ކޮރެއާގެ ހަ ފަތުރުވެރިއަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދެނީ

ދެކުނު ކޮރެއާގެ ހަ ފަރާތަކަށް، އިނާމެއްގެ ގޮތުގައި ރާއްޖޭގައި ޗުއްޓީއެއް ހޭދަކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭ ސޯޝަލް މީޑިއާ ހަރަކާތެއް މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ފަށައިފި އެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި، އެ ކޯޕަރޭޝަނުން އިއްޔެ ފެށި މި ހަރަކާތަކީ، ދެކުނު ކޮރެއާގައި ހުންނަ އެ ކޯޕަރޭޝަންގެ ޕީއާރު ޕާޓްނާ، އެސް މާކެޓިންގް އެންޑް ކޮމިއުނިކޭޝަނާ ގުޅިގެން، ވިޒިޓް މޯލްޑިވްސްގެ ކޮރެއާ ބަހުގެ ވެބްސައިޓުގައި ހިންގާ ހަރަކާތެކެވެ.

ޗައިނީޒް ނިއު އިޔާގެ މުނާސަބާއާ ގުޅުވައިގެން ހިންގާ އެ ހަރަކާތުގެ ދަށުން ވިޒިޓް މޯލްޑިވްސްގެ ކޮރެއާ ވެބްސައިޓުގައި ސުވާލުތަކެއް ކުރެވޭނެ އެވެ. އެއީ، މި ހަރަކާތުގެ ބައިވެރިން ރާއްޖެއަށް ދަތުރުކުރަން ބޭނުންވާ ސަބަބާ ބެހޭ ގޮތުންނެވެ. މި ސުވާލު، ހަނީމޫން، ފެމިލީ އަދި ވޯޓާ އެކްޓިވިޓީޒު ފަދަ ކެޓެގަރީތަކުގެ ދަށުން ކުރެވޭނެ އެވެ.

ބައިވެރިން ޖެހޭނީ އެ އެ ސުވާލަށް ރަނގަޅު ޖަވާބެއް ދީ، އެމްއެމްޕީއާރުސީގެ ކޮރެއާ ބްލޮގަށް ޕޯސްޓު ކުރާށެވެ. އެ ޖަވާބާއެކު، ޖަވާބު ދޭ ފަރާތުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ލިންކް ވެސް ފޮނުވަން ޖެހެ އެވެ.

އެންމެ ރަނގަޅު ޖަވާބުތައް ކަނޑައަޅާނީ އެމްއެމްޕީއާރުސީންނެވެ.

އެންމެ ރަނގަޅު ހަ ޖަވާބު ފޮނުވި ހަ ފަރާތަކަށް، އިނާމެއްގެ ގޮތުގައި ރާއްޖޭގައި ހަތަރު ދުވަހުގެ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ޗުއްޓީގެ ފުރުސަތު ލިބޭނީ ޕެރެޑައިޒް އައިލެންޑް ރިސޯޓު އެންޑް ސްޕާ، ލިލީ ބީޗު މޯލްޑިވްސް، އަދާރަން ޕްރެސްޓީޖް ވާދޫ، ކޮކޫން މޯލްޑިވްސް، ޝަންގްރިލާ ރިސޯޓް އެންޑް ސްޕާ އަދި ޕާމް ބީޗު ރިސޯޓު އެންޑް ސްޕާއިންނެވެ.

އެމްއެމްޕީއާރުސީން ބުނީ، އިނާމު ލިބޭ ފަރާތްތައް ރާއްޖޭގައި ތިބޭ ދުވަސްވަރުގައި، އެފަރާތުގެ ތަޖުރިބާތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް، ރިސޯޓު ޕްރޮމޯޓު ކޮށްދޭންވާނެ ކަމަށާއި، އެމީހުންގެ ޗުއްޓީއާ ގުޅޭ ވާހަކަތައް ކޮރެއާގެ ޓްރެވަލް ޗެނަލްތަކުން ދައްކާނެ ކަމަށެވެ.

މި ހަރަކާތް އިއްޔެ ފަށާފައިވާ އިރު، ފެބްރުއަރީ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެއެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު، ސޯޝަލް މީޑިއާ ބޭނުންކުރާ، ދެކުނު ކޮރެއާގެ ކޮންމެ ރައްޔިތަކަށް ވެސް އޮތީ ހުޅުވާލެވިފަ އެވެ.

comment ކޮމެންޓް