ޓީއެމްއޭގެ ސީޕްލޭން ދަތުރުތަކެއް މަނަދޫ އިން ވެލާނާ އެއާޕޯޓަށް

ޓީއެމްއޭގެ ސީޕްލޭނެއް: އެ ކުންފުނީގެ ޝެޑިއުލް ދަތުރުތަކެއް ވަނީ މަނަދޫ އިން ފަށަފައި ---- ސަން ފައިލް ފޮޓޯ

ނ. މަނަދޫ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ސީޕްލޭން ޝެޑިއުލް ދަތުރުތަކެއް މިއަދު ފަށައިފި އެވެ.

މަނަދޫ ކައުންސިލް މެންބަރު އަލީ ޝިޔާޒް "ސަން" އަށް މިއަދު ވިދާޅުވީ އެ ޝެޑިއުލް ދަތުރުތައް ކުރަނީ މަނަދޫ ކައިރީ އޮންނަ ސަން ސިޔާމް އިރުފުށި ރިސޯޓުން މާލެއަށް ދަތުރުކުރާ ސީޕްލޭންތައް ކަމަށެވެ.

"އިރުފުށިން އެއާޕޯޓަށް ދަތުރުކުރާ ސީޕްލޭންތައް މިކޮޅުގައި [މަނަދޫގައި] ޖައްސާފައި ބާކީ ހުރި ޝީޓްތަކަށް މީހުން ނަގައިގެން އެއާޕޯޓަށް ނައްޓާލާނީ. ކޮންމެ ފްލައިޓެއް ވެސް މިކޮޅަށް ޖައްސާނެ މިކޮޅުން ޖާގަ ބޭނުންވާ މީހަކު ހުރިނަމަ،" ޝިޔާޒް ވިދާޅުވި އެވެ.

އެ ދަތުރުތައް ކުރަނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިންނެވެ.

ޝިޔާޒް ވިދާޅުވީ މީގެކުރިން މަނަދޫ ރައްޔިތުން ސީޕްލޭންގައި ދަތުރުކުރަނީ މަނަދޫ އިން އިރުފުށި ރިސޯޓަސް ގޮސްގެން ކަމަށެވެ. ނަމަވެސް މިހާރު ފެށި ހިދުމަތުގެ ސަބަބުން ރައްޔިތުންނަށް ފައިދާވާނެ ކަމަށް ޝިޔާޒް ވިދާޅުވި އެވެ.

ޝިޔާޒް ވިދާޅުވީ މިއަދު ވެސް މަނަދޫ އިން ދެ ދަތުރެއް ކުރަން ހަމަޖެހިފައިވާ އިރު ފުރަތަމަ ދަތުރުގެ ސީޓްތައް ފުލް ވެފައިވާ ކަމަށެވެ.

comment ކޮމެންޓް