ހިމާުޔަތްކޮށްފައިވާ ދޫނި ގެންގުޅުނު ބަޔަކު ދޮޅު ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ހިމާޔަތްކޮށްފައިވާ ދޫންޏެއް މިހަކު ހިފާފައި.

ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ގެންގުޅެގެން، މ. އަތޮޅުގެ ދެ ރަށަކުން ހަ މީހަކު ޖޫރިމަނާކޮށްފި އެވެ. އެންވާރަމެންޓް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، ޖުމްލަ 156،000 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ވަނީ ހޯދައިފަ އެވެ.

އެންވާރަމެންޓް މިނިސްޓްރީން ބުނީ، މ. މުލަކުގައި ހިމާޔަތް ކުރެވިފައިވާ އަށް ދޫންޏެއް ގެންގުޅެގެން ހަތަރު މީހަކު، ޖެނުއަރީ 19 ވަނަ ދުވަހު ޖުމްލަ 96،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އަދި ޖެނުއަރީ 22 ވަނަ ދުވަހު، ހިމާޔަތް ކުރެވިފައިވާ ފަސް ދޫންޏެއް ގެންގުޅެގެން މ. މުލިން ދެ މީހަކު، 60،500 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ މީހުން ޖޫރިމަނާ ކުރީ ކޮންކޮން ބާވަތެއްގެ ދޫންޏެއް ގެންގުޅެގެންކަމެއް ސާފުވާ ގޮތެއް ނުވިއެވެ.

މިނިސްޓްރީން ބުނީ، މިއީ އެންވާރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ އަދި ފުލުހުން ގުޅިގެން ކުރިޔަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައިވެސް، ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ބ. ދޮންފަނުގައި ގެންގުޅުނު މީހަކު 111،500 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.

comment ކޮމެންޓް