާރާތަކުން ޓީސީއަށް ޖާގަ ދީފި

މިދިޔަ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗުގައި ޓީސީ އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން ---ސަން ފައިލް ފޮޓޯ// މުހައްމަދު އަފްރާހް

ބަންގާޅުގައި އަންނަ މަހު ފަށާ އިންވިިޓޭޝަނަލް ކްލަބް ފުޓްބޯޅަ މުބާރާތުން ރާއްޖެ އަށް ލިބުނު ފުރުސަތު ޓީސީ ސްޕޯޓްސް ކަލްބަށް ދޭން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

އެފްއޭއެމް އިން ބުނީ ލީގް ޗެމްޕިއަން މާޒިޔާ އާއި އެފްއޭ ކަޕް ޗެމްޕިއަން ވެލެންސިއާ އޭއެފްސީ ކަޕްގައި ވާދަކުރަން ޖެހޭތީވީ ޓީސީއަށް އެ ފުރުސަތު ދިނުމަށް ނިންމީ އޭއެފްސީގެ ގަވާއިދުގެ ތެރެއިން ކަމަށެވެ.

އެ މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އަންނަ މަހު 18 އިން މާޗު 1 އަށެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަންނަ މަހުގެ 16 ވަނަ ދުވަހު ފަށާއިރު ޓީސީ ބައިވެރިވާ މާލޭ ލީގް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 21 ގަަ އެވެ.

ޓީސީ ވަނީ މިދިޔަ ސީޒަނުގައި އެޓީމް ކުޅުނު ތިން މުބާރާތުން ވެސް ދެވަނަ މަގާމް ހޯދައިފަ އެވެ. ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 2014 ވަނަ ހޯދައިގެން ފުރަތަމަ ޑިވިޝަނަށް ބަދަލުވި ޓީސީއަށް ބައިނަލްޣްވާމީ މުބާރާތަކުން ފުރުސަތު ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

އާސީޒަނަށް ޓީސީގެ ފަރިތަކުރުންތަށް ފަށާފައިވާ އިރު މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ތަޖުރިބާކާރު ކުޅުންތެރިން ވަނީ ޓީމް ދޫކޮށްލައިފަ އެވެ. އެއީ މިދިޔަ ސީޒަނުގެ އެންމެ ގިނަ ގޯލު ކާމިޔާބުކޮށް ރަން ބޫޓާއު މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނު އަލީ ފާސިރު (ސެންޓޭ) އާއި ގައުމީ ޓީމްގެ ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ)ގެ އިތުރުން ކީޕަރު މުހައްމަދު އިމްރާން އެވެ.

ޓީސީގެ ގިނަ ޒުވާން ކުޅުންތެރިން ޓީމުގައި މަޑުކުރަން ނިންމި އިރު ކީޕަރު އިމްރާންގެ ބަދުލުގައި ވަނީ ނޭޕާލްގެ އެއް ވަނަ ކީޕަރު ކިރަން ޝެމްޝޮން އާއި އަބްދުﷲ ހަނީފް (ބެންޖޯ) އާއި މުހައްމަދު ސާމިރުގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕްގައި ސ.ފޭދޫ ޓީމުން ވިދާލި އިބްރާހިމް މަހުދީ ހިމެނެ އެވެ.

comment ކޮމެންޓް