ހިއްކި ބިންތަކުގައި ކުރާ މަސައްކަތްތަކަށް އީއައިއޭ ހަދާކަށް ނުޖެހޭ

ކ. ހިންމަފުށީގެ ބިން ހިއްކާފައި ---- ފޮޓޯ/ ޓްވީޓާ

ހިއްކާފައިވާ ބިންތަކުގައި ހިންގާ މަޝްރޫއުތައް ހިންގުމަށްޓަކައި، ތިމާވެއްޓަށް އަސަރުކުރާ މިންވަރު ދެނެގަތުމުގެ ރިޕޯޓު ނުވަތަ އީއައިއޭ ރިޕޯޓު ހަދަން ނުޖެހޭ ގޮތަށް، އީއައިއޭ ގަވައިދު އިސްލާހުކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެންވާރަމެންޓް މިނިސްޓްރީން އީއައިއޭ ގަވައިދަށް ގެނައި އިސްލާހުގެ ދަށުން ހަ ބާވަތެއްގެ މަސައްކަތް ކުރުމަށް އީއައިއޭ ހަދާކަށް ނުޖެހެއެވެ.

އިސްލާހުގައިވާ ގޮތުން، ބިން ހިއްކާތާ ތިން އަހަރުގެ ތެރޭގައި އެ ބިމެއްގައި ކުރާ މަސައްކަތްތައް ކުރުމަށް އީއައިއޭ ހަދާކަށް ނުޖެހެއެވެ. އެއީ ގުދުރަތީގޮތުން އުފެދިފައިވާ ރަށްރަށާ ގުޅިގެން އިތުރުކުރެވޭ ބިންތަކެވެ. އަދި ރަށަކާ ނުގުޅުވައި މުޅިން ވަކިން ހިއްކާފައިވާ ބިމެއްގައި މަސައްކަތް ކުރަން ވެސް އީއައިއޭ ހަދާކަށް ނުޖެހެއެވެ.

އެހެން ނަމަވެސް، ކެމިކަލް، ތެޔޮ، ފައިބަރު ނުވަތަ އެހެން ވައްތަރެއްގެ ވިހަ އެއްޗަކާ ގުޅޭ މަސައްކަތް ކުރާ ނަމަ އީއައިއޭ ހަދަން ޖެހެއެވެ.

އީއައިއޭ ހަދަން ނުޖެހޭ އަނެއް ހާލަތަކީ، ފެން ނެގުމަށްޓަކައި އެއްގަމުގައި ބޯހޯލް ތޮރުފުމެވެ. މީގެ އިތުރުން ބަނދަރާއި ނެރު ތިލަވުމުން، އެތަންތަން ފުންކުރުމަށާއި، ގެދޮރު އަޅަން ދޫކޮށްފައިވާ ގޯތިތަކުގައި ހުންނަ ރުއް ގަސް ގެވަޅުގެ ވެރިފަރާތުން ނެގުމަށާއި، ދޫކޮށްފައިވާ ގޯތިތަކުގެ ސަރަހައްދުގައިވާ މަގުތަކަށް އަރާ ރުއް ގަސް ނެގުމަށް ވެސް އީއައިއޭ ހަދާކަށް ނުޖެހެއެވެ.

އީއައިއޭ ހަދަން ނުޖެހޭ ނަމަވެސް، މަޝްރޫއު ހިންގުމުގެ ހުއްދަ ލިބޭނީ މި މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް ކޮށްފާނެ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން، މަޝްރޫއު ހިންގާ ފަރާތުން އެންވާރަމެންޓް މިނިސްޓްރީއަށް ހުށަހެޅުމުންނެވެ.

comment ކޮމެންޓް