ފިލްމު "މަލިކާ"ގެ އެޑްވާންސް ބުކިން އަށް ބޮޑު ތަރުހީބެއް

ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދުގެ ސްކްރީންޕުލޭ އަކަށް ހަދާފައިވާ ފިލްމު، "މަލިކާ"ގެ އެޑްވާންސް ބުކިން އަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ފިލްމުގެ ޓީމުން ބުނެފި އެވެ.

އީއެސް އެންޓަޓައިންމަންޓުގެ ލިލީގެ ޗެއާމަން މައްލާ ނާސިރު (މައްލާ ނާބެ) އާއި އިބްރާހިމް ރަޝީދު (ޓީވީއެމް އިއްބެ) ޕްރޮޑިއުސްކޮށް ޒުވާން ގިނަ ތަރިންތަކެއް ފެނިގެންދާނެ އެ ފިލްމަށް އެޑްވާންސް ބުކިން ހެދުމަށް ހުޅުވާލީ މިދިޔަ ހުކުރު ދުވަހު އެވެ.

ފިލްމުގެ މާކެޓިން ކަންތައްތަކާ ހަވާލުވެ ހުންނަ، މަޝްހޫރު ޕްރޮޑިއުސަރު އަދި އެކްޓަރު ހުސައިން ނޫރައްދީން (ނޫރު) ބުނީ، ވޭތުވެދިޔަ ދުވަސްތަކުގައި އެޑްވާންސް ބުކިންއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

ފިލްމަށް އެޑްވާންސް ބުކިން ހެދުމަށް ހޮޓްލައިން ނަންބަރު 7447555 އަށް ނުވަތަ އީމެއިލް [email protected] އިން ވެސް ހެއްދޭނެއެވެ.

ނޫރު ބުނީ، ފިލްމު މާކެޓް ކުރުމުގައި ތަފާތު ގިނަ ކަންތައްތަކެއް ހިމަނައިގެން ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި އެގޮތުން ޓިކެޓް ގަންނަ ފަރާތްތަކަށް ހާއްސަ ސަޕްރައިޒްތަކެއް ވެސް ކުރިއަށް އެބަހުރި ކަމަށެވެ.

ފިލްމު "މަލިކާ"އަށް އެޑްވާންސް ކޮށް ޓިކެޓް ބުކް ކޮށްދޭން މިހާރު ފެށި ނަމަވެސް، އޮލިމްޕަހުން ޓިކެޓް ވިއްކަން ފަށާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ނޫރު ބުނި ގޮތުގައި، ފިލްމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައި އޮންނަތާ ދުވަސްތަކެއް ވެފައިވާއިރު، ފިލްމު މަލިކާ ވެގެންދާނީ ހުރިހާ ކަމެއް ފުރިހަމަ ވެގެން ބޮޑު ސްކްރީނުގައި ރިލީޒްކުރާ ފިލްމަކަށް ކަމަށެވެ. އަދި ފިލްމު ޕްރިމިއާ ކުރުމުގެ ކުރިން، ބޭރުގެ އެހެން ގައުމުތަކުގައި ވެސް ބާއްވާ ކަހަލަ ޕްރީ ޝޯއެއް އަޅުވާނޭ ކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގައި މިހާރު ފާހަގަވެފައިވާ ބޮޑު އިޖްތިމާއީ މައްސަލައެއްގެ މައްޗަށް ހަދާފައިވާ އެ ފިލްމުގެ މައި ރޯލުން ފެނިގެންދާނީ ކުރީގެ މަޝްހޫރު ފިލްމީ ތަރި އިސްމާއިލް ޒާހިރާއި ފިލްމީ ދާއިރާއަށް މުޅިން އަލަށް ނުކުންނަ މޫނެއް ކަމަށްވާ، ނުޒުހަތު ޝުއެއިބު (ނުޒޫ) އެވެ.

އޭގެ އިތުރުން، ފިލްމުގައި އަލީ އާޒިމް (ދޮން އައްޔަ) އާއި މިއަހަރުގެ ގައުމީ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ސަޕޯޓިން އެކްޓުރެސްގެ އެވޯޑް ހޯދި ޒުވާން ބަތަލާ ފާތިމަތު އަޒީފާ (އަޒޫ)، ޖުމައްޔިލް ނިމާލް އަދި އަހުމަދު ޝާކިރު (ޝާކް އައްމަޑޭ) ގެ އިތުރުން އަހުމަދު އާސިމް އަދި ނީނާ ސަލީމް ފެނިގެންދާނެއެވެ.

އަލީ މުސްތަފާ (ސެމީ) އާއި މޫމިން ފުއާދު އަދި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ޑައިރެކްޓްކޮށްފައިވާ ފިލްމު "މަލިކާ" އޮލިމްޕަހުގައި ޕްރިމިއާ ކުރާނީ މާޗް މަހުގެ ދެވަނަ ދުވަހުގެ ރެއެވެ.

ފިލްމު "މަލިކާ"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންނެވެ.

comment ކޮމެންޓް