ޅެންވެރިންގެ ޖަލްސާ: ޅެން ބަހުން ބުނުމުން ޅެންވެރިންނަށް ނޭނގުނީތަ؟

ރާއްޖޭގެ ބައެއް ޅެންވެރިން --- ސަންފައިލް ފޮޓޯ

ނިމިގެން ދިޔަ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް "ޅެންވެރިންގެ ބަހާރު"ގެ ނަމުގައި ހާއްސަ ހަފްލާއެއް ބޭއްވި އެވެ. ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅެތި ޅެންވެރިން ވެސް އެ ހަފްލާގައި ބައިވެރިވި އެވެ. ވަރަށް ފުރިހަމައަށް އިންތިޒާމުކޮށްގެން ބޭއްވި އެ ހަފްލާގައި ފާހަގަކޮށްލެވުނު ކަމެއްގެ ވާހަކަ ދައްކާލާނަމެވެ.

ފުުރަތަމަ ފެށިގެން ދިޔަ އިރު ޕްރެޒެންޓަރުން ހަފްލާ ތައާރަފް ކޮށްދިނީ ޅެން ބަހުންނެވެ. ތައާރަފުގައި ޅެން ބަހުން އެ ދެއްކި ވާހަކަ އެތަނަށް ހާޒިރުވެ ތިބި މީހުންނަށް ފަހުމުވި ކަމެއް ނޭނގެ އެވެ. ނަމަވެސް ޅެންވެރިކަމުގެ ގައުމީ އިނާމާއި ޝަރަފު ވެރިކަމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން ސްޓޭޖަށް އެ ރުމަށް ޅެން ބަހުން ބުނުމުން ސްޓޭޖަށް އެރުން ލަސްވީ ޅެންވެރިންނަށް އެބުނި އެއްޗެއް ފަހުމު ނުވެގެން ހެއްޔެވެ؟

" ދެން އޮތް ބައެއް ކަމުގައި މިވީ ޅެންވެރިކަމަށް ހިތްވަރު ދިނުން، ޅެންވެރި މިދީބުގެ ޝާއިރުންނަށޭ އެގޮވައިލަނީ. ޅެންވެރި ކަތުންނަށް ހާއްސަވާ ޝަރަފާއި ހިތްވަރު ލިބިވަޑައިގެންފައިވި، ޅެންވެރި މިތުރުންނަށް މާބޮޑިތަކުން ވެދުމެއް ދެނީ" މިއީ ޕްރެސެންޓަރުން ސްޓޭޖަށް އަރަން ޅެންވެރިންނަށް ގޮވާލި ޅެމުގެ ބައިތެވެ.

އެބައިތުން ސްޓޭޖަށް އަރަން ބުނިތާ އެތައް އިރެއް ފަހުން ވެސް އެއްވެސް މީހަކު ސްޓޭޖަކަށް ނާރަ އެވެ. އަދި އެކަކު އަނެކެއްގެ މޫނަށް ބަލައި ހަދަންވީ ގޮތެއް ނޭނގިގެން އުޅުނު މަންޒަރެއް ވެސް ފެނުނެވެ. ޕްރެޒެންޓަރަށް ޖެހުނީ އެބޭފުޅުންނަށް ފަހުމު ވާނެހެން އާންމުކޮށް މިވާހަކަ ދައްކާ އުސޫލުން ސްޓޭޖަށް އަރަން ބުނާށެވެ. މިއީ ދައްކަން ޖެހޭ ވާހަކަ އެކެވެ. ޅެން ބަހުން ބުނި އެއްޗެއް ޅެންވެރިންނަށް ނޭނގުން ކަމަށްވާ ނަމަ އެއީ މައްސަލަ އެކެވެ.

ހުކުރު ދުވަހުގެ ރޭ އޮލިމްޕަހުގައި ބޭއްވި ހަފްލާގައި ބައިވެރިވެ ވަޑައިގެން އަދި ޅެންވެރިކަމުގެ ރޮނގުން ގައުމީ އިނާމު ހާސިލް ކުރައްވާފައިވާ މުހައްމަދު އާމިރު (ފަރެސް އާމިރު) ވިދާޅުވީ ޅެން ބަހުން އެ ހުށަހެޅި ވާހަކަތައް ދޭހަ ނުވީ ދެ ސަބަބަކާ ހެދި ކަމަށް ވުން އެކަށީގެންވާ ކަމަށެވެ. އެއީ ޅެންވެރިންނަށް ދޭހަވާ ވަރަށް ވުރެ މޮޅަށް ޕްރެޒެންޓަރުން ޅެންބަހުން ހުށަހެޅުމުން ކަމަށް ވެދާނެ ކަމަށް އާމިރު ވިދާޅުވި އެވެ.

އެކަމަކު ދައުވަތުގެ ބައިތުން އާމިރުއަށް ސްޓޭޖަށް އަރަން ދައުވަތު ދިންކަން ދޭހަވި ކަމަށާއި ނަމަވެސް "އަޅުގަނޑު މަޑުކުރީ ސީނިއާ ބޭފުޅުން އަރައިވަޑައިގަންނަވަންދެން" ކަމަށް އާމިރު ވިދާޅުވި އެވެ.

"ޅެންވެރިކަމުގެ އިނާމު ލިބުނު މީހުންނަށް ޅެން ދޭހައެއް ނުވި. އެހެންކަމަށް ވެފައި މިއޮތީ. އެހެންވީމާ ޅެމަކީ ކޮބައިތޯ ބަލައިލަން ޖެހިފައި މިއޮތީ. މީގައި އޮންނާނީ މައިގަނޑު ދެގޮތް. އެއްގޮތަކީ އިނާމު ލިބިފައިވާ މީހުންނަށް ދޭހަވާ ވަރަށް ވުރެ ދައުވަތުގެ ބައިތުގެ ފެންވަރު މަތިވުން. އަނެއް ގޮތަކީ ދައުވަތުގެ ބައިތުން އެއްޗެއް ދޭހަވާވަރަށް ވުރެ ސަހަލުވުން." ފަރެސް އާމިރު ވިދާޅުވި އެވެ.

"ޅެންވެރިންގެ ބަހާރު" އެ ހަފްލާ އިންތިޒާމު ކުރީ ދިވެހިބަހުގެ އެކަޑަމީންނެވެ. ޕްރެޒެންޓަރުން ހުށަހެޅުމަށް ޅެން ތައްޔާރުކުރީ ވެސް ބަހުގެ އެކަޑަމީންނެވެ. އެހަފްލާ އާ ގުޅޭ ގޮތުން އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ އެއްގޮތަކަށް ވެސް ޅެންވެރިންނަށް އެ ވިދާޅުވި އެއްޗެއް ފަހުމު ނުވީ ނޫން ކަމަށެވެ.

ސްޓޭޖަށް އަރާ ވަޑައިގަތުމަށް ގޮވާލި ބޭފުޅުންގެ ތެރޭގައި އުމުރުން ދުވަސްވުމުގެ ސަބަބުން މީހުންގެ އެހީއާ ނުލައި ސްޓޭޖަށް އަރާ ވަޑައިނުގަނެވޭ ބޭފުޅުން ތިއްބެވި ކަމަށާއި ލަސްވީ އެކަމުގެ ސަބަބުން ކަމަށް އަޝްރަފް ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ޅެންބަހުން އެވިދާޅުވި އެއްޗެއް ޅެންވެރިންނަށް ފަހުމު ނުވީ އެއް ނޫން،" އަޝްރަފް ވިދާޅުވި އެވެ.

ޅެންބަހުން މުޅި ހަފްލާ ކުރިއަށް ގެންދިޔަ އެއީ ފުރަތަމަ ހަފްލާކަން ފާހަގަކޮށް އަޝްރަފް ވިދާޅުވީ އެފަދަ ހަފްލާއެއް ކުރިއަށްގެންދާ އިރު އަދި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ހުރިކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ޅެންބަހުން ބުނާ އެއްޗެއް ދޭހަވާން ޖެހޭ

އެރޭގެ ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ. މިނިސްޓަރުގެ ވާހަކަފުޅު ފުރަތަމަ ކުރިއަށް ގެންދިޔައީ ޅެން ބަހުންނެވެ. ވަރަށް ފަށުވިކޮށް ޅެންބަހުން ހުރިހާ ފަރާތްތަކަށް ތަހުނިޔާ އަދި މުބާރިކުބާދީ އަރިސް ކުރުމަށް ފަހު އާދައިގެ ބަހުން މިނިސްޓަރު ދެތިން ބަހެއް ބުނެލި އެވެ.

މިނިސްޓަރު އަޒްލީން ވިދާޅުވީ ޅެންބަހުން ވާހަކަ ދެއްކުމުން އެއްޗެއް ބުނެވުނު ކަމުގެ އިހުސާސް ނުކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ ޅެންބަހުން ހަފްލާ ކުރިއަށް ގެންދިއުމުން ވަގުތު ސަލާމަތްވާ ކަން ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް އެއީ ހަފްލާގެ ބައިވެރިންނަށް "ޅެން ބަހުން އެ ދައްކާ ވާހަކަ ފަހުމް ވާނަމަ" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވަރަށް ޒުވާން ދެބޭފުޅަކު މިރޭ ޖަލްސާ ފައްޓަވައި ދެއްވަމުން ޅެންބަހުން ހުށަހަޅައިދެއްވުމުން އަޅުގަނޑުމެންގެ ޅެންވެރިންނަށް ވެސް ކުޑަ ކުޑަކޮށް އިސްނެގުން ލަސްވެގެން ދިޔަ،" މިނިސްޓަރު އަޒްލީން ވިދާޅުވި އެވެ.

ގިނަވަގުތު ނަގާ ޖަލްސާތަކަށް ޅެންބަހުން ކުރިއަށް ގެންދަން ރާވަން ވެއްޖެ ކަމަށާއި ނަމަވެސް ވަރަށް "ހުޝިޔާރުވާން ޖެހޭނެ" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ޅެންވެރިން ނޫން މީހުންނަށް ސްޓޭޖަށް ދާން ބުނެގެން ނޭނގެނީ ކަމަށް މިނިސްޓަރު އަޒްލީން ވިދާޅުވި އެވެ.

ކޮންމެ ގޮތެއްވިޔަސް ހަފްލާ ޓީވީން ވަގުތުން ބަލަން ތިބި މީހުންނަށް އެކަން ވަރަށް މަޖާ ކަމަކަށް ވި އެވެ. އެވާހަކަ ގިނަ ބަޔަކު ދައްކައި ވެސް ހެދި އެވެ. އެ ހަފްލާ އަކީ މުޅި ހަފްލާ ޅެން ބަހުން ހުށަހެޅި ފުރަތަމަ ހަފްލާއަށް ވުމުން އެކަހަލަ މައްސަލަތަކެއް ދިމާވެދާނެ އެވެ. ކުރިއަށް އޮތްތަނުގައި ރަނގަޅުވާނެ ކަމަށް ބަލަމާ ހިނގާށެވެ.

comment ކޮމެންޓް