ރައީސް ޔާމީން ދިއްގަރު ފެނުގެ ނިޒާމު އިފްތިތާހު ކުރައްވައިފި

ރައީސް ޔާމީން ދިއްގަރުގެ ފެނުގެ ނިޒާޟު ރަސްމީ ކޮށް އިފްތިތާހް ކޮށް ދެެއްވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މުލަކަތޮޅު ދިއްގަރުގައި ސަރުކާރުން ގާއިމްކޮށްފައިވާ ސާފު ބޯފެނުގެ ނިޒާމު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރަސްމީކޮށް އިފްތިތާހު ކުރައްވައިފި އެވެ.

ދިއްގަރު ފެނުގެ ނިޒާމު ރައީސް ޔާމީން އިފްތިތާހު ކުރެއްވި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓު މިނިސްޓަރު ޠާރިގު އިބްރާހީމާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އެންމެނަށް ސާފު ފެން ޔަގީން ކޮށްދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދިއްގަރުގައި ގާއިމްކޮށްފައިވާ ބޯފެނުގެ ނިޒާމަށް 25.8 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވެ އެވެ.

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ އެ މަސައްކަތް 2013 ވަނަ އަހަރުގެ އޯގަސްޓު މަހު ހަވާލުކޮށްފައިވާ އިރު، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2014 ވަނަ އަހަރުގެ މާޗު މަހުގަ އެވެ.

ދިއްގަރުގެ ފެނުގެ ނިޒާމުގެ ދަށުން 20 ޓަނުގެ ދެ ޑީސެލިނޭޝަން ޕްލާންޓު ބަހައްޓާފައިވެ އެވެ. އެ ޕްލާންޓުތަކުން ދުވާލަކު 40 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާއިރު، އެ ޕްލާންޓުތަކުން އުފައްދާ ފެން ރައްކާކުރުމަށް 200 ޓަނުގެ ތާންގީ އެއް ބަހައްޓާފައިވެ އެވެ. އަދި ރަށުގެ ރައްޔިތުންނަށް ފެން ފޯރުކޮށް ދިނުމަށް 4.7 ކިލޯމީޓަރުފެ ފެން ވިއުގައެއް އެ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާއިރު، 202 ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ބަހައްޓާފައިވެ އެވެ.

ދިއްގަރުގައި ފެން އުފެއްދުމަށް ބަހައްޓާފައިވާ ދެ ޕްލާންޓް: އެ ދެ ޕްލާންޓުން ދުވާލަކު 40 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވޭ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ފެން އުފައްދާ ޕްލާންޓުތަކުގެ އިތުރުން ގުދުރަތީ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުން ކުރުމަށާއި، ފެން އުފެއްދުމަށް ކުރާ ހަރަދު ކުޑަކުރުމަށް 500 ޓަނުގެ ފެން ރައްކާކުރެވޭނެ ތާނގީއެއް ބަހައްޓާފައިވެ އެވެ. އެ ތާނގީއަށް ޖަމާ ކުރާ ފެނަކީ ސާފު ފެން ކަމުގައި ހެދުމަށް އެ މަޝްރޫއުގެ ދަށުން ވަނީ، ފެން ފިލްޓާ ކުރާނެ ނިޒާމެއްވެސް ގާއިމްކޮށްފަ އެވެ.

ދިއްގަރުގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާ އެވެ.

ރައީސް ޔާމީނާއެކު ދިއްގަރަށް ވަޑައިގެންނެވި އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް ވަނީ އެ ރަށުގައި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ރަސްމީ ގޮތުން މިއަދު ފައްޓަވާފަ އެވެ.

ދެހާސްސާދަ ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، ދިއްގަރުގައި ފެނާއި ނަރުދަމާ ގާއިމު ކުރުމަށް 54 މިލިއަން ރުފިޔާގެ މަޝްރޫއެއް ފެށި އެވެ. ސަރުކާރުގެ ވަފުދެއް އެ ރަށަށް ވަޑައިގެން އެ ރަށުގައި އެ މަޝްރޫއު ފަށައި ދިނީ 16 މާޗް 2014 އެވެ. އެ މަސައްކަތުގެ ދަށުން ނިމުނީ ފެނުގެ ނިޒާމު އެކަންޏެވެ. ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫ ހުއްޓިފައި އޮތުމަށްފަހު އަލުން އަނެއްކާ ފެށި މިއަދު އެވެ.

ދިއްގަރަކީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރައްވާ ދާއިރާ ނިސްބަތްވާ ރަށެވެ.

comment ކޮމެންޓް