ގާނޫނުއަސާސީން މަތިކޮށްފައިވާ ކަމަކަށް ސިޔާސީ ސިފަ ގެނައުމަކީ ކުރާނެ ކަމެއް ނޫން: ރައީސް

މ. މުލަކުގައި ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: އިހްތިޝާމް މުހައްމަދު

ގާނޫނުއަސާސީން ވަކި ބަޔަކަށް މަތިކޮށްފައިވާ ކަމެއް އަވަސް އަރުވާލައިގެން ކުރުމަށްޓަކާ ސިޔާސީ ސިފައެއް ގެނައުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މ. މުލަކުގައި ސަރުކާރުން ގާއިމުކުރި ބޯފެނުގެ ޚިދުމަތް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ މުއައްސަސާތަކުން ކުރާ މަސައްކަތްތަކަށް ސިޔަސީ ސިފަ ގެނައުމަކީ އެމަނިކުފާނުގެ ޒަމީރު ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުގެ ޒަމީރު ގަބޫލުކުރާ ކަމެއް ނޫން ގާނޫނު އަސާސީން ވަކި ބަޔަކަށް މަތިކޮށްފައި އޮތް ކަމެއް އަވަސް އަރުވާލައިގެން ކުރުމަށްޓަކައި ސިޔާސީ ސިފައެއް އެއަށް ގެނެސްގެން ކުރުމަށްޓަކައި އިޚްތިޔާރު ނުލިބޭ ކަމެއްގައި ކޮމިޝަނެއް ނަގައިގެން މައްސަލަތައް ބަލައި މީހުން ގަން ހިންގައި ހެދުމަކީ އެއީ އަޅުގަނޑުގެ ސަރުކާރުން ކުރާނެ ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަކުގައި ފިޔަވަޅު އެޅުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅާނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުތަކުގެ ވަޒީރުން ހިންގާފައިވާ ކޮރަޕްޝަން އަމަލުތަކުގެ މައްސަލަ އޭރު ވެސް އޭސީސީ އަށް ހުށަހެޅި ކަމަށާއި މިހާރު ވެސް އަދި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ މައްސަލަތައް ހުށަހެޅޭނެ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ސަރުކާރުގެ ދައުރެއް ނޯންނަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރިޔާސީ ކޮމިޝަނެއް އުފައްދައިގެން ކުރީގެ ސަރުކާރުތަކުގެ ކޮރަޕްޝަންގެ މައްސަލަތައް މިސަރުކާރުން ނުބަލަނީ އެކަމަކީ އިސްވެ ސަރުކާރުން ކުރަންޖެހޭ ކަމަކަށް ނުވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ އޮޑިޓް ރިޕޯޓްތަކުގައި ހުރި ވާހަކަތައް ނަގައިގެން ފުލުހުންގެ ތެރެއިން ކުރާ ތަހުގީގެއް. އޭސީސީގެ ތެރެއިން ކުރާ ތަހުގީގަކީ އޭގަ ސަރުކާރުން ބައިވެރިވާނެ ކަމެއް ނޫން. އެހެންވީމަ އިސްވެ ސަރުކާރަކުން ކުރަންޖެހޭ ކަމަކަށް ނުވާތީ އޭރު ހުރި މައްސަލަތައް ރިޔާސީ ކޮމިޝަން ހަދައިގެން ނުނިންމަނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ހުރިހާ ކަމެއް ވެސް މި ވަނީ އަލުން ކުރަންޖެހިފައި ކަމަށާއި އާ ވިސްނުމަކާއި އާ އަޒުމަކާއެކު ގައުމު މިދަނީ އާ ރާއްޖެއަކާ ދިމަލަށް ކަމަށެވެ.

"މިހެން މި ދަންނަވަންޖެހުނު ސަބަބަކީ ރައްޔިތުންގެ ބޭނުންތައް އެހާ ބޮޑެތިވެފަ ހުރީމަ. މީގެ ދޮޅުއަހަރެއްހާ ކުރިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓް ޔަގީންކޮށްދިނުން. އަދި މިދިޔަ އަހަރުގެ ތެރޭގައި ކޮންމެ ރަށެއްގައި ސަރުކާރުގެ ބޭސްފިހާރައެއް ހުޅުވީ،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް