ޓީއެމްއޭގެ ބޯޑުގެ ބައްދަލުވުން ކަނޑުއަޑީގައި

ޓީއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުން، ޅ. ހުރަވަޅި ރިސޯޓުގެ އަންޑަވޯޓާ ރެސްޓޯރަންޓުގައި ކުރިޔަށްދަނީ -- ފޮޓޯ/ މޯލްޑިވްސް އިންސައިޑާ

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއް ކަނޑު އަޑީގައި ބާއްވައިފި އެވެ.

ޓީއެމްއޭއަކީ ރާއްޖޭގައި، އަދި މުޅި ދުނިޔޭގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ސީޕްލޭންގެ ޚިދުމަތް ދޭ އެއާލައިނެވެ. އަދި 45 އެއާކްރާފްޓާ އެކު، މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑު ސީޕްލޭން ފްލީޓު އޮންނަނީ ޓީއެމްއޭގަ އެވެ.

ރާއްޖޭގެ ޓްރެވަލް އެންޑް ލައިފްސްޓައިލް ޚަބަރުތައް ގެނެސްދޭ ވެބްސައިޓު "މޯލްޑިވްސް އިންސައިޑާ"އިން މިއަދު އާންމުކުރި ފޮޓޯއަކުން ދައްކާ ގޮތުގައި، ޓީއެމްއޭގެ ބޯޑުގެ ބައްދަލުވުމެއް ދާދި ފަހުން ވަނީ ކަނޑުއަޑީގައި ބާއްވައިފަ އެވެ.

މި ބައްދަލުވުން ބޭއްވީ، މިދިޔަ ޑިސެމްބަރު މަހު ޅ. އަތޮޅުގައި ހުޅުވި ހުރަވަޅި މޯލްޑިވްސް ރިސޯޓުގައި ހުންނަ، ކަނޑުއަޑީގެ ރެސްޓޯރަންޓުގައެވެ. "5.8 އަންޑަސީ ރެސްޓޯރަންޓް"ގެ ނަމުން ނަން ދީފައިވާ އެ ރެސްޓޯރަންޓަކީ ދުނިޔޭގައި ހުރި އެންމެ ބޮޑު އަންޑަވޯޓާ ރެސްޓީރަންޓެވެ.

ހުރަވަޅި މޯލްޑިވްސްއަކީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ހިންގާ ރިސޯޓެކެވެ. ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު (ޗަމްޕާ) ހުސައިން އަފީފަކީ، ޓްރާންސް މޯލްޑިވިއަން އެއާވޭސްގެެ ޑިރެކްޓަރުންގެ ބޯޑުގެ ވެސް މެމްބަރެކެވެ.

comment ކޮމެންޓް