ޔޫ ގްރޭޑް ލިބުނު ނިސްބަތް 5 ޕަސެންޓަށް ދަށްކުރެވިއްޖެ: އެޑިޔުކޭޝަން

މިދިޔަ އަހަރުގެ ސާނަވީ އިމްތިހާންތަކުގެ ނަތީޖާއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޝަތު ޝިހާމް ވާހަކަފުޅު ދައްކަވަނީ ---ފޮޓޯ:

ޖީސީއީ އޯލެވަލް އަދި އެސްއެސްއީ އިމްތިހާނުން އެއްވެސް މާއްދާއަކުން ފާސްނުވެ ޔޫ ގްރޭޑް ލިބުނު ކުދިންގެ އަދަދު މި އަހަރު ފަސް ޕަސެންޓަށް ތިރިކުރެވިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ސާނަވީ އިމްތިހާންގެ ނަތީޖާއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އައިޝަތު ސިހާމް ވިދާޅުވީ ޔޫ ގްރޭޑް ލިބުނު ނިސްބަތް 2015 ވަނަ އަހަރު ހުރީ 10 ޕަސެންޓްގައި ކަމަށާއި ނަމަވެސް މިދިޔަ އަހަރުގެ އެ ނިސްބަތް ފަސް ޕަސެންޓަށް ކުޑަކުރުވުމުކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ފަސް ޕަސެންޓަށް ތިރި މިކުރެވުނީ ހުރިހާ އެންމެން ގުޅިގެން. އެއީ ކުދިންނަށް އެއްވެސް ސެޓްފިކެޓެއް ނުލާ ސްކޫލުން ބާކީ ވެގެންދާ ފުރުސަތުތައް ނުވަތަ ދާން ޖެހޭ ފަހަރު ފަހަރު ވަރަށް ބޮޑަށް ކުޑަކުރެވިފައި އޮތީމާ،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނަތީޖާތަކަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ލިބުނީީ އާޓް ސުޓްރީމްގެ މައްދާތަކުންނެވެ. އަދި ޖުމްލަ ގޮތެއްގައި ހުރިހާ މައްދާތަކުން ފާސްވި ނިސްބަތް އިތުރުވެފައިވީ ނަމަވެސް ބިޒްނަސް ސްޓްޑީސްގައިި ފާސްވި ނިސްބަތް ދަށަށް ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އާޓް ސުޓްރީމްގެ ބައެއް މާއްދާތަކުން އެބަހުރި 20 ޕޮއިންޓް އާއި 10 ޕޮއިންޓާ ދެމެދުގެ ކުރިއެރުމެއް ހޯދައިފައި. އެއީ އެކުދިންނާއި ސްޓްރީމްތަކުގެ އިންޓަރެންސްޓްތަކުން ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ބިޒްނަސް ސްޓްޑީސް އިން ދަށްވެފައިވީ ނަމަވެސް މިނިސްޓަރު ވިދާޅުވީ ބިޒްނަސް ސްޓްރީމްގެ އެކައުންޓްސް ފަދަ މާއްދާތަކުން ވަނީ 15 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައި ކަމަށެވެ.

އައިޝަތު ޝިހާމް ވިދާޅުވީ މީގެ ކުރިން ސައިންސް ސްޓްރީމްގެ މައްދާތަކުން އަހަރުން އަހަރަށް އައިސްފައި ވަނީ ވަރަށް ކުޑަ ކުރިއެރުމެއް ކަމަށާއި ނަމަވެސް މިދިޔަ އަހަރު ސައިންސްގެ މާއްދާތަކުން 10 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ.

މިދިޔަ އަހަރު އިމްތިހާންގައި 5410 ދަރިވަރުން ބައިވެރިވެފައިވާ އިރު މިިނިސްޓަރު ވިދާޅުވީ މަޖުބޫރު މާއްދާގެ ގޮތުގައިވާ ކިޔަވާ ހަތަރު މައްދާތަކުގެ ތެރެއިން އިނގިރޭސި އާއި ހިސާބުން ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފަސް މާއްދާ އިން ފާސްވާ ނިސްބަތް 60 ޕަސެންޓަށް އެރުވުމަކީ ޒަމާނުއްސުރެ ބަލަމުން އަންނަ މިންގަނޑެއް ކަމަށާއި ނަމަވެސް މި ފަހަރު އެ ނިސަބަތް ވަނީ 70 ޕަސެންޓަށް ގެންދެވިފައި ކަމަށެވެ.

comment ކޮމެންޓް